ޖޯން ސީނާ.
10 ޖޫން 2019 - 07:57
މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ ނުވަ ވަނަ ފިލްމަށް ކުރީގެ ރެސްލިން ތަރި ޖޯން ސީނާ ސޮއިކޮށްފި އެވެ.
އޭނާ އެ ފިލްމުން ފެންނާނެ ކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށް، "ފާސްޓް" އެންމެ މުހިއްމު އެއް ތަރި ކަމަށްވާ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ވިން ޑީޒެލް އިންސްޓަގްރާމްގައި ހިއްސާ ކުރި ވީޑިއޯއެއްގައި ވަނީ ޖޯން ދައްކާލައި، އޭނާ ފާސްޓްގެ ކުރި އަށް އޮތް ފިލްމުން ފެންނާނެކަން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
މި ފަހަރު ފިލްމުން ކުރީގެ ރެސްލިން ތަރި ޑްވޭން (ރޮކް) ޖޯންސަން ނުފެންނާމެނެ އެވެ. ދެހާސް ސަތާރައިގައި ރިލީޒް ކުރި "ފާސްޓް އެންޑް ފިއުރިއަސް" ގެ 8 ވަނަ ފިލްމު "ދަ ފޭޓް އޮފް ދަ ފިއުރިއަސް" ގެ މަސައްކަތުގެ ތެރޭގައި ރޮކް އާއި ޑީޒެލްއާ ދެމެދު ވަނީ ކުނި ޖެހިފަ އެވެ. އެކަމަކު މި ސީރީޒްގެ ސްޕިން އޮފެއްގެ ގޮތުގައި ގެނެސް ދޭން ތައްޔާރުވަމުން އަންނަ "ހޮބްސް އެންޑް ޝޯ" އިން އޭނާ ފެނިގެން ދާނެ އެވެ.
ރިކް އާއި ޖޭޒަން ސްޓެތަމް ޓައިޓްލް ރޯލް ކުޅެފައިވާ ފިލްމު ސިނަމާތަކަަށް އަންނާނީ އަންނަ އޮގަސްޓް މަހުގެ 1 ގަ އެވެ.
"ފާސްޓް އެންޑް ފިއުރިއަސް 9" އަންނަ އަހަރުގެ މެއި 22 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ އިރު، ފިލްމުގެ ކާސްޓުންގެ ތެރޭގައި މިޝެލް ރޮޑްރިގޭޒް، ޓައިރީޒް ގިބްސަން، ލޫކަސް ބްލެކް، ޖޯޑަނާ ބްރޫސްޓާ އަދި ލެކްސް އެލް ހިމެނެ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޖަސްޓިން ލިން އެވެ.
ޖޯން ސީނާ، 42، "ފާސްޓް އެންޑް ފިއުރިއަސް" ގެ ކާސްޓާ ގުޅުނު އިރު، އޭނާ މިދިޔަ އަހަރު ދެ ފިލްމުން ފެނިފައިވެ އެވެ. އެއީ "ބަމްބަލްބީ" އާއި "ބްލޮކާޒް" އެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ނޮވެމްބަރު 8 ގައި ރިލީޒް ކުރާ ފެމިލީ ކޮމެޑީ "ޕްލޭއިން ވިތު ފަޔާ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަގީން ކަތީބު
10 June 2019
އަޅޭ މިކިހިނެތްވާކަަމެއް. އޮގަސްޓް 1 ގަ ރިލީސްކޮށްފަ މެއި 22ގަވެސް ރިލީސްކުރަނީ؟!؟
އަސާސީ ކުލާސް
10 June 2019
ރަނގަޅަށް އަދި އެއްފަހަރު ކިޔާލާ. 2 ފިލްމެއްގެ ވާހަކަ އެ ދައްކަނީ.