އަނިލް އާއި ޖެކީ.
12 ޖޫން 2019 - 07:32
އެކީގައި ވަރަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ އަނިލް ކަޕޫރާއި ޖެކީ ޝްރޮފް ވަރަށް ގިނަ ދުވަސްތަކެއް ފަހުން އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މި ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ޑައިރެކްޓަރު ސުބާޝް ގާއީ 1989 ގައި ގެނެސް ދިން "ރާމް ލަކަން" އެވެ. އަނިލް އާއި ޖެކީ އަލުން ސްކްރީނަށް ގެންނަނީ ވެސް ގާއީ އެވެ.
މުމްބާއީ މިރާ އިން ބުނީ ގާއީ އަލަށް ހަދަން ނިންމާފައި ވަނީ "ރާމްޗަންދު ކިޝަންޗަންދު" ކިޔާ ކްރައިމް ކޮމެޑީއެއް ކަމަށާއި އަނިލް އާއި ޖެކީ އެ ފިލްމަށް ސޮއިކޮށްފައިވާ ކަމަށެވެ. އަދި ފިލްމުގައި ދެ ތަރިން ވެސް ފެނިގެން ދާނީ ފުލުހުންގެ ރޯލުން ކަމަށް ބުންޏެވެ. މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ގާއީ ވެސް ވަނީ އަނިލް އާއި ޖެކީއާ އެކު ފިލްމެއް ހަދާކަން ކަށަވަރުކޮށް ދީފަ އެވެ. އެކަމަކު ފިލްމާ ބެހޭ އެެއްވެސް ތަފުސީލެއް ނުދެ އެވެ.
"އަހަރެން ދުވަސްތަކެއްވެއްޖެ އެ ދެ މީހުންނާ ސްކްރިޕްޓްތަކެއް ހިއްސާ ކުރާތާ. އޭގެ ތެރެއިން އެކައްޗަށް ދެ މީހުން ވެސް ވަނީ އެއްބަސްވެފައި،" ތާލް އާއި ކަލް ނަޔަކް އަދި ޕަރްދޭސް ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.
ގާއީ، 74، އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ ކާތިކް އާރިޔަން އާއި މިޝްޓީ ލީޑް ރޯލް ކުޅުނު 2014 ގެ "ކާންޗީ: ދި އަންބްރޭކަބަލް" އެވެ.
"ޕަރިންދާ" އާއި "ޔުދު" އަދި "ލައްޖާ" ފަދަ ފިލްމުތައް އެކީގައި ކުޅުނު އަނިލް، 62، އާއި ޖެކީ، 62، އެންމެ ފަހުން ސްކްރީނުން އެކީގައި ފެނިފައި ވަނީ 2013 ގެ "ޝޫޓް އައުޓް އެޑް ވަޑާލާ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy