ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމުތަކުގެ ތެރެއިން 1964 ގައި ގެނެސް ދިން ފިލްމު "ގޯލްޑްފިންގާ" ގައި ބޮންޑްގާލްގެ ރޯލް ކުޅުނު ބަތަލާ ޓާނިއާ މެލެޓް އާދީއްތަ ދުވަހު މަރުވެއްޖެ އެވެ.
އުމުރުން 77 އަހަރުގައި އޭނާ މަރުވި ވާހަކަ ޖޭމްސް ބޮންޑްގެ ރަސްމީ ޓްވިޓާގައި ވެސް ހިއްސާކުރަމުން ބުނީ "ގޯލްޑްފިންގާ" ގައި ޓިލީ މެޓާސަންގެ ރޯލް ކުޅުނު ބަތަލާގެ މަރަކީ ހިތާމަވެރި ޚަބަރެއް ކަމަށެވެ.
އިނގިރޭސި ބައްޕައަކާއި ރަޝިއާގެ މަޔަކަށް އުފަން ޓާނިއާގެ މަރާ ބެހޭ އެއްވެސް ތަފުސީލެއް މީޑިއާތަކުން ވެސް ހާމައެއް ނުކުރެ އެވެ.
ރިޕޯޓްތަައް ބުނާ ގޮތުން "ގޯލްޑްފިންގާ" ގެ ބަތަލާގެ ރޯލް ކުޅެން ލިބުމުގެ ކުރިން، 1963 ގެ ބޮންޑް ފިލްމު "ފްރޮމް ރަޝިއާ ވިތު ލަވް" ގެ ބަތަލާގެ ރޯލް ވެސް ޓާނިއާ އަށް ހުށަހެޅި އެވެ. އެކަމަކު ފަހުން އޭނާގެ ބަދަލުގައި އެ ފިލްމުގައި ބޮންޑްގާލްގެ ރޯލް ކުޅެން ފުރުސަތު ދިނީ އިޓަލީގެ ބަތަލާ ޑެނިއެލާ ބިއާންޗީއަށެވެ.
އޭގެ އެއް އަހަރު ފަހުން ޝޯން ކޯނެރިއާ އެކު ބޮންޑްގާލްގެ ރޯލް ކުޅެން "ގޯލްޑްފިންގާ" އިން ޓާނިއާ ޕްރޮޑިއުސަރު ކަބީ ބްރިކޮލީ ފުރުސަތު ފަހިކޮށް ދިނީ އެވެ.
ޓާނިއާ ވަނީ ފުރާވަރު އުމުރުގައި މޮޑެލްކޮށްގެން ވެސް ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދައިފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ބޮންޑްގާލްގެ ރޯލް ކުޅެން ފުރުސަތު ލިބުނީ ވޯގް މަޖައްލާ އަށް ހެންރީ ކްލާކް ނެގި ފޮޓޯއެއް ބްރޮކޮލީ އަށް ދެއްކުމުން އޭނާ އަށް އެ ފޮޓޯ ވަރަށް ކަމުގޮސްގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ބޮންޑްގާލްގެ ރޯލް ކުޅުނު ނަމަވެސް ޓާނިއާއަކީ އިތުރު ފިލްމުތަކެއްގައި އެކްޓް ކުރި މީހެއް ނޫނެވެ. އެގޮތުން ފަހުން އޭނާ ކުޅުނު އެއްޗަކީ 1976 ގެ ޓީވީ ސިލްސިލާ "ދި ނިއު އެވެންޖާޒް" ގެ އެޕިސޯޑެކެވެ.