15 ޖޫން 2019 - 07:59
ފިލްމީ ކެރިއަރު މުޅިން އެހެން ހިސާބަކަށް ގެންގޮސް ދިނުމުގެ ފަހަތުގައި ހުރި މީހަކީ ކަރަން ޖޯހަރު ކަމަށާއި އަބަދުވެސް އޭނާ އަށް ޝުކުރާ އަދާކުރާނެ ކަމަށް ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ކިއާރާ އަދުވާނީ ބުނެފި އެވެ.
އުމުރުން 26 އަހަރުގެ ބަތަލާ ބޮލީވުޑަށް ތައާރަފުވީ އަކްޝޭ ކުމާރު 2014 ގައި ޕްރޮޑިއުސް ކުރި ފިލްމު "ފަގްލީ" އިންނެވެ. އޭގެ ފަހުން ކިއާރާ އައްބާސް-މަސްތާންއާ އެކު 2017 ގެ "މެޝިން" ގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.
ނަމަވެސް އެ ފިލްމުތަކާ އެކު ވެސް ބޮލީވުޑުން މާ ރަނގަޅު ފުރުސަތުތަކެއް ނުލިބޭތީ، އޭނާ ވަނީ ސައުތުގެ ފިލްމުތައް ވެސް ކުޅެން ފަށައިފަ އެވެ. އެކަމަކު ބޮލީވުޑްގައި ކިއާރާ ވިދައިލި ފިލްމަކީ ނެޓްފްލިކްސް އިން މިދިޔަ އަހަރު ސްޓްރީމް ކުރި އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް" އިންނެވެ.
ހަތަރު ޑައިރެކްޓަރެއްގެ ހަތަރު ސެގްމަންޓް ހިމެނޭ އެ ފިލްމުގައި ކިއާރާ ކުޅުނީ ކަރަން ޑައިރެކްޓް ކުރި ސެގްމަންޓްގެ ބަތަލާގެ ރޯލެވެ. މިއީ ކަރަންގެ ފިލްމަކުން އޭނާ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރު ވެސް އެވެ.
އޭގެ ފަހުން މިދިޔަ އެޕްރީލް މަހު ކަރަން ގެނެސް ދިން "ކަލަންކް" ގެ ރޯލަކުން ވެސް އުންމީދީ ބަތަލާ ފެނިފައިވެ އެވެ. އަދި މިހާރު ވެސް ކަރަން ޕްރޮޑިއުސް ކުރާ ދެ ފިލްމެއް ކިއާރާގެ އަތުގައި އެބަ އޮތެވެ. އެއީ ޑިސެމްބަރު 27 ގައި ރިލީޒް ކުރާ "ގުޑް ނިއުސް" އާއި އަންނަ އަހަރު އަހަރު ރިލީޒް ކުރާ "ޝޭރް ޝާހް" އެވެ.
ޑެކަން ކްރޮނިކަލް އަށް ދިން އިންޓަވިއުއެއްގައި މިހާރު ގިނަ ފުރުސަތުތައް ލިބެމުން އަންނަ ބަތަލާ ބުނީ އޭނާގެ ކެރިއަރު ހިންގައި ދިނީ ކަރަން ފަހިކޮށް ދިން ފުރުސަތުން ކަމަށް ގަބޫލު ކުރާ ކަމަށެވެ.
"ވަރަށް ގިނަ މީހުންނަށް ހީވެފައި ވެސް އޮންނަނީ އަހަރެންގެ ފުރަތަމަ ފިލްމަކީ ލަސްޓް ސްޓޯރީޒް ކަމަށް. ސަބަބަކަށް ވެދާނެ އެ ފިލްމުގައި އަހަރެން ކުޅުނު ކެރެކްޓާ އިން މީހުންނަށް އެހާ ބޮޑަށް އަހަރެން ފާހަގަ ކުރެވުނީ ކަމަށް،" ކިއާރާ ބުންޏެވެ. "އެއީ ހަމަ ހަގީގަތުގައި ވެސް ގިނަ ބަޔަކަށް އަހަރެން އެނގިގެން ދިޔަ ފިލްމަކީ. އެ ފިލްމުން ފުރުސަތު ދީފައި ފަހުން ކަރަން އަހަންނަށް އިތުރު ފުރުސަތުތަކެއް ވެސް ފަހިކޮށް ދީފި. އެހެންވީމާ އަހަރެންގެ ކެރިއަރު ބަދަލުކޮށްލުމުގެ ކްރެޑިޓް އަބަދު ވެސް އޭނާ އަށް ހައްގު ވާނެ."
އޭނާ ބުނި ގޮތުގައި ކަރަންއަކީ ހުނަރު ހުރޮ ކޮންމެ މީހަކަށް ފުރުސަތު ދޭނެ މީހެކެވެ.
"އަހަންނަށް އޭނަގެ ފަރާތުން އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ ބޮޑާކަމެއް ކިނބުރުވެރި ކަމެއް ނެތުން. އެހެންވެ ވަރަށް ފަަސޭހަ ކަރަންގެ ޕްރޮޖެކްޓްތަކުގައ މަސައްކަތް ކުރަން. އޭނަ އަބަދު ވެސް ބުނާނެ ތިސްކްރިޕްޓަކާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށް ވަންޏާ އަދި ކުޅެން ލިބޭ ކެރެކްޓާ ކަމުނުދާ ކަމަށް ވަންޏާ ސީދަލަށް ނޫނެކޭ ބުނާށޭ،" ކިއާރާ ބުންޏެވެ. "ތިމަންނަ ފިލްމެއް އޮފާކުރީއްޔޭ ކިޔާފައި ނުޖެހެއޭ އެ ފިލްމަކަށް އެއްބަސްވާކަށް. އެއީ ހަގީގަތުގައި ޕްރޮޑިއުސަރެއްގެ ފަރާތުން ފެންނަ ވަރަށް ރަނގަޅު ކަމެއް. އެހެންވެ އޭނާއާ ކޮންމެ ވާހަކަ ހިއްސާ ކުރަން ވެސް ވަރަށް ފަސޭހަ."
ކިއާރާ އަށް މިހާރު ގިނަ ފިލްމުތަކުން ފުރުސަތު ލިބެމުން އަންނަ އިރު، އޭނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ މި މަހުގެ 21 ގައި ރިލީޒް ކުރާ "ކަބީރު ސިންގް" އިންނެވެ. އެ ފިލްމުގެ ބަތަލަކީ ޝާހިދު ކަޕޫރެވެ.
މީގެ އިތުރުން އޭނާގެ އަތުގައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި އަކްޝޭއާ އެކު ކުޅޭ "ލަކްޝްމީ ބޮމްބް" އަދި ނިކިލް އަދުވާނީ ޕްރޮޑިއުސް ކުރާ "އިންދޫ ކީ ޖަވާނީ" ހިމެނެ އެވެ. އެ ދެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު އެވެ.
"އަހަރެން ވަރަށް އުފާ ކުރަން އަބަދު ވެސް އެއްކަހަލަ ރޯލްތަކެއް ކުޅޭ ބަތަލާއެއްގެ ގޮތުގައި ޓައިޕްކާސްޓް ވެސް ނުވާތީ. އަބަދު ވެސް ބޭނުންވޭ ތަފާތު އެކި ކަހަލަ ރޯލްތައް ކުޅެން،" ކިއާރާ ބުންޏެވެ. "ގިނަ މީހުންނަށް އަހަރެން ފާހަގަ ކުރެވެނީ ތަންކޮޅެއް ގްލެމަރަސް ބަތަލާއެއްގެ ގޮތުގައި. އެކަމަކު ކުރިއަށް ހުރި ފިލްމުތަކުން އެ އިމޭޖް ބަދަލު ވާނެ ކަމަށް އުންމީދު ކުރެވޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy