13 އެޕްރީލް 2019 - 07:47
ކެރިއަރު މިހާރު ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާން 22 ފިލްމެއްގެ ސެޓެލައިޓް ރައިޓްސް ރެކޯޑް އަގަކަށް އިންޑިއާގެ މަޝްހޫރު ޓީވީ ޗެނެލަކަށް ވިއްކާލައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ 53 އަހަރުގެ އެކްޓަރުގެ 22 ފިލްމެއްގެ ރައިޓްސް ވިއްކައިލީ މިހާތަނަށް މިފަދަ ޑީލެއްގައި ލިބޭނެ އެންމެ ބޮޑު އަގާ އެކީގައި ކަމަށެވެ. ނަމަވެސް އެ އަދަދު އެ ނޫހުން ހާމައެއް ނުކުރެ އެވެ.
ރައިޓްސް ވިއްކައިލި ފިލްމުތަކުގެ ތެރޭގައި ޝާހްރުކްގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ބައެއް ފިލްމުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި "ޗެންނައި އެކްސްޕްރެސް"، "އޯމް ޝާންތީ އޯމް"، "ސްވަދޭސް"، "ހެޕީ ނިއު އިޔާ"، "ޑިއާ ޒިންދަގީ"، "ޕިރް ބީ ދިލް ހޭ ހިންދުސްތާނީ"، "ޕަހޭލީ"، "ބިއްލޫ"، "ޗަމަތުކާރު"، "އަންޖާމް"، "ރާމް ޖާނޭ" އަދި "ދިލްވާލޭ" ހިމެނެ އެވެ.
ރައިޓްސް ވިއްކާލި ފިލްމުތަކަކީ ޝާހްރުކް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ފިލްމުތަކެވެ.
އޭނާ މި ފަހުން ކުޅުނު ހުރިހާ ފިލްމެއްހެން ފްލޮޕްވެފައިވާ އިރު، އެންމެ ފަހުން ސިނަމާތަކަށް ގެނައި މިދިޔަ އަހަރުގެ "ޒީރޯ" އަކީ ވެސް ބޮޑު ފްލޮޕެކެވެ.
ޝާހްރުކްގެ އަތުގައި މިވަގުތު ކުޅޭނެ އެއްވެސް ފިލްމެއް ނެތް އިރު، އޭނާ ސޮއިކުރި ހަމައެކަނި ފިލްމު "ސާރޭ ޖަހާ ސެ އައްޗާ" ވެސް ވަނީ ދޫކޮށްލައިފަ އެވެ. އަދި "ޑޮން 3" ގެ މަސައްކަތް ފެށޭނެ އިރެއް ވެސް ނޭނގެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކަށް ވަނީ 2017 ގައި އެޓްލީ ކުމާރު ޑައިރެކްޓް ކުރި ކާމިޔާބު ތަމަޅަ އެކްޝަން ތުރިލާ "މާސެލް" ގެ ހިންދީ ރިމެކް ހުށަހަޅައިފަ އެވެ. އެ ދެ މީހުން މިދިޔަ ހަފުތާގައި، މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ގެ މެޗެއްގެ ތެރެއިން ބައްދަލުކޮށްފައި ވެސް ވެ އެވެ.
ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް އެންމެ ގެނެސް ދިން ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރި އަމީތާބް ބައްޗަން އާއި ތާޕްސީ ޕައްނޫގެ ސަސްޕެންސް ތުރިލާ "ބަދުލާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy