ފިލްމީ ދާއިރާގައި މިހާރު އެންމެ ހަރަކާތްތެރި އަދި އެންމެ ކާމިޔާބު އެއް ސްޓޫޑިއޯއަކީ ޑާކް ރެއިން އެންޓަޓައިންމަންޓެވެ. މީގެ 10 އަހަރު ކުރިން "ހެޕީ ބާތުޑޭ" އިން ފިލްމީ ދާއިރާ އަށް ނިކުމެ ވަރަށް ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވެ އެވެ.
އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ މި އަހަރު ރިލީޒް ކުރި "ވާށޭ މަށާއެކީ" އާއި މިދިޔަ އަހަރު ރިލީޒް ކުރި "އެންމެ ފަހު ވިންދާ ޖެހެންދެން" އާއި 2011 ގައި ރިލީޒް ކުރި "ދިން ވޭނުގެ ހިތާމައިގައި" އަދި 2009 ގެ "ހެޕީ ބާތުޑޭ" އެވެ.
މީގެ އިތުރުން ރާއްޖޭގެ ފުރަތަމަ ތްރީޑީ ފިލްމް "ފަތިސްހަނދުވަރުގެ ފެށުން" ބެލުންތެރިންނަށް ގެނެސް ދިން ސްޓޫޑިއޯގެ ޝަރަފު ވެސް އޮތީ ޑާކް ރެއިންގަ އެވެ. އެ ސްޓޫޑިއޯގެ އެވޯޑް ހަރުގަނޑު ވެސް ހަމަ އެހާމެ ތަނަވަހެވެ. އެތައް އެވޯޑެއް ޑާކް ރެއިންގެ ފިލްމުތައް ހޯދާފައިވެ އެވެ.
ފީޗާ ފިލްމުތަކުގެ އިތުރަށް ޑާކް ރެއިން އުފެދިގެން އައި ދުވަސްވަރު ކުރު ފިލްމުތަކާއި ޑްރާމާ ސިލްސިލާތައް ވެސް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވެ އެވެ.
މި ހުރިހާ މަސައްކަތްތަކެއްގެ މުގުލުގައި ހުރީ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އެވެ. ފިލްމީ ދާއިރާ އަށް އޮތް ލޯތްބާއި މި ވަރުގެ ޑެޑިކޭޝަނެއް އޮތް މީހެއް ފިލްމީ ދާއިރާ އިން މަދުން ނޫނީ ނުފެނެ އެވެ.
ޑާކް ރެއިން އެންޓަޓައިންމަންޓުން ފިލްމް ހަދާތާ މިއީ 10 ވަނަ އަހަރު. މިހާތަނަށް އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކަކީ؟
ކޮންމެ މަސައްކަތެއް ވެސް ކުރަނީ އޭރަކު ލިބިފައިވާ ތަޖުރިބާޔާ ގާބިލިއްޔަތު ތަންދޭ އެންމެ ރަނގަޅަކަށް. އެހެންވީމަ ވޭތުވެ ދިޔަ 10 އަހަރު ތެރޭ ކުރެވިފައިވާ ހުރިހާ މަސައްކަތްކަކީ ވެސް ކުރިއެރުން ހާސިލް ކުރުމަށްޓަކައި ކުރެވިފައިވާ ވަރަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކަމަށް ދެކެނީ.
މޮގާ އަބަދުވެސް ފާހަގަ ކުރެވެނީ ވަރަށް ރިސްކް ނަގާ، ޑެޑިކޭޓެޑް ޕްރޮޑިއުސަރެއްގެ ގޮތުގައި. މި ދާއިރާ އަށް އޮތީ ކިހާ ވަރެއްގެ ލޯތްބެއް؟
މި ކުރާ މަސައްކަތް ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން މި ދާއިރާގައި މި ދެމި ހުރެވެނީ. އަނެއްހެން މި ދާއިރާއަކީ މާ ބޮޑެތި މާލީ މަންފާތަކެއް ލިބޭ ދާއިރާއެއް ނޫން.
ފިލްމީ ދާއިރާ އެންމެ ނިކަމެތިކޮށް އޮއްވައި ވެސް ޖެހިލުމެއް ނެތި ސިނަމާ އަށް ފިލްމް ގެންނަން ކެރުނު ޕްރޮޑިއުސަރެއް މޮގާއަކީ. ރިސްކް ނެގުމަކީ ކިހާ ވަރެއްގެ ޗެލެންޖެއް؟
ރިސްކު ނެގުމަކީ އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް. އެހެންވީމާ ކުރިއަށް އޮތް ތާނގައި ވެސް އިރާދަކުރެއްވިތްޔާ އަޅުގަނޑު ހަމަ ދާނީ އާ ކަންތައްތައް ތަޖުރިބާކޮށް ތައާރަފް ކުރަމުން.
ޑާކް ރެއިނުން އެބަހުރި ވަރަށް ތަފާތު ޖޯންރާތަކުގެ ފިލްމްތައް ހަދާފައި. މޮގާ އަށް ވަކި ޖޯންރާ އަށް ހާއްސަބާ؟
އަޅުގަނޑަށް ހީވަނީ ރޮމޭންޓިކް ކޮމެޑީހެން. އެއީ އަޅުގަނޑު ޖެހިޖެހިގެން އަޅުގަނޑަށް ހަމައެކަނި ހެދުނު ޖޯންރާއަކީ އެއީ ކަމަށްވާތީ. މި އަހަރު ރިލީޒް ކުރި ވާށޭ މަށާއެކީއަކީ މިހާތަނަށް ހެދުނު އެންމެ ހިތްހަމެޖެހޭ ފިލްމް. އެންމެ ބޮޑު ކަމަކީ ބެލުންތެރިން ފިލްމަށް ދިން ބޮޑު ތަރުހީބު. ފިލްމް ވަރަށް ބޮޑަށް ބެލުންތެރިން ބަލައިގެންފި އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.
ފިލްމީ ދާއިރާ އަށް ވަރަށް ގިނަ އާ ފަންނާނުން ވެސް ނެރޭ ބައެއްގެ ގޮތުގައި ޑާކް ރެއިން ފާހަގަ ކުރެވެނީ. މިއީ ކިހާ މުހިއްމުކަމެއް؟
ފިލްމީ ދާއިރާ ކުރިއަރާނީ އާ ފަންނާނުން ނެރެގެން. އާ ވައްތަރު ވައްތަރުގެ ފިލްމުތައް ވެސް ހެދިގެން. ކުރިއަށް އޮތް ތާނގައި ވެސް ޑާކް ރެއިނުން މަސައްކަތް ކުރާނީ އެގޮތަށް. މިހާތަނަށް މަސައްކަތުގައި ދެމި ތިބެވުނީ ވެސް އާ ތަޖުރިބާތަކެއްކޮށްގެން ކުރިއަށް ދާން ބޭނުންވާތީ.
ޑާކް ރެއިންއަކީ ވަރަށް އެކުގައި އުޅޭ ވަރުގަދަ ޓީމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ. ކޮބައި އޭގެ ސިއްރަކީ؟
ފިލްމް މޭކިންއަކީ ޓީމް މަސައްކަތެއް. ހިޔާލަކީ ތަފާތު އެއްޗެއް، ވަރަށް މުހިއްމު އެއްޗެއް. ޑާކް ރެއިން ޓީމުގެ ހުރިހާ މީހުން ވެސް ދޭ ހިޔާލުތައް އަޑު އަހައި ބަލައިގަނެ ކޮންމްޕްރޮމައިޒަކަށް އައިސް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ ސިއްރު ކަމަށް އަޅުގަނޑު ދެކެނީ. ފިލްމް މޭކިންއަކީ އަކީ ކުރިން ވެސް ބުނިހެން ޓީމް މަސައްކަތެއް. އެހެންވީމަ ހަމަ އެންމެންނާ އެކީ ހުރިހާ ކަމެއްގައި ވެސް ޝާމިލުވަން.
ފިިލްމީ ދާއިރާ ކުރިއަރުވަން ޑާކް ރެއިނުން ވަރަށް މަސައްކަތް ކުރާ ކަމަށް މި ދާއިރާގައި އުޅޭ ވަރަށް ގިނަ ބަޔަކު ފާހަގަ ކުރޭ. މި ދާއިރާއަށް ކިހާވަރެއްގެ ކުރިމަގެއް އެބަ އޮތްބާ؟
މި ދާއިރާގެ ކުރި މަގު އެބަ އޮތް. މި ދާއިރާ ކުރި އަރަނީ މި ދާއިރާގަ އުޅޭ މި ދާއިރާ ދެކެ ލޯބިވާ ބައެއްގެ ސަބަބުން. ޑާކް ރެއިން އަބަދުވެސް ބެލުންތެރިން މުނިފޫހި ފިލުވައި ދިނުމުގައި، ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ފިލްމްތައް ގެނެސް ދިނުމުގައި ދެމި އޮންނާނެ.
މި ފަހަކަށް އައިސް ފިލްމްތައް އަޅުވަން ބޭނުންވާ މުއްދަތަކަށް އޮލިމްޕަސް ސިނަމާ ނުލިބޭ ކަމުގެ ޝަކުވާ ވަރަށް ބޮޑު. މިކަމާ ދޭތެރޭ މޮގާގެ ހިޔާލަކީ ކޮބާ؟
އޮލިމްޕަސް ސިނަމާ ހިންގުމާ ހަވާލުވާ ފަރާތަކީ މި ދާއިރާ ރަނގަޅަށް އެނގި ދާއިރާ ކުރިއަރުވަން ބޭނުންވާ ފަރާތަކަށްވުން މުހިއްމު. މި ކަންތަށް ރަނގަޅުކޮށްލަނިކޮށް އޮލިމްޕަހުގެ ހުރިހާ ކަމެއް ހައްލު ވާނެ. ސަރުކާރުގެ އެހީ ވެސް ވަރަށް ބޮޑަށް މި ދާއިރާ އަށް ބޭނުންވޭ ވަރަށް ގިނަ ކަންތައްތަކުގައި. މިސާލަކަށް ފިލްމް އުފައްދާ ފަރާތްތަކަށް އޮލިމްޕަސް އެއްވެސް ދައްޗަކާ ނުލައި ލިބޭނެ އިންތިޒާމުތަކެއް ސަރުކާރުން ހަމަޖައްސައި ދިނުމަކީ ވެސް ވަރަށް ބޮޑު ވަރަކަށް ވާނެ.
ރާއްޖޭގައި ހަދާ ފިލްމްތައް އާންމުކޮށް ބަލާލަން މި ލިބެނީ މާލޭގައި އުޅޭ އާބާދީ އަށް. އަތޮޅު ތެރޭގައި ފިލްމްތައް އަޅުވަން ކިހާ ސަމާލުކަމެއް ދެން. އަދި އެކަން ކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބާ؟
ވަރަށް ހާއްސަ ސަމާލު ކަމެއް ދެން. ރާއްޖޭގެ ބޮޑު އާބާދީއެއް މި އޮންނަނީ ރަށްރަށުގައި. ވީމާ ފިލްމީ ދާއިރާ ކުރިއަރުވަން ބޭނުމިއްޔާ އަތޮޅު ތެރޭގައި ވެސް ފިލްމު ދެއްކޭނެ އިންތިޒާމްތަކެއް ލިބެން ހުރުމަކީ މުހިއްމުކަމެއް ކަމަށް އަޅުގަނޑު ދެކެނީ. ހަމަ އެގޮތަށް ރާއްޖެ އަށް ޑިސްޓްރިބިއުޝަން ހައުސްއެއް އޮތުމަކީ ވެސް ވަރަށް މުހިއްމު އަދި ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. އެކަހަލަ ކަންކަން އެބަ ޖެހޭ މި ދާއިރާ އަށް ތައާރަފުކޮށް އެއް ބަޔަކު އަނެއް ބަޔަކަށް އިތުބާރު ހިފޭ ކަހަލަ ގޮތަކަށް މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދަން.
މޮގާ ދުވަހަކު ވެސް ފިލްމެއް ޑައިރެކްޓް ކުރަން ހިޔާލުކޮށްފައި އެބަ އޮތްތަ؟
ހިޔާލު ކުރަން. ސިކުނޑިތެރޭގައި ކޮންމެވެސް ވަރަކަށް އިންނަ ކަމެއް އެއީ. އެކަމަކު ޑައިރެކްޝަނެއް މިވެނި ދުހެއްގައި ހަދާނަމޭ އެކަހަލަ ހިޔާލެއް އަދިއެއް ނެތް. ފިލްމް މޭކިންގެ ވަރަށް ގިނަ ކަންކަމުގެ ތެރޭގައި މިހާރު ވެސް އެބަ އުޅެވޭ. އެހެންވެ ޑައިރެކްޝަނެއް މިސްއެއް ނުވެއޭ ބުނެވިދާނެ.
މޮގާގެ އަންހެނުން އައިޝަތު ފުއާދަކީ ސްކްރީން ރައިޓަރެއް، ޑައިރެކްޓަރެއް. އެއީ ޑާކް ރެއިންނަށް އޮތް ކިހާ ވަރެއްގެ އެޑްވާންޓޭޖެއް؟
އަޅުގަނޑު ދެކޭ ގޮތުގައި ޑާކް ރެއިންނަށް އޮތް އެންމެ ބޮޑު އެއް އެޑްވާންޓޭޖަކީ އައިޝަތު ފުއާދު. [އައިޝަތު ފުއާދަކީ "ހުޅުދާން" ގެ ޑައިރެކްޓަރު އަދި ޑާކް ރެއިނުން އަލަށް ފަށާ ފިލްމުގެ ސްކްރީންޕްލޭގެ ކޯރައިޓަރަކީ ވެސް އޭނަ]. އަލީ ޝިފާއު (ޗިއްޕެ) އަކީ ހަމަ އެގޮތަށް ޑާކް ރެއިންގެ ވަރަށް މުހިއްމު ހިއްސާއެއް. ސްޓޫޑިއޯ މިހާތަނަށް ދެމިއޮތުމުގައި އަދި ސްޓޫޑިއޯގެ ކާމިޔާބީގެ ފަހަތުގައި ހުރި އެންމެ ވަރުގަދަ އެކަކީ ޗިއްޕެ. އެހެންވީމާ އެއީ ޑާކް ރެއިނާ ވަކި ނުކުރެވޭނެ ނަމެއް.
މޮގާ ދެކޭ ގޮތުގައި ކްރިޓިކުން ފިލްމުތަކަށް ފާޑު ކިއުމަކީ ކޮން ކަހަލަ ކަމެއް؟ އަދި އެއީ ރާއްޖޭގައި ކުރަން އެންމެ ރަނގަޅު ކަމެއްބާ؟
ކްރިޓިކުން ފާޑު ކިޔުމަކީ ވަރަށް މުހިއްމު ކަމެއް. އެކަމަކު ޒާތީ ހަސަދައެއް ނުވަތަ ވާނުވާ ނޭނގި ދެކޮޅު ނުބަލާ ހިތު ހުރި އެއްޗެއް ލިޔުމަކީ އެންމެ ރަނގަޅު ކަމެއް ކަމަކަށް ނުދެކެން. ކްރިޓިސައިޒް ކުރުމަކީ ވެސް ދަސްކޮށްގެން ޕްރޮފެޝަނަލްކޮށް ކުރާ ކަމަކަށް ހަދަން ޖެހޭ.
ޕްރޮޑިއުސަރެއްގެ ގޮތުގައި މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ޗެލެންޖަކީ ކޮބާ؟
ފަތިސްހަނދުވަރުގެ ފެށުން. ރާއްޖޭގައި ތްރީޑީ ފިލްމެއް ހަދަން އަޅުގަނޑުމެން ނިކުތީ ވަރަށް ގިނަ ގޮންޖެހުންތަކަކާ އެކު. އެއް ކަމަކަށް އެކަމަށް ބޭނުންވާ އެންމެ ފުރިހަމަ ރިސޯސްތަކެއް ނެތް. ކަން ކުރަންވީ ގޮތް އެހާ ރަނގަޅަށް އެނގިފައެއް ނެތް. އެހެންވެ ދަސްކޮށްގެން ރިސޯސް ހޯދައިގެން ވަރަށް ގިނަ ވަގުތު މިކަމަށް ހޭދަކޮށްގެން މި ޗެލެންޖް ނަގައި ސިނަމާ އަށް ތްރީޑީ ފިލްމެއް ގެނެސްދެވުމަކީ ބަލައިގަންނަން ޖެހޭ ވަރުގެ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. އެކަމަކު އަދި ވިސްނާފައެއް ނެތް އިތުރު ތްރީޑީ ފިލްމެއް ހަދާކަށް.
ޑާކް ރެއިންގެ ފިލްމްތަކަށް ލޯބިކުރާ މީހުންނަށް މޮގާ ބުނެލާނީ ކީކޭ؟
ވަރަށް ބޮޑު ޝުކުރިއްޔާ ހުރިހާ ބެލުންތެރިންނަށް. ތިބޭފުޅުން އަޅުގަނޑުމެންނަށް ތި ދެއްވާ ލޯތްބެއްގެ ސަބަބުން އަޅުގަނޑުމެންނަށް މި 10 އަހަރު މިކަނޑައްތު ކުރެވެނީ. ތި ގޮތުގައި ދެމި ތިއްބަވާށޭ. އިރާދަކުރެއްވިތްޔާ މާޔޫސްވިޔަކަ ނުދޭނަން.