އެލްބާ: "ސުއިސައިޑް ސްކޮޑް" ގެ ސީކްއެލް އިން ފެންނާނެ.
08 އެޕްރީލް 2019 - 07:36
"ސުއިސައިޑް ސްކޮޑް" ގެ ދެވަނަ ބައިން އިނގިރޭސި އެކްޓަރު އިދުރީސް އެލްބާ ފެންނާނެކަމާ ދޭތެރޭ މިހާރު އެއްވެސް ޝައްކެއް ނެތެވެ. މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ކާސްޓަށް ނެގީ، ވިލް ސުމިތު ދެވަނަ ބައިގައި ހިއްސާ ނުވާން ނިންމުމުންނެވެ.
އެހެންވެ "ސުއިސައިޑް ސްކޮޑް" ގައި ސުމިތު ކުޅުނު ޑެޑްޝޮޓް/ފްލޯއިޑް ލޯޓަންގެ ކިޔާ ކެރެކްޓާ އިން ޖޭމްސް ގަން ޑައިރެކްޓް ކުރާ ސީކްއެލް އިން ފެންނާނީ އެލްބާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ. ނަމަވެސް މިހާރު ކަށަވަރުވެފައިވާ ގޮތުގައި ސުމިތު ކުޅުނު ކެރެކްޓާ، އެލްބާ ކުޅެނީކީ ނޫނެވެ. ޑެޑްޝޮޓްގެ ކެރެކްޓާ ފިލްމުން އުނިކޮށް، އެލްބާއާ އެކު މުޅިން އާ ކެރެކްޓާއެއް ތައާރަފު ކުރަނީ އެވެ.
ވެރައިޓީން ބުނި ގޮތުގައި އެލްބާ މުޅިން އާ ކެރެކްޓާއަކުން ގެންނަން ނިންމުމަކީ ސީދާ ޖޭމްސްގެ ނިންމުމެކެވެ. އެކަމަކު އެ ކެރެކްޓާގެ ނަމެއް ހާމައެއް ނުކުރެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ސުއިސައިޑް ސްކޮޑް" ގެ ދެވަނަ ބައިގައި މި ފަހަރު ޑެޑްޝޮޓްގެ ކެރެކްޓާ ނުހިމަނަން ނިންމި އެއް ސަބަބަކީ ފަހުން އަދި އެ ރޯލުން ސުމިތު ފެނިދާނެތީ އެވެ. އޭނާ މި ފަހަރު ފިލްމު ދޫކޮށްލީ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވެގެން ވަގުތު ދެވެން ނެތުމުންނެވެ.
ޑޭވިޑް އޭޔާ ޑައިރެކްޓްކޮށް 2016 ގައި ގެނެސް ދިން "ސުއިސައިޑް ސްކޮޑް" އިން ސުމިތާ އެކު މުހިއްމު ރޯލްތައް ކުޅުނު ތަރިންގެ ތެރޭގައި މާގޯ ރޮބީ، ޖެރެޑް ލެޓޯ، ވައޯލާ ޑޭވިސް، ސްކޮޓް އީސްޓްވުޑް އަދި ކާރާ ޑެލެވީން ހިމެނެ އެވެ. ފިލްމުގެ ދެވަނަ ބައި އޮގަސްޓް، 6، 2021 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ އިރު، މީގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
"ސުއިސައިޑް ސްކޮޑް" ދެވެނަ ބައިގެ ސްކްރީންޕްލޭ ވެސް ލިޔާނީ ދާދި ފަހުން ޑިޒްނީން "ގާޑިއަންސް އޮފް ދަ ގެލެކްސީ" ގެ ތިން ވަނަ ބައިގެ ޑައިރެކްޝަން ވެސް ހަވާލު ކުރި ޖޭމްސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy