ޓެރެންސް: އޭނާ އަންނަނީ ފީޗާ ފިލްމަކަށް ތައްޔާރުވަމުން.
21 އެޕްރީލް 2019 - 07:41
ބޮލީވުޑްގެ ކުޅަދާނަ ބައެއް ކޮރިއޯގްރާފަރުން ޑައިރެކްޝަނަށް ނުކުންނަމުން ދިޔަ ނަމަވެސް، ކޮރިއޯގްރާފަރު ޓެރެންސް ލުވިސް ފީޗާ ފިލްމަކުން އެކްޓަރެއްގެ ގޮތުގައި ނުކުންނަން ނިންމައިފި އެވެ.
މީގެ ކުރިން "ދަ ގުޑް ގާލް" ކިޔާ ކުރު ފިލްމެއްގައި ވެސް މަސައްކަތްކޮށްފައިވާ ޓެރެންސް ބުނި ގޮތުގައި އޭނާ އެކްޓަރެއްގެ ގޮތުގައި ރަސްމީކޮށް ބޮޑު ސްކްރީނަށް އަންނަ ފިލްމަކީ އަމިއްލަ އަށް ލިޔެ، ލީޑް ރޯލް ކުޅޭ ޑާންސް ފިލްމެކެވެ. އެކަމަކު އަދި އެ ފިލްމުގެ ނަމާއި މީގެ އިތުރު ކާސްޓުން އިއުލާނެއް ނުކުރެ އެވެ. އަދި ފިލްމުގެ ޑައިރެކްޓަރަކީ ކާކު ކަމެއް ވެސް ނޭނގެ އެވެ.
"މިއީ އާންމުކޮށް އިންޑިއާގައި ހަދާ ކަހަލަ ޑާންސް ފިލްމުތަކާ މުޅިން ތަފާތު ސްޓައިލެއްގެ ފިލްމަކަށް ވާނެ. ފިލްމުގެ ޕްލޮޓް ހާއްސަކޮށްފައި ވަނީ ކޮންޓެމްޕޮރަރީ ޑާންސްތަކަށް،" އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ޓެރެންސް ބުންޏެވެ.
ޒީޓީވީގެ ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) އާއި ސްޓާ ޕްލަސްގެ "ނަޗް ބަލިޔޭ" ގެ އިތުރުން އެންޑްޓީވީގެ "ސޯ ޔޫ ތިންކް ޔޫ ކޭން ޑާންސް" ފަދަ ޝޯތަކުގެ ޖަޖްކަންކޮށްފައިވާ ހުނަރުވެރި ނެށުންތެރިޔާ ބުނީ އޭނާގެ އަލަތު ފީޗާ ފިލްމަކީ ސީދާ އޭނާ މައި ކެރެކްޓާ ކުޅޭ ގޮތަށް ސްކްރީންޕްލޭ ލިޔުނު ފިލްމެއް ކަމަށެވެ.
"އެއީ އަހަރެން ވަރަށް ތަފާތުކޮށް ފެންނާނެ ރޯލަކަށް ވާނެ،" އަމިއްލަ ނަމުގައި ކޮންޓެމްޕޮރަރީ ޑާންސް އެކެޑެމީއެއް ވެސް ހިންގާ ޓެރެންސް ބުންޏެވެ.
"މި ފިލްމުގައި އަހަންނާ އެކު ދެ ބަތަލާ އަކު ފެނިގެން ދާނެ. ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް ލޯންޗް ކުރާނަން،" އޭނާ ބުންޏެވެ.
ޓެރެންސް، 44، ބުނި ގޮތުގައި މިހާތަނަށް ވަރަށް ގިނަ ފިލްމުތަކުން ހުށަހެޅުންތަކެއް ލިބުނު ނަމަވެސް، އެއްވެސް ފިލްމަކަށް ކުރިން އެއްބަސް ނުވީ އަމިއްލަ އަށް ބިނާކުރާ ރޯލަކުން އެކްޓިން ދައްކައިލަން ބޭނުންވުމެވެ.
"އެހެންވީމާ މިއީ އަހަންނަށް ވަރަށް ހާއްސަ ފިލްމަކަށްވެގެން ދާނެ،" ފިލްމުގެ ސްކްރީންޕްލޭ ފައިނަލް ކުރީ 18 ޑްރާފްޓަށް ފަހުކަން ފާހަގަ ކުރަމުން އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy