ރިޗަޑް މެޑެން: އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހު ރިލީޒް ކުރާ "ރޮކެޓްމޭން".
19 އެޕްރީލް 2019 - 09:23
އަންނަ އަހަރު ރިލީޒްކުރާ "ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމަށް ފަހު އެކްޓަރު ޑެނިއަލް ކްރެއިގް އެ ރޯލް ދޫކޮށްލުމުން ދެން ބޮންޑުގެ ރޯލުން ފެންނާނީ ޒުވާން އެކްޓަރު ރިޗަޑް މެޑެން ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުން އަންނަ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
އެލް މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި 32 އަހަރުގެ އެކްޓަރު ބުނީ އޭނާ ބޮންޑުގެ ރޯލް ކުޅޭ ވާހަކައަކީ "ހަމަ އަޑެއް" ކަމަށެވެ.
"އޭގައި ނެތް އެއްވެސް ހަގީގަތެއް. ދުވަސްކޮޅަކުން އަނެއްކާ ކޮންމެވެސް އެހެން އެކްޓަރެއްގެ ބޮންޑްގެ ރޯލާ ގުޅުވައިގެން ދެކެވޭނެ،" އޭނާ ބުންޏެވެ. "އަހަންނަކަށް މިހާތަނަށް އެއްވެސް ސިފައެއްގައި ބޮންޑްގެ ރޯލް ހުށަހަޅާފައެއް ނެތް."
Just had a great visit with Richard Madden — alum of GAME OF THRONES, Golden Globe-winning star of @Netflix’s #Bodyguard and possible next James Bond — for @THR’s ‘Awards Chatter’ podcast. It will air on 4/15! https://t.co/cwLwL5CIkb pic.twitter.com/P8izR2Hjpr
— Scott Feinberg (@ScottFeinberg) April 8, 2019
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްރެއިގަށް ފަހު، ބޮންޑްގެ ރޯލް ދެން ކުޅޭނެ އެކްޓަރަކަށް އެ ސީރީޒްގެ ޕްރޮޑިއުސަރުން ރިޗަޑް ހިޔާރު ކުރީ ބީބީސީން ގެނެސް ދިން ޓީވީ ސިލްސިލާ "ބޮޑީގާޑް" ގައި އޭނާ ކުޅުނު ވަރުގަދަ ފިރިހެންވަންތަ ކެރެކްޓާގައި ދައްކުވައި ދިން މޮޅު އެކްޓިން އަށް ފަހު އެވެ.
ނަމަވެސް ކްރެއިގަށް ފަހު ބޮންޑްގެ ރޯލް ކުޅޭނެ އެކްޓަރަކު މިހާތަނަކަށް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ވާކިން ޓައިޓްލްއަކަށް "ޝެޓަލޭންޑް" ގެ ނަން ދީފައިވާ ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު ސިނަމާތަކަށް އަންނާނީ އެޕްރީލް، 8، 2020 ގަ އެވެ.
"ގޭމް އޮފް ތުރޯންސް" ގައި ވެސް މަސައްކަތްކޮށްފައިވާ ރިޗަޑްގެ ކުރިއަށް އޮތް ފިލްމަކީ އިނގިރޭސި ލަވަކިޔުންތެރިޔާ އެލްޓަން ޖޯންގެ ވާހަކަ ކިޔައިދޭ މިއުޒިކަލް ބައޮގްރަފިކަލް ޑްރާމާ "ރޮކެޓްމޭން" އެވެ. އޭނާ އެލްޓަންގެ ކުރީގެ މެނޭޖަރު ޖޯން ރެއިޑްގެ ރޯލުން ފެނިގެންދާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 31 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy