ޝަމީތާ.
16 މެއި 2019 - 08:33
އުންމީދު ކުރި ކަހަލަ ފިލްމު ކެރިއަރެއް ވެސް ބިނާ ނުކުރެވުނު ކަމަށާއި އަމިއްލަ އައިޑެންޓިޓީއެއް އަދިވެސް ނުހޯދޭ ކަމަށް ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީ ބުނެފި އެވެ.
ދެހާސް ވަނަ އަހަރު އަދިތިޔާ ޗޯޕްޅާގެ "މޮހައްބަތޭން" އިން ބޮލީވުޑަށް ނުކުންނަން ފުރުސަތު ލިބުނު ނަމަވެސް ޝަމީތާއަކީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ބަތަލާއެއް ނޫނެވެ. އަނެއްކޮޅުން ކެރިއަރުގެ ވަރަށް ކުރީކޮޅު ފިލްމުތަކުން ފުރުސަތު ލިބުން ހުއްޓި، އޭނާ ވަނީ ބޮލީވުޑުން ހަވާސާވެފަ އެވެ.
ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި، 40 އަހަރުގެ ޝަމީތާ ބުނީ ބޮލީވުޑަށް ނުކުންނަން އޭނާ އަށް ފުރުސަތު ލިބުނީ ހުވަފެނީ ޕްރޮޖެކްޓަކުންކަން ގަބޫލު ކުރާ ކަމަށެވެ. "މޮހައްބަތޭން" އަކީ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" ގެނެސް ދިން ޑައިރެކްޓަރުގެ ދެވަނަ ފިލްމެވެ.
"އެކަމަކު އެ ފިލްމަށް ފަހު އަހަރެން އުންމީދު ކުރި ކަހަލަ ކެރިއާއެއް ނުހޯދުނު،" ދާދި ފަހުން ކަލާޒުން ގެނެސް ދިން ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ސީޒަން 9 ގައި ވެސް ވާދަ ކުރި ބަތަލާ ބުންޏެވެ.
ޝަމީތާ ބުނީ އަދިވެސް ގިނަ ބަޔަކު އޭނާ ދަންނަނީ ޝިޕްލާ ޝެޓީގެ ކޮއްކޮގެ ގޮތުގަ އެވެ.
"އެގޮތަށް ވަރަށް ގިނަ ބަޔަކު އަދިވެސް މުހާތަބު ކުރަނީ. ބައެއް ފަހަރު އަދިވެސް ބައެއް މީހުން އަހަންނަށް ޝިލްޕާގެ ނަމުން ގޮވައި ވެސް ހަދާ. ވެދާނެ ޝިޕްލާ ތަންކޮޅެއް ވައްތަރު ގޮތެއް ހުންނާނީތީ ކަމަށް ވެސް،" އޭނާ ބުންޏެވެ. "އެއީ ހަގީގަތުގައި ތެދަށް ބުނަންޏާ އަހަރެން އެހާ ގަޔާވާ ކަމެއް ނޫން. ކޮންމެ މީހަކު ވެސް ބޭނުން ވާނެ އަމިއްލަ އައިޑެންޓިޓީއެއް. މިހާތަނަށް އައި އިރު ވެސް އަހަރެންގެ އަމިއްލަ އައިޑެންޓިޓީއެއް ނެތް. އެކަމަކު އުފާ ވެސް ކުރަން ޝިލްޕާގެ ކޮއްކޮގެ ގޮތުގައި އަހަރެން ލޭބަލް ވެސް ކުރާތީ."
Something special coming soon ❤️ #dubbing #international #instafun #excitement #film #happyme #instagood pic.twitter.com/POMxcjWB4Y
— Shamita Shetty (@ShamitaShetty) April 23, 2019
ޝަމީތާ ބުނި ގޮތުގައި އަދިވެސް އޭނާ ހުރީ ފިލްމުތަކުން ރަނގަޅު ފުރުސަތުތައް ލިބޭނެ ނަމަ ކުރިއަށްދާށެވެ.
"އަހަންނަށް ގަބޫލު ކުރެވޭ ގޮތުގައި ފިލްމީ ކެރިއަރު އެކްސްޕެކްޓް ކުރި ގޮތަށް ނުދިޔަ އެއް ސަބަބަކީ މާ ޗޫޒީ މީހަކަށްވުން ކަމަށް ވެދާނެ. އަނެއްކާ މި އިންޑަސްޓްރީއަކީ އެ މީހެއްގެ މަސައްކަތެއް ބެލުންތެރިންނާ ހަމަައަށް ނާންނަ ކަމަށް ވަންޏާ ވަރަށް އަވަހަށް އެ މީހެއްގެ މަތިން ހަނދާން ނެތޭ އިންޑަސްޓްރީއެއް،" އޭނާ ބުންޏެވެ. "އަހަންނަށް ކުރިން ލިބުނު ވަރަށް ގިނަ ފުރުސަތުތަކެއް ހުންނާނެ ދޫކޮށްލާފައި. އޭގެ ސަބަބުން ހަގީގަތުގައި ފުރުސަތުތައް ލިބުން ހުއްޓުމަށް އައީ."
ޝަމީތާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ޒެހެރު"، "މުހައްބަތު ހޯ ގައީ ހެ ތުމްސޭ" އަދި "ކޭޝް" ހިމެނެ އެވެ. މީގެ އިތުރުން އޭނާ ވަނީ ދައްތަ ޝިލްޕާ އެކު "ފަރޭބް" ކިޔާ ފިލްމެއް ވެސް ކުޅެފަ އެވެ.
ޝަމީތާގެ ކުރިއަށް އޮތް ފިލްމަކީ އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ "ދަ ޓެނަންޓް" އެވެ. އަދި އޭނާ އަންނަނީ "ޔޯ ކޭ ހުއާ ބްރޯ" ކިޔާ 6 އެޕިސޯޑްގެ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy