ޝީރަން ޝޯއެއްގައި ލަވަ ކިޔަނީ.
22 ޖޫން 2019 - 07:05
މީގެ ކުރިން ވެސް ކާމިޔާބު އަލްބަމްތަކެއް ނެރެ، ގްރެމީ އެވޯޑްތައް ވެސް ހާސިލުކޮށްފައިވާ އިނގިރޭސިވިލާތުގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ އާ އަލްބަމެއް ނެރެން ތައްޔާރުވެއްޖެ އެވެ،
އަންނަ މަހުގެ 12 ގައި ނެރެން ތާވަލުކޮށްފައިވާ އާ އަލްބަމް އޭނާ ސިފަކޮށްފައި ވަނީ "ނަމްބާ 6" ގެ ގޮތުގަ އެވެ. އެހެންވެ އެއީ އަލްބަމްގެ ނަން ވެސް ކަމަށް ބެލެވެ އެވެ. ޝީރަން މިހާތަނަށް ތިން އަލްބަމް ނެރެފައިވާ އިރު ކޮންމެ އަލްބަމަކަށް ވެސް ވަނީ ހިސާބާ ގުޅުވައިފަ އެވެ. އެގޮތުން ފުރަތަމަ ތިން އަލްބަމަކީ "ޕްލަސް"، "ޓައިމްސް" އަދި "ޑިވައިޑް" އެވެ.
ޖުމްލަ 21 ޓްރެކް ހިމެނޭ މި އަލްބަމަކީ ޝީރަންއާ އެކު މަޝްހޫރު އެހެން ފަންނާނުން ވެސް ހިއްސާވާ ގޮތަށް ގެނެސްދޭ ކޮލަބަރޭޝަން ޕްރޮޖެކްޓެކެވެ. އެގޮތުން ޖަސްޓިން ބީބާ، ކެމީލާ ކެބެލޯ، ޓްރާވިސް ސްކޮޓް، އެމިނެމް، 50 ސެންޓް، ކާޑީ ބީ އަދި ބްރޫނޯ މާސް ފަދަ ފަންނާނުންގެ ބައިވެރިވުން އާ އަލްބަމްގައި އޮންނާނެ އެވެ.
އަލްބަމްގައި ހިމެނޭ ޓްރެކްތަކުގެ ނަންތައް ވެސް ޝީރަން ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
އޭނާ އެންމެ ފަހުން ނެރުނު "ޑިވައިޑް" އަކީ 2017 ގެ އަލްބަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy