ޝިލްޕާ ޝެޓީ.
27 ޖޫން 2019 - 07:44
މިހާރު އެއްވެސް ވަރަކަށް ފިލްމުތަކުން ނުފެންނަ ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ އަނެއްކާ ވެސް ބޮޑު ސްކްރީނަށް އައުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
ބޮލީވުޑް ހަންގާމާ ބުނީ ބޮލީވުޑްގެ އެންމެ ލޫޅާފަތި އެއް ބަތަލާ އަލުން ފިލްމު ކުޅެން ފަށަނީ ފިރިމީހާ ރާޖް ކުންދުރާ ވެސް އެކަމަށް ވަރަށް ބޮޑަށް ހިތްވަރު ދޭތީ ކަމަށެވެ. އެގޮތުން އެނބުރި އަންނަ ފިލްމަކަށް ދެމަފިރިން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ނަމަވެސް ޝިލްޕާ އަލުން ސްކްރީނަށް އަންނަ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އަދި ފިލްމު ގެނެސް ދޭނެ އިރެއް ވެސް ސާފެއް ނުވެ އެވެ. އެކަމަކު ޝިލްޕާ ބޮޑު ސްކްރީނުން ބެލުންތެރިންނާ ބައްދަލުކުރާނީ އޭނާއާ ވަރަށް ގުޅޭ ކަހަލަ ފިލްމަކުން ކަމަށް ހަންގާމާ އިން ބުންޏެވެ.
ފިލްމު "ބާޒީގަރު" އިން 1993 ގައި ބޮލީވުޑަށް ނުކުތް 44 އަހަރުގެ ބަތަލާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ ފިރިމީހާއާ ގުޅިގެން 2014 ގައި ޕްރޮޑިއުސް ކުރި ފިލްމު "ޑިޝްކިޔާއޫ" ގެ ލަވައަކުންނެވެ. އެ ފިލްމުގެ ލީޑް ރޯލް ކުޅުނީ މިހާރު ފިލްމުތަކުން ނުފެންނަ އެކްޓަރު ހަރްމަން ބަވޭޖާ އާއި އައިޝާ ކަންނާ އެވެ.
ޝިލްޕާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމަކީ 2000 ވަނަ އަހަރު ރިލީޒް ކުރި "ދަޅުކަން" އެވެ. އޭނާގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި މޭ ކިލާޅީ ތޫ އަނާޅީ (1994)، ދަސް (2005) އަދި ލައިފް އިން އަ...މެޓްރޯ (2007) ހިމެނެ އެވެ.
ފިލްމުތަކުން ޝިލްޕާ ނުނެފުނަސް އޭނާއަކީ އަބަދު ވެސް އެކި ކަހަލަ ޓީވީ ޝޯތަކުން ފެންނަ މީހެކެވެ. އެގޮތުން ސޮނީ ޓީވީގެ "ސުޕަ ޑާންސާ" އަކީ ޝިލްޕާ ޖަޖްކަން ކުރާ ޝޯއެކެވެ. އެ ޝޯގެ ތިން ވަނަ ޗެޕްޓަރު ނިންމައިލީ މި މަހުގެ 23 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy