ފްރެއިޑާ ޕިންޓޯ.
16 ޖޫން 2019 - 10:57
"ސްލަމްޑޯގް މިލިއަނާ" އިން ވިދައިލުމަށް ފަހު، ހޮލީވުޑްގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ބަތަލާ ފްރެއިޑާ ޕިންޓޯ ނެޓްފްލިކްސްގެ "ހިލްބިލީ އެލެޖީީ" ގެ ކާސްޓާ ގުޅިއްޖެ އެވެ.
"އެޕޯލޯ 13" އާއި މިދިޔަ އަހަރު "ސޯލޯ: އަ ސްޓާ ވޯސް ސްޓޯރީ" ގެނެސް ދިން ރޮން ހަވަޑް ޑައިރެކްޓް ކުރާ ފިލްމަށް ކުރިން ސޮއިކޮށްފައިވާ ތަރިންގެ ތެރޭގައި އެމީ އެޑަމްސް، ގްލެން ކްލޯޒް، ހޭލީ ބެނެޓް އަދި ގެބްރިލް ބެޒޯ ހިމެނެ އެވެ. ފްރެއިޑާއާ އެކު "ހިލްބިލީ އެލެޖީީ" އަށް ސޮއިކުރި ތަރިންގެ ތެރޭގައި ބޯ ހޮޕްކިންސާއި އޮވެން އެސްޓަލޯޒް ހިމެނެ އެވެ.
ސާޅީސް ފަސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާ "ހިލްބިލީ އެލެޖީީ" އަކީ ހަމަ އެ ނަމުގައި ލިޔުންތެރިޔާ ޖޭޑީ ވޭންސް 2016 ގައި ލިޔުނު ވާހަކަ އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މިދިޔަ އަހަރު އެންމެ މޮޅު ފިލްމުގެ އޮސްކާ އެވޯޑް ހޯދި "ދަ ޝޭޕް އޮފް ވޯޓާ" ގެ ސްކްރީންޕްލޭގައި ހިއްސާވި ވެނެޒާ ޓޭލާ އެވެ.
މިހާރު ޝޫޓިން ކުރިއަށްދާ ނެޓްފްލިކްސްގެ "ހިލްބިލީ އެލެޖީީ" އަށް ފްރެއިޑާ ސޮއި ކުރި އިރު، އޭނާ ކުރިން ވެސް ވަނީ ނެޓްފްލިކްސްގެ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ މިދިޔަ އަހަރު ރިލީޒް ކުރި އެންޑީ ސާކިސްގެ "މޯގްލީ: ދަ ލެޖެންޑް އޮފް ދަ ޖަންގަލް" އެވެ.
"ރައިޒް އޮފް ދަ ޕްލެނެޓް އޮފް ދި އޭޕްސް" އާއި "އިމޯޓަލްސް" ފަދަ ފިލްމުތައް ކުޅެފައިވާ ފްރެއިޑާ، 34، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ނީޑްލް އިން އަ ޓައިމްސްޓެކް" އާއި "ލަވް، ވެޑިން، ރިޕީޓް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy