ކުރީގެ ބަތަލާ ފަރަހް ނާޒްގެ ދަރިފުޅު ވެސް ބޮލީވުޑަށް

ބޮލީވުޑްގެ ކުރީގެ ބަތަލާ ފަރަހް ނާޒްގެ ދަރިފުޅު ފާތިހް ރަންދުވާ ވެސް ބޮލީވުޑަށް ނުކުންނަން ތައްޔާރުވާން ފަށައިފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާތިހު ބޮލީވުޑްގެ ދަތުރު ފަށައިގަންނާނީ ދާދި ފަހުން ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އިއުލާންކުރި "ދޯސްތާނާ 2" އިންނެވެ. ފިލްމީ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނީ ޖާންވީ ކަޕޫރާއި ކާތިކް އާރިޔަން ސޮއިކޮށްފައިވާ ފިލްމަށް ފާތިހު މިހާރު ސޮއި ވެސް ކޮށްފައިވާ ކަމަށެވެ.

އެކަމަކު ކަރަން އަދި އެކަން ކަށަވަރެއް ނުކޮށްދެ އެވެ. ނަމަވެސް ބެލެވޭ ގޮތުން "ދޯސްތާނާ 2" ގެ ދެވަނަ ލީޑް އެކްޓަރަކީ އަލަށް ތައާރަފު ކުރާ އެކްޓަރަކަށް ވާނެ އެވެ.

ފާތިހު، 23، އަކީ އަށްޑިހަ އާއި ނުހަދިހައިގެ އަހަރުތަކުގެ ކުރީކޮޅު ވިދައިލި ފަރަހް އާއި މިހާރު ވެސް ފިލްމުތަކުގެ ކުދިކުދި ރޯލްތަކުން ފެންނަ ވިންދޫ ދާރާ ސިންގްގެ ދަރިއެކެވެ. ފަރަހް، 50، އަކީ ބަތަލާ ތައްބޫގެ ދައްތަ އެވެ. އަދި ބަތަލާ ޝަބާނާ އަޒްމީ އަކީ ވެސް އެ އާއިލާ އަށް ނިސްބަތްވާ މީހެކެވެ.

ވިންދޫއަކީ ކުރީގެ މަޝްހޫރު އެކްޓަރު ދާރާ ސިންގްގެ ދަރިއެކެވެ. ދެ ފަރާތުގެ އާއިލާގައި ވެސް ގިނައިން ތިބީ އެކްޓަރުން ކަމަށްވާތީ ފާތިހުގެ ލެއާ ވެސް އެކްޓިންއާ ވަރަށް ބޮޑަށް ގުޅިފައި ވާނެ އެވެ. އަދި އޭނާ އަކީ ހުނަރުވެރި އެކްޓަރަކަށް ވާނެ ކަމުގެ އުންމީދު ބޮޑެވެ.

ފަރަހްގެ ފިލްމު "އިސީ ކާ ނާމް ޒިންދަގީ" ގެ ލަވައެއް.

ފާތިހުގެ މަންމަ ފަރަހް ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ނަސީބު އަޕްނާ އަޕްނާ (1986)، އިމާންދާރު (1987)، ޔަތީމު (1988) އަދި ބާޕް ނަމްބަރީ ބޭޓާ ދަސް ނަމްބަރީ (1990) ހިމެނެ އެވެ.

ދަރިއަކު ލިބުނު ފަހުން ފަރަހް އާއި ވިންދޫގެ ކައިވެނި ރޫޅުމުން، ފަރަހް ވަނީ 2003 ގައި އެކްޓަރު ސުމީތު ސައިގަލްއާ ކައިވެނިކޮށްފަ އެވެ. ސުމީތުއަކީ 2016 ވަނަ އަހަރު އަޖޭ ދޭވްގަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ކުޅުނު ފިލްމު "ޝިވާއޭ" އިން ބޮލީވުޑަށް ތައާރަފު ކުރި ސައްޔޭޝާ ސައިގަލްގެ ބައްޕަ އެވެ.