މުނިފޫހިފިލުވުން / ބޮލީވުޑް

"ކަލަންކް" ފްލޮޕްވުމުން ވަރަށް އަސަރު ކުރި: ވަރުން ދަވަން

ވަރުން، އާލިއާ އާއި ސޮނާކްޝީއާ އެކު.

މި އަހަރު އެންމެ ހިނގާނެ ކަމަށް ބެލެވުނު އެއް ފިލްމު ކަމަށްވާ "ކަލަންކް" އަށް ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުން ވަރަށް އަސަރުކުރި ކަމަށް އެ ފިލްމުގެ އެންމެ މުހިއްމު އެއް ކެރެކްޓާ ކުޅުނު ވަރުން ދަވަން ބުނެފި އެވެ.

އޭނާ ބޮލީވުޑަަށް ނެރެދިން ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަބީޝެކް ވަރުމަން ޑައިރެކްޓްކުރި ތާރީހީ ލޯބީގެ ފިލްމު "ކަލަންކް" އަކީ ވަރުންގެ ފުރަތަމަ ފްލޮޕެވެ. އެ ފިލްމުގެ ކުރިން އޭނާ ކުޅުނު އެއްވެސް ފްލޮޕްވެފައި ނުވާތީ ގިނަ ބަޔަކު ވަރުން ސިފަކުރަނީ ވެސް ބޮލީވުޑްގެ "ހިޓް މެޝިނެއް" ގެ ގޮތުގަ އެވެ.

ނަމަވެސް ބޮޑު ބަޖެޓަކުން، ބޮޑު ކާސްޓަކާ އެކު ގެނެސް ދިން "ކަލަންކް" ފްލޮޕްވުމުން ވަރުން ބުނީ އޭނާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައި ކަމަށެވެ.

"ހަގީގަތުގައި ވެސް އެ ފިލްމު ނުހިނގުމަކީ ވަރަށް ބޮޑު ހިތްދަތި ކަމެއް. ވަރަށް ބޮޑެތި އުންމީދުތަކެއް ކުރި އަދި އަހަރެން ކުޅުނު ޒަފަރުގެ ކެރެކްޓާ އަށް ފިޒިކަލީ އާއި މެންޓަލީ ވެސް ވަރަށް މަސައްކަތް ކުރި ފިލްމެއް އެއީ،" 2012 ގައި "ސްޓޫޑަންޓް އޮފް ދި އިޔާ" އިން އެކްޓިން އަށް ނުކުތް 32 އަހަރުގެ އެކްޓަރު ޔޫޓިއުބްގައި އާންމުކުރި ވީޑިއޯއެއްގައި ބުންޏެވެ. "އެހެންވެ ކަލަންކް ފްލޮޕްވުމަކީ ގަބޫލުކުރަން ވެސް ދަތިވި ކަމެއް."

ސަތޭކަ ފަންސާސް ކްރޯޑްގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ކުރި ހަރަދު ވެސް ފޫނުބެއްދުނު ފިލްމެކެވެ. ވަރުން ބުނީ އެކްޓަރެއްގެ ހަޔާތުގައި އަބަދު ވެސް ކާމިޔާބީ އާއި ނާކާމިޔާބީ އޮންނާނެ ކަމަށެވެ. އެކަމަކު އަބަދު ވެސް މަސައްކަތް ކުރަނީ ބެލުންތެރިން ބަލައި ގަންނަ ކަހަލަ ފިލްމުތައް ކުޅެން ކަމަށް ބުންޏެވެ.

"އަހަރެން ދެރައެއް ނުވަން ކަލަންކް ކުޅެވުނީތީ. އަދި ނާކާމިޔާބީއާ ކުރިމަތިވާނެ ކަމަށް ގަބޫލު ވެސް ކުރަން ޖެހޭ،" އޭނާ ބުންޏެވެ. "އެކަމަކު ފިލްމެއް ފްލޮޕްވެއްޖެ ނަމަ ތަރިންނަށް އަބަދު ވެސް އިނގިލި ދިއްކުރެވޭނެ."

ވަރުން ބުނި ގޮތުގައި "ކަލަންކް" ނުހިނގީ ސަބަބުތަކެއް ހުރެގެންނެވެ. އެހެންވެ އެ ސަބަބުތައް ކަރަން އާއި އަބީޝެކް ދިރާސާކޮށްފައި ހެދިފައި ހުރި ގޯސްތައް ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން މަސައްކަތްކުރާ ކަމަށް އޭނާ ބުންޏެވެ.

"އެކްޓަރެއްގެ ހައިސިއްޔަތުން އަހަރެން އަބަދުވެސް ކޮންމެ ޕްރޮޖެކްޓަކަށް ވެސް މެކްސިމަމް ދެން. ކޮންމެ ފިލްމެއްގައި ވެސް މަސައްކަތް ކުރަނީ ޑައިރެކްޓަރު ބޭނުންވާ އެއްޗެއް ނެރެން،" ވަރުން ބުންޏެވެ. "އަހަރެން އުފާކުރަން ބޮޑު ފޭން ބޭސްއެއް އޮންނާތީ. އެ މީހުން އުފާކޮށް ދޭން އަހަރެން ބޭނުން ވަނީ."

ވަރުންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ނޮވެމްބަރު މަހުގެ 8 ގައި ރިލީޒް ކުރާ ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" އެވެ. އެކަމަކު އޭގެ ކުރިން އަންނަ މަހުގެ 5 ގައި ރިލީޒްކުރާ ސަލްމާން ހާންގެ "ބާރަތު" ގެ ހާއްސަ ފެނިލަކުން ވެސް އޭނާ ފެންނާނެ އެވެ.

އަދި ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ އާ ފިލްމު "ކޫލީ ނަމްބަރު 1" އަކީ ވަރުން ދެން އެންމެ އަވަހަށް ޝޫޓިން ފަށާނެ ފިލްމެވެ. އޮގަސްޓްގައި ޝޫޓިން ފަށާ އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.

މިދިޔަ މަހުގެ 17 ގައި ރިލީޒް ކުރި "ކަލަންކް" ގައި ވަރުންއާ އެކު މުހިއްމު ރޯލްތައް ކުޅުނީ އާލިއާ ބަޓް، މަދޫރީ ޑިކްސިޓް، ސަންޖޭ ދަތު، ސޮނާކްޝީ ސިންހާ އަދި އަދިތިޔާ ރޯއި ކަޕޫރެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454