ދަރިފުޅު އާތިޔާގެ ފިލްމާ ސުނިލް ޝެޓީ ބެހޭތީ ޕްރޮޑިއުސަރުން އިންޒާރުގެ ނޯޓިސް ދީފި

ސުނިލް ޝެޓީ އޭނާގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ ނަވާޒުއްދީން ސިއްދީގީއާ އެކު ކުޅެފައިވާ ފިލްމު "މޯޓީޗޫރް ޗަކްނަޗޫރް" ގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތުގެ ތެރެއަށް ނުފޫޒު ފޯރުވަން އުޅެ، ފިލްމުގެ މަސައްކަތްތަކާ ބެހޭ ކަމަށް ތުހުމަތުކޮށް އޭނާ އަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދީފި އެވެ.


މުމްބާއީ މިރާ އިން ބުނި ގޮތުގައި އެ ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ރާޖޭޝް އާއި ކިރަން ބާޓިއާ އެ މީހުންގެ ވަކީލުން ކަމަށްވާ ރަމޭޝް އާއި ކުސުމް ޖެއިން މެދުވެރިކޮށް ސުނިލް ޝެޓީ އަށް އިންޒާރުގެ ނޯޓިސް ފޮނުވީ މިދިޔަ މަހުގެ 13 ގަ އެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި "މޯޓީޗޫރް ޗަކްނަޗޫރު" ގައި އެއްވެސް ހައިސިއްޔަތަކުން ސުނިލްގެ އެއްވެސް ހިއްސާއެއް ނެތް ނަމަވެސް އޭނާ ވަނީ ފިލްމުގެ އެޑިޓިން ފަދަ މަސައްކަތުގެ ތެރެއަށް އަތްބާނަން މަސައްކަތްކޮށްފަ އެވެ. އަދި ފިލްމުގެ ފައިނަލް ކަޓް ނިންމަން ވާނީ ސުނިލްގެ ރުހުން ލިބިގެން ކަމަށް ބުނެ، ފިލްމުގެ ޓީމާ އޭނާ ޖަދަލުކޮށް، ފިލްމުގެ މަސައްކަތްތަކަށް ހުރަސް އަޅާ ކަމަށް ބުނެފައިވެ އެވެ.

އެހެންވެ އެކަން ތަކުރާރު ކުރާ ނަމަ ގާނޫނީ ގޮތުން ސުނިލް އަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ޕްރޮޑިއުސަރުން ދީފައިވެ އެވެ.

"ފިލްމާ ގުޅުން ހުރި ހުރިހާ ކަމެއް ވެސް ނިންމާނީ ފިލްމުގެ ޓީމުން. މި މަސައްކަތަކާ ބެހުމުގެ އެއްވެސް ހައިސިއްޔަތެއް ސުނިލްގެ ނޯންނާނެ،" ސުނިލް އަށް ފޮނުވި ނޯޓިހުގައި ބުނެފައިވެ އެވެ. "އެހެންވެ ފިލްމުގެ މަސައްތަކާ ސީދާކޮށް އަދި ނުސީދާކޮށް ވެސް ނުބެހުމަށް އިލްތިމާސް ކުރަން. އަދި އެކަން ތަކުރާރު ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅަން ޖެހިދާނެ ވާހަކަ ވެސް ހިއްސާ ކުރަން."

އަންނަ ޖުލައި މަހުގެ 19 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "މޯޓީޗޫރް ޗަކްނަޗޫރް" އަކީ ދޭބާ މިތުރާ ހަސަން ޑައިރެކްޓް ކުރާ ރޮމޭންޓިކް ކޮމެޑީއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސުނިލް ފިލްމުގެ މަސައްކަތަށް ނުފޫޒު ފޯރުވަން އުޅެނީ އާތިޔާގެ ކެރިއަރު އެހާ ރަނގަޅަށް ނުދާތީ އޭނާގެ ތިން ވަނަ ފިލްމަށް ވެދާނެ ގޮތަކާ ދޭތެރޭ ނުތަނަސްވެގެންނެވެ. ސަލްމާން ހާން 2015 ގައިި ގެނެސް ދިން "ހީރޯ" އިން ބޮލީވުޑަށް ނުކުތް އާތިޔާ މިހާތަނަށް ކުޅުނީ އެންމެ ދެ ފިލްމެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ 2017 ގެ "މުބާރަކަން" އިންނެވެ.

އަދި ފިލްމު ކުޅެން ފެށިތާ ހަތަރު އަހަރުވީ އާތިޔާ، 26، އަކީ ބޮލީވުޑުން މިހާތަނަށް މާ ރަނގަޅު ފުރުސަތުތަކެއް ލިބެމުންދާ ބަތަލާއެއް ނޫނެވެ.

ސުނިލްގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ވެސް މިހާރު އަންނަނީ ބޮލީވުޑް ދަތުރު ފަށަން ތައްޔާރުވަމުންނެވެ. އޭނާގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ހިންދީ ރިމޭކެވެ.