ފުރަތަމަ ހިޕް-ހޮޕް ބިލިއަނަރަކީ ޖޭ-ޒީ

މިއުޒިކީ ފަންނާނުންގެ ތެރެއިން ހިޕް-ހޮޕާއި ރެޕް މިއުޒިކް ކުޅެގެން މިހާތަނަށް ބިލިއަނަރަކަށްވި ހަމައެކަނި ފަންނާނަކީ އެމެރިކާގެ މަޝްހޫރު ރެޕާ އަދި ޖޭ-ޒީ ކަމަށް ފޯބްސް އިން ބުނެފި އެވެ.


ފޯބްސް އިން ބުނި ގޮތުގައި މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ފިރިމީހާގެ މިލްކިއްޔާތަކީ މިހާރު އެއް ބިލިއަން ޑޮރަލެވެ. ޖޭ-ޒީ، 49، ފާހަގަކުރެވެނީ މިއުޒިކް ކުޅެގެން ބޮޑު އާމްދަނީއެއް ހޯދުމުގެ އިތުރަށް އޭނާ އެންޑޯޒް ކުންފުނިތަކުން ވެސް ބޮޑު އާމްދަނީއެއް ލިބޭ ފަންނާނެއްގެ ގޮތުގަ އެވެ.

އެގޮތުން ފޯބްސް ޖޭ-ޒީ ސިފަ ކުރަނީ ކުންފުނިތައް އެންޑޯޒްކޮށް ދިނުމުގެ ބަދަލުގައި ކުންފުނި ބްރޭންޑްކޮށްދޭ މިއުޒިޝަނެއްގެ ގޮތުގަ އެވެ.

ހިޕް-ހޮޕާއި ރެޕް މިއުޒިކުން ބިލިއަނަރަކަށްވި ޖޭ-ޒީ،ގެ މިލްކިއްޔާތަށް ބަލާ އިރު، ބޮޑެތި ބައެއް ކުންފުނިތަކުގައި އިންވެސްޓްކޮށް އެ ކުންފުނިތަކުގައި އޭނާ ހިއްސާވެ އެވެ. އޭތެރޭގައި އޫބާ، މިއޫޒިކް ސްޓްރީމިން ސާވިސް ޓައިޑަލް (100 މިލިއަން ޑޮލަރު) އަދި އާމަންޑް ޑި ބްރިނެކް ޝެމްޕެއިން އާއި ޑި ޔުޒް ކޮގްނެގް (410 މިލިއަން ޑޮލަރު) ހިމެނެ އެވެ.

މީގެ އިތުރުން އޭނާގެ މިލްކިއްޔާތުގައި ނިއު ޔޯކާއި ލޮސް އެންޖެލިސްގައި ހުރި އަގު ބޮޑު ޕްރޮޕަޓީތަކާއި މިއުޒިކް ކެޓަގަލޮގް (75 މިލިއަން ޑޮލަރު) އަކާއި އާޓް ކަލެކްޝަން (50 މިލިއަން ޑޮލަރު) ހިމެނެ އެވެ.

ޖޭ-ޒީ އާންމުންގެ ތެރޭގައި މަޝްހޫރުވެގެން ދިޔައީ 1996 ގައި ނެރުނު އަލަތު އަލްބަމް "ރީޒަނަބަލް ޑައުޓް" އާ އެކީގަ އެވެ.

ދުނިޔޭގެ އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޖޭ-ޒީގެ އަންހެނުން ބިޔޯންސޭގެ މިލްކިއްޔާތަކީ 355 މިލިއަން ޑޮލަރެވެ. ދެހާސް އަށެއްގައި ކައިވެނި ކުރި އެ ދެމަފިރިންގެ މިހާރު ތިން ދަރިން ވެސް އެބަ ތިއްބެވެ.