14 އެޕްރީލް 2019 - 07:28
ބުދަ ދުވަހާ ގުޅޭ
އެ ތަހުގީގުގެ ފުން ކަނޑެއްގައި އޮޔާ ދެކޮޅަށް އަހަރެން ފަތަނިކޮށް ގަޑީގެ ކަށި ބާރަޔާ އަރާ ހަމަވިއެވެ. އެތައް ޒަމާނެއްކޮށްފައި ފުރަތަމަ ފަހަރަށް ފައިނާ ތަންމައްޗަށް ހީސްލިއެވެ. ހަމަޖެހިލައިގެން ވިސްނައިލައިފި ނަމަ އެއީ ހާސްވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ. ފައިނާ އުމުރުގެ ކުއްޖެއްގެ ފަރާތުން އެ ކަހަލަ ކަމެއް ފެނިދާނެއެވެ. އަހަރެން ބޭނުންވީ އަހަންނަށް ކުރެވުނު ހީ ކުށްހީއަކަށް ވާށެވެ. އެކަމަކު ދެވަނަ ރެޔާއި ތިންވަނަ ރޭ ފައިނާ ތަންމައްޗަށް ހީސްލުމުން އެ ކަން ކަމަކަށް ނަހަދައެއް އަހަންނަކަށް ނުހުރެވުނެވެ.
"މިރެއަކީ ފައިނާ ތަންމައްޗަށް ހީސްލާތާ ޖެހިޖެހިގެން ތިންވަނަ ރޭ،" އަހަރެން ކަންބޮޑުވެފައި ބުނީމެވެ. "މަ ބޭނުން ފައިނާ ޑޮކްޓަރަށް ދައްކަން."
"ސަތޫ!" ހަމީދު ބުންޏެވެ. "ކުދިކުދި ކަންތަކާ ހާސްނުވެބަލަ! އެހެން ދިމާވާ ބައިވަރު ކުދިން އުޅޭނެ."
"އަހަންނަކަށް ނޭނގެ ހަމީދަށް މި ކަން ތިހާ ކުޑަވަނީ ކީއްވެގެންކަމެއް،" އަހަރެން ބުނީމެވެ. "ފައިނާއަށް ކިހާ ބޮޑު ބަދަލެއް އަތުވެއްޖެކަން ހަމީދަށް ފާހަގައެއް ނުވޭ؟ އަޅެ ހިނގާބަލަ ފައިނާ ޑޮކްޓަރަކަށް ދައްކަމާ!"
އަހަންނަށް ރޮވެން ފެށިއެވެ.
"އޯކޭއޯކޭ! ހުއްޓާލާ! ކޮންކަހަލަ ޑޮކްޓަރަކަށް ދައްކަން ބޭނުންވަނީ؟" ހަމީދު އެއްބަސްވިއެވެ. "މާދަމާ ހިނގާ ތި ކަމާ އުޅެމާ!"
ޑޮކްޓަރާ މަޝްވަރާކުރަން ނިންމި ދުވަހު، ކުއްލި ގޮތަކަށް ހަމީދު އައްޑުއަށް ފުރަންޖެހުނެވެ. މާލެ އާދެވޭނެ ދުވަހެއް ނޭނގެއެވެ. އެ ދަތުރަކީ ކުރިން އެނގިގެން އައި ދަތުރެއް ނޫނެވެ. އަހަރެން އެދިއްޖެ ނަމަ ދަތުރު ކެންސަލުކުރަން ވެސް ހަމީދު ހުރީ ތައްޔާރަށެވެ. އެހާ ހަރުކަށިވާން އަހަންނަށް ނުކެރުނީއެވެ. މާލެ އާދެވޭހާ އަވަހަކަށް ފައިނާ ޑޮކްޓަރަށް ދައްކާނެކަމުގެ ޔަގީންކަންދީފައި ހަމީދު ފުރިއެވެ.
ފައިނާގެ ފުރިހަމަ ކޮންޓުރޯލު އަހަންނަށް ލިބުނެވެ. އިސްކޫލު ފިޔަވައި އެހެން ތަނަކަށް ފައިނާ ނުގެންދަމެވެ. ބާކީ ހުރިހާ ވަގުތެއް ފައިނާ ހޭދަކުރަނީ އަހަރެންގެ ލޯ ކުރިމަތީގައެވެ. އަހަންނަށް ފެންނަން ފެށީ ވަރަށް ތަފާތު މަންޒަރެކެވެ. ފައިނާ ކުޅެން ގެންގުޅޭ ބުދުތަކާއި ފައިނާއާ އޮންނަ ގުޅުން އެހެން ހަރުފަތަކަށް ފައިނާ ބަދަލުކުރިއެވެ. ވަރަށް ގިނަ ވަގުތު ފައިނާ އިންނަނީ ގަބުވެފައެވެ. ޚިޔާލަކަށް ގެއްލިފައެވެ. ފައިނާއަށް ނިދަން އުނދަގޫވުމާއި ނިދިއްޖެއްޔާ ބިރުވެރި ހުވަފެން ފެންނަން ފެށިއެވެ. ކުއްލިކުއްލިއަށް މިޒާޖަށް ބަދަލުއައިސް ޖެހިލުންވާން ފެށިއެވެ. ކެއުމުގެ ވައްޓަފާޅިއަށް ބަދަލުއައިސް ރުންކުރުވާން ފެށިއެވެ. ދުރުދުރުން ވާހަކަދައްކައިގެން ފައިނާގެ ފަރާތުން ޖަވާބުހޯދަން އަހަރެން މަސައްކަތްކުރީމެވެ. އޭނަ ހެދީ ދޮގެވެ. އެހެން ނޫނީ ހިމޭނުން އިންނަނީއެވެ. އެއީ ކުރީގެ ފައިނާއެއް ނޫނެވެ. އެ ސިފަތައް އަހަންނަށް ފެންނަމުންދިޔައިރު ޖަލީލުގެ ހަގީގަތް ވެސް ދިޔައީ އެނގެމުންނެވެ. ޖަލީލު އަހަންނަކަށް ދޮގެއްނަހަދައެވެ. މަކަރެއް ވެސް ނަހަދައެވެ. މުޑުދާރު ބެލުމަކުން ފައިނާއަކަށް ނުވެސް ބަލައެވެ. ހުރިހާ ތުހުމަތެއް އަމާޒުކުރެވެނީ އެންމެ މީހަކަށެވެ. ވާފިރަށެވެ.
ހަމީދު ފުރިތާ ހަފުތާއެއްވީއިރު ވެސް ވާފިރެއް ނާދެއެވެ. ކުރެވުނު ކަންތައް އޭނައަށް އެނގޭތީ އަހަންނާ ހަތަރުކަޅި ހަމަކުރަން އޭނައަށް ނުކެރުނީއެވެ. އެއްދުވަހަކު އަހަރެން އިސްތިރިކުރަން ހުއްޓައި ދޮރުގެ އަތްގަނޑުގައި މީހަކު ހިފައިލިއެވެ. އަހަރެންގެ ހިތް ބުންޏެވެ. އެ ވާނީ ވާފިރަށެވެ. އަވަސްއަވަހަށް ގޮސް ދޮރު ހުޅުވައިލީމެވެ. އޭރު ވާފިރު ދަނީއެވެ.
"އަހަނ!" ވަރަށް ނޭނގިފައި ވާފިރު ބުންޏެވެ. "އަހަރެން ހީކުރީ އެކަކު ވެސް ނޫޅެނީކަމަށް."
އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހަރެންގެ ދަރިފުޅުގެ މުސްތަގުބަލު ހަލާކުކޮށްލި މީހާ ކުރިމަތީގައި ފެންނަން ހުރިއިރު ވެސް އަހަންނަށް ކުރެވޭނެ ކަމެއް ނެތެވެ. ދެއްކޭނެ ސާބިތު ހެއްކެއް ނެތެވެ. އޮތްހާ ވެސް އެއްޗަކީ އަހަރެންގެ މައިވަންތަ ހިތް ރޮއިރޮއިފައި ބުނާ ބުނުމެކެވެ. ފައިނާގެ މާސޫމުކަމުގެ ނާޖާއިޒު ފައިދާ ނެގި މީހަކީ ވާފިރު ފިޔަވައި ދެވަނަ ދެ މީހެއް ނޫނެވެ. ވާފިރުގެ މޫނުމަތިން ފެނުނީ މަކަރުވެރިކަމެވެ. ކެހިވެރިކަމެވެ. އެހެންނަމަވެސް، އެ ދުވަހު ވާފިރަށް ޅައެއްޗެއް އެޅުނެވެ. އެއީ އޭނަގެ މާތްކަން ދައްކަންވެގެން ގެއަށް ވަނުމެވެ. ފައިނާ އިނީ މޭޒުކައިރީގައި އިށީނދެގެން ކުލަޖައްސާށެވެ. ވާފިރު ފެނުމާއެކު އެއްޗެހިތައް އުކައިލައިފައި ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އެއީ، އޭގެ ކުރިން ދުވަހަކު ވެސް ފައިނާ ކަންތައްކުރި ގޮތެއް ނޫނެވެ. ވާފިރު ދެނަހުރިކަމަށް ވެސް ނުހެދުނެވެ. ބޭކާރު ވާހަކަތަކެއް ދައްކަން އިނދެފައި ނުކުމެގެން ދިޔައީއެވެ. އަހަންނަށް ފައިނާއާ ސުވާލުކުރެވުނީހެވެ. ވާފިރު ފެނިގެން ބިރުގަތީ ކީއްވެ ހެއްޔެވެ؟ އެކަމަކު އޭރުން އެއިން ގެއްލުން ލިބޭނީ ކާކަށް ހެއްޔެވެ؟ އިތުރު އަނިޔާ ލިބޭނީ ކާކަށް ހެއްޔެވެ؟ އެއަށް ވުރެ އަހަންނަށް މުހިންމީ ވާފިރުގެ ވަކިތަކުން ފައިނާ ސަލާމަތްކުރުމެވެ. ރައްކާތެރި ވެއްޓެއް ފައިނާއަށް ކަށަވަރުކޮށްދިނުމެވެ. އަހަރެންގެ ރަށަށް އަނބުރައި ދިޔުމެވެ.
ފައިނާގެ ހަށިގަނޑުގެ ބޭރުފުށުން އަޅައިގަންނަ ކަހަލަ އެއްވެސް ކަމެއް އަހަންނަކަށް ފާހަގައެއް ނުކުރެވެއެވެ. އެކަމަކު ޑޮކްޓަރު ރިޒްނާއަށް ދެއްކީމެވެ. އޭނައަކީ ޖަލީލުގެ ރައްޓެއްސެކެވެ. އަހަރެންގެ ނަސީބު ވަރަށް ރަނގަޅެވެ. ޖިސްމާނީގޮތުން ފައިނާއަށް އެއްވެސް އަނިޔާއެއް ވެފައެއް ނެތެވެ. އެހެންނަމަވެސް ނަފުސާނީގޮތުން ފައިނާއަށް ކޮށްފައިވާ އަސަރު ވަރަށް ބޮޑެވެ. އެ ކަން އެނގުނީ ރިޒްނާ މެދުވެރިވެގެން ދެއްކި ނަފުސާނީ ޑޮކްޓަރެއްގެ ފަރާތުންނެވެ. ފުލުހުންނަށް ރިޕޯޓުކޮށްގެން ވާފިރަށް އަދަބުދޭން އޭނަ ލަފާދިނެވެ. އެ ކަން ކުރަން އަހަރެން ވެސް ބޭނުމެވެ. މައްސަލައަކީ ދެއްކޭނެ ހެއްކެއް ނެތުމެވެ. ދެ ދުވަސް ތެރޭގައި ވާފިރު ދޫކޮށްލާއިރު އަހަރެންގެ ދަރިފުޅުގެ މުސްތަގުބަލު އޮންނާނީ ކުރިޔަށް ވުރެ އަނދިރިވެފައެވެ.
ދެ ހަފުތާ ކޮށްފައި ހަމީދު މާލެއައިއިރު އަހަރެން ހުރީ ދަތުރަށް ތައްޔާރުވެގެންނެވެ. އެކަމަކު ހަމީދު ގާތުގައި އެ ވާހަކަ ބުނާނެ ގޮތެއް އަހަންނަކަށް ނޭނގުނެވެ. ބުނާތަނާ ހަމީދު ގޮސް ވާފިރަށް އަނިޔާކޮށްފިއްޔާ އެކަމުގެ ހިތިރަހަ ވެސް ލާނީ އަހަރެންގެ އަރުގައެވެ. އެ ފިކުރުގައި ދެ ދުވަސް ބޭކާރުވެގެންދިޔައެވެ. ނޫނެކެވެ. ދެ ދުވަސް ލަސްކޮށްލެވުނުކަން އެއީ އަހަރެންގެ ނަސީބެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ވާފިރު ހައްޔަރުކުރީ ދެވަނަ ދުވަހު އިރުއޮއްސެން އުޅެނިކޮށެވެ. ރަށަށްދިޔުމުގެ ޚިޔާލު އަހަރެން ދޫކޮށްލީ އެ ހިސާބުންނެވެ. ފައިނާއަށް ކުރިމަތިވި ހާދިސާއާ ބެހޭގޮތުން އެއްވެސް ވާހަކައެއް ފައިނާ ގާތަކު އަހަރެން ނާހަމެވެ. ބޭނުންވީ ހަނދާންތައް ތާޒާކުރުމުގެ ބަދަލުގައި އޭނަގެ ހިތުން އެ ހަނދާންތައް ފުހެވޭށެވެ. އެ ނިންމުން ރަނގަޅެކޭ އަހަރެން ނުބުނަމެވެ. ބައެއް ފަހަރު އެންމެ ރަނގަޅު ނިންމުމަށް ވުރެ ދެވަނައަށް އެންމެ ރަނގަޅު ނިންމުން މާ ރަނގަޅެވެ.
ފައިނާ ހަގީގަތް ކިޔައިނުދިން ސަބަބު އަހަންނަށް ވިސްނެއެވެ. ޖިންސީ ގޯނާއަށް މަގުފަހިވުމުން އެ ވާހަކަ ސިއްރުކުރަން ކުރެވެން ހުރި ހުރިހައިކަމެއް މުޅޯ ކުރާނެއެވެ. އެއީ ހަގީގަތެކެވެ. ބޭނުމަކީ ވީހާ ވެސް ގިނަ ދުވަހަކު އެ ކަމުގައި ދެމިހުރުމެވެ. ކުއްޖާ އިންކާރުކޮށްފި ނަމަ، ދިން ހަދިޔާތައް އަތުލާނެކަމުގެ އިންޒާރުދޭނެވެ. މީހެއް ގާތުގައި އެ ވާހަކަ ބުނެފިއްޔާ ކުއްޖާ ވެސް ޖަލަށް ގެންގޮސް އަނިޔާކުރާނެކަމަށް ބުނާނެއެވެ. ޖަލުގައި ކުއްޖާ ހިމާޔަތްކޮށްދޭން މައިންބަފައިން ނުތިބޭނެކަމާއި، ހުރިހާ ކަމެއްގެ ޒިންމާއުފުލަން ޖެހޭނީ ކުއްޖާކަމަށް ބުނާނެއެވެ. އެވެނިމިވެނި ކަމެއް ބޭޒާރުކޮށްލާނެކަމަށް ބުނެ މަޅިއެއްގައި ހައްޔަރުކޮށްލާނެއެވެ. ނުވަތަ މަންޒަރުތައް ނެޓަށް ލާނެކަމަށް ބުނެ، ބިރުދައްކައިގެން ނަމަވެސް މުޅޯ ބޭނުންވާ ކަންތައް ކުރާނެއެވެ.
މުޅޯއެއްގެ އަތްދަށުވެ ދަރިފުޅު "ތައްޔާރުކުރާހެން" ހީވަންޏާ ކުރެވިދާނެ ކަންތައްތަކެއް ހުރެއެވެ. ފުރަތަމަ ކަމަކީ އަމިއްލަ ހިތުގައި ސުވާލު އުފެއްދުމެވެ. ނުވެސް ދަންނަ މީހަކު ކުއްލިއަކަށް އެކުވެރިކަން އުފައްދައި، ގެއަށް އަންނަން ފަށައިފި ހެއްޔެވެ؟ އޭނަގެ ޝައުގުވެރިކަން ބޮޑަށް ހުންނަނީ ދަރިފުޅަށް ހެއްޔެވެ؟ ދަރިފުޅުގެ ކަންތައްތަކަށް އެ މީހާ އެހާ ޚަރަދުކުރަނީ ކީއްވެގެން ހެއްޔެވެ؟ އެ މީހާއާއި ދަރިފުޅާ ދެމެދު އޮތީ ކޮން ކަހަލަ ގުޅުމެއް ހެއްޔެވެ؟ ވާނުވާ ރަނގަޅަށް ބަލަންޖެހެއެވެ. އެންމެންނާ މެދުގައި ވެސް ސުވާލު އުފައްދައި ޖަވާބު ހޯދަންޖެހެއެވެ. ދަރިފުޅަށް ހަދިޔާދޭ މީހުންނާއި، ޚަރަދުކުރާ މީހުންނެވެ. ކަންތައްތައް ކޮށްދޭން ބުނާ މީހުންނާއި، ގޮވައިގެން ތަންތަނަށް ދާން ބޭނުންވާ މީހުންނެވެ. އެއީ ހެޔޮއެދޭ މީހުންތޯ ނުވަތަ އެ މީހުންގެ އަނދިރި މަގުސަދެއް އޮތްތޯ ބަލަންޖެހެއެވެ.
ކުއްޖާއާ ސުވާލުކުރަންޖެހޭނީ ދުރުދުރުންނެވެ. ދިޔައީ ކޮންތާކަށްތޯ، ދިނީ ކޯޗެއްތޯ، ދެއްކީ ކޮން ކަހަލަ ވާހަކަތަކެއްތޯ ބަލަންޖެހޭނެއެވެ. ކުއްޖާ އޮޅުވައިލަން އުޅޭ ނަމަ އެނގޭނެއެވެ. ބޮޑެތި މީހުންނާއި އެއް ފެންވަރަށް ކުޑަ ކުދިންނަކަށް ދޮގެއް ނުހެދޭނެއެވެ. ކުއްޖާއާ އެކުގައި އެކަހެރިކޮށް ވަގުތު ހޭދަކުރަން ޝައުގުވެރިވާ މީހަކު އުޅޭ ނަމަ އެއީ އަލި ގަދަ ރަތް ސިގުނަލަކެވެ. ކިތަންމެ އިތުބާރުކުރެވޭ މީހަކަށް ވެސް މި ކަމުގައި ޝައްކު ކުރާށެވެ. ކުޑަ ކުއްޖަކަށް ޖިންސީ ގޯނާއެއް ކުރެވޭނީ އެހެން މީހުންނަށް ސިއްރުންނެވެ. ދަރިފުޅަށް ހެޔޮއެދޭ މީހަކު ކޮންމެހެން އެކަހެރިކޮށް ދަރިފުޅާ އެކުގައި ވަގުތު ހޭދަކުރާކަށް ނުޖެހޭނެއެވެ.
އުފެދިދާނެ ސުވާލެކެވެ. ދަރިފުޅު "ގްރޫމްކުރާ" ނަމަ ހެދޭނީ ކިހިނެއް ހެއްޔެވެ؟ ފުރަތަމަ ކަމަކީ ތުހުމަތު ކުރެވޭ މީހާއާއި ދަރިފުޅާ ބައްދަލުވިޔަ ނުދިނުމެވެ. އޭނަޔާ އެކުގައި އެއްވެސް ތާކަށް ދަރިފުޅު ނުފޮނުވުމެވެ. ތަޖުރިބާކާރެއްގެ އެހީ ހޯދައި މަޝްވަރާ ހޯދުމެވެ. ދަރިފުޅު ގައިގައި އެހެން މީހުންނަށް އަތްލުން ހުއްދަ ތަންތަނާއި މަނާ ތަންތަން ބުނެދިނުމެވެ. އެ ކަމަށް ފަސްނުޖެހުމެވެ. އަމިއްލައަށް އެ ފަދަ ކަމެއް ކުރަން ނުކެރެންޏާ ކަމާގުޅޭ އިދާރާއަކަށް ގުޅައިގެން ލަފާ ހޯދުމެވެ. އެއްވެސް މީހަކާ ބެހޭގޮތުން ކުއްޖާ އެ ފަދަ ޝަކުވާއެއް ކޮށްފިއްޔާ ލުއިކޮށް އެ ކަން ނުނެގުމެވެ. ކުއްޖާ ތުހުމަތުކުރާ މީހަކީ އެ ފަދަ ކަމެއް ނުކުރާނެ މީހެއްކަން ޔަގީން ވިޔަސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމެވެ. އަހަންނަށް އެ ކަންކަން ދަސްވީ އެންމެ ހިތްދަތި ގޮތަށެވެ.
ފައިނާގެ މާސޫމުކަން ނަގައިލީ ނުދަންނަ މީހެއް ނޫނެވެ. އެ މީހާ ވީ ޖަލުގައެވެ. ކޮންމެވެސް ދުވަހަކުން އޭނަ ސަލާމަތްވާނެއެވެ. އެހެންނަމަވެސް ފައިނާގެ ހިތުގައި ޖެހުނު ލަކުނު ފިލާނެ ދުވަހެއް ނޭނގެއެވެ. ފައިނާ ރަނގަޅުވަމުންއައީ މަޑުމަޑުންނެވެ. ލަސްލަހުންނެވެ. އަހަންނަށް އެނގެއެވެ. މި ކަމަށް ވަރަށް ވަގުތުނަގާނެއެވެ. އަހަރެން ޖެހޭނީ ކެތްތެރިވާށެވެ.
ނިމުނީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމް
16 April 2019
އަހަންންށްވެސް މިހަާރު އޭނާކުރި ހަޑި މުޑުދާރު އަމަލު ހަނދާނަށް އާދޭ. ވަރަށް ދެރަވޭ. އެއީ ބައްޕައާ އެއްބަނޑު މީހެއްގެ ދަރިއެއް. ބޭބެއެއް. އޭރު ވާނުވާއެއް ނޭންގޭ.
ލިލް
14 April 2019
ކޮބާ ހަމީދުގެ ބައި. ޢެބައި ނެތީމާ ކަޑަ. ތިޔަ ސްމާރޓް ހަމީދަށް ލިބުނު ފިލާވަޅު ނުހިމެނީ ކީއްވެ؟ މުޅި ވާހަކަ ދިގުދަންމާފަ ނިމެންވީމަ އެއްފައްޗަކަށް ނިންމާލާފަ. މި ދެން ކޮން ގޮތެއް
އަންހެނެއް
14 April 2019
ސަތޫ އަށް މީހަކާ ދޭތެރޭ ޝައްކު ވޭވޭ ހުރެމެ، ދަރިފުޅާ ބެހެން ފުރުޞަތު ދީގެން ހުރީ... މަށަށް ޝައްކުވާ މީހަކަށް ދަރިފުޅާ ވައި އެޅެން ވެސް ފުރުޞަތު ނުދޭނަން އިންޝާﷲ .. އެހެޔޮ ފިރިމީހާއާ ހަނގުރާމަ ކޮށްފަ ވިޔަސް
އަންހެނެއް
14 April 2019
ޕިސް ދެން... ކަމަކު ނުދޭ... ސަތޫ ބަލަބަލާ ހުއްޓާ ފައިނާއާ ބެހިލާފަ އެ ދިޔައީ.. ތީ މީހަކު އެ ފުންމާލަނީއޭ ކިޔާ އެކަމާ މަޝްވަރާކުރަން ތިއްބާ އޭން ފުންމާލައިގެން މަރުވީމަ، ދެން އެކަމާ ކުރާނެ ކަމެއް ނެތޭ، ދެން އެކަމުން އަރައި ގަންނަން މަސައްކަތް ކުރާނީއޭ ބުނުން ކަހަލަ ކަމެއް... މީތި ކަޑައޭ ބިންމާ.... ހިތް ހަމައެއް ނުޖެހުނު ވާހަކަ ގެނެސްފަ އިން ގޮތެއް... ރިއަލިސްޓިކް އެއް ވެސް ނޫން...
ސަތޫ 2
14 April 2019
މަށަށް ޝައްކުވި މީހާ ތުއްތު ދަރިފުޅު ގޮވައިގެން އެކަހެރިވާން މަސައްކަތް ކުރީ. އެކަން އެމް. އިން ލޯ ފަހިކޮށްދޭން އުޅޭ. އަހަރެން ކިތެންމެ ފަހަރަކު އެފް. އިން. ލޯ ފަހަތުން ގޮސް ދަރިފުޅު ގޮވައިގެން އިންނަ ތާ އިންނަން. އޭނާއަށް ވ ޑިސްޓާބުވާކަން އެނގޭ. ދެން އަހަރެން ދަރިއަތުލަނީ. އަހަރެން މި ހަނގުރާމައިން ކާމިޔާބު ހޯދާނަން އިރާދަކުރެއްވިއްޔާ! ހެކި ލިބުމާ ފުނޑާލުމާ!!
އެކުއްޖާ
14 April 2019
ދޫނުކުރާތި. ގުޑް ލަކް
ޏާއްކޮ
14 April 2019
ދަރިފުޅުގެ ކާފަތަ އަދި؟؟؟ ޗީޑި ޗީޑި ހުރި މުޑުދާރުކަން... ނުބައި މީހުންވެސް އުޅޭ މިދުނިޔޭގަ. ހަމަ ރަނގަޅަށްވެސް ދޫނުކުރާތި އިނގޭ. އިންޝާﷲ ދެރަގޮތެއް ނުވާނެ.
ޒައިޝް
14 April 2019
ލިޔުންތެރިޔާއަށް ކަމުގެ ބޮޑުކަން ވަޒަންކުރެވޭ ކަމާއި މެދު ޝައްކު. ދިރިއުޅުމަށް ކުރި އަސަރު... ހަގީގަތުގަ ވާގޮތަކީ އެކުއްޖާގެ ޅައުމުރުގެ ބާކީ ބައި އެހަނދާނުން ދުރަށް ގޮސް، އުފާވެރިކޮށް އުޅެވުނަސް، ފުރާވަރުގެ ފަހު އަހަރުތަކުގަ، ނޫނީ ކުއްޖާއަށް މިކަންކަމުގެ މައުލޫމާތު ލިބި ލިބުނު އަނިޔާގެ ގެއްލުން އިހުސާސްވުމުން، ހިނގި ހުރިހާ ކަމެއް އަލުން ހަނދާންވެ، ކުރިމަގުގެ އަނދިރިކަން ވަޒަންކުރެވި ޑިޕްރެޝަނަށް ދޭ. އާއްމުކޮށް އެންމެނަށްވެސް ވަނީ މިހެން
ނައުމާ
14 April 2019
ލިޔުންތެރިޔާ މިކޮށްދީފައި އޮތީ ކުޑަވަރުގެ ކަމެއްނޫން. މިއަށް އިތުރު ކުރަން ޖެހޭ ބަޔެއް އޮތްނަމަ ނުވަތަ ފުރިހަމަ ކުރުމަށް ހިޔާލު ހުށައެޅިދާނެ. ކޮންމެ ކޮންމެ މީހަކަށް ނޭނގިދާނެ. ބިންމާއަށް ތި ޚިޔާލު ބިނާކުރުވަނިވި ގޮތެއްގައި ހުށައެޅުން ރަގަޅު. މިވާހަކައިގައި މިއޮތީ މިކަމުގެ އަލާމާތްތަކާ މިކަމަށް ކުއްޖާއާއި މައިންބަފައިން ހޭލުންތެރިކުރުމަށް ބޮޑަށް އަލިއަޅުވާފަ. އެކަހަލަ ކަމެއް ވުމުގެ ކުރިން ހުރަސް އެޅުމަށްޓަކާ.
އިހޫ
14 April 2019
ކިތަންމެ ރައްޓެއްސަކަށް ވިޔަސް، ކިތަންމެ އާއިލީ މީހަކަށް ވިޔަސް އެހާ މިނިވަންކޮށް، އެކަހެރިކޮށް ދަރިއެއްގެ ކޮޓަރިއަށް ވަނުމުގެ ހުއްދަ އޮވެގެން ނުވާނެ. އެއީ އޯކޭ ކަމެއްގެ ގޮތުގަ ހަދައިގެން ނުވާނެ. އަންހެން ދަރިއެއް ވިޔަސް ފިރިހެން ދަރިއެއް ވިޔަސް! މިވާހަކައިގަ އެންމެ ބޮލަށް އުނދަގޫވީ އެތަންކޮޅު.
ބަނިއާދަން
14 April 2019
ދެން ހަމީދު ބުނީ ކީކޭޔޯ..
Solah
14 April 2019
ކަމަނަސޮރާ. ތަންބެރެއް ނޫން ކިޔަނީ. ދަންބެރަށްވުރެ ތަގުޑި ދިގުވުމޭ ކިޔަނީ. ދިވެހިބަސް ދަސްކޮށްގެން ކޮމެންޓްކޮށްބަލަ.
ެަައާއި
14 April 2019
ވ.ޢިބްރަތްތެރި ވާހަކައެއް..