20 ޖުލައި 2019 - 06:41
ޒީޓީވީން ގެނެސް ދީފައިވާ މަގުބޫލު ސިލްސިލާ "ޖަމާއީ ރާޖާ" ވެބް ސީރީޒެއް ހަމަ ކުރީީގެ ލީޑް ތަރިންނާ އެކީ ގެނެސްދޭން ނިންމައި، އޭގެ މަސައްކަތް ފަށައިފި އެވެ.
ރަވީ ޑޫބޭ އާއި ނިއާ ޝަރުމާ މުހިއްމު ރޯލްތައް ކުޅުނު ސިލްސިލާގެ ވެބް ސީރީޒްގެ ނަމަކީ "ޖަމާއީ ރާޖާ 2.0" އެވެ. މީގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ދެ ތަރިން އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. ސީރީޒް ސްޓްރީމްކުރާނީ ޒީގެ ޑިޖިޓަލް ފްލެޓްފޯމް ޒީ5 އިންނެވެ.
"ޖަމާއީ ރާޖާ" އަކީ ޒީޓިވީން އޮގަސްޓް 4، 2014 އިން މާޗް 3، 2017 އަށް ގެނެސްދިން ސިލްސިލާއެކެވެ. އެ މުއްދަތުގެ ތެރޭގައި އޭގެ 701 އެޕިސޯޑް ގެނެސް ދީފައިވެ އެވެ.
"ޖަމާއި ރާޖާ" އިން ނިއާ އާއި ރަވީއާ އެކު މައިގަނޑު ކާސްޓުން ފެނިގެން ދިޔަ ތަރިންގެ ތެރޭގައި އަޗިންތު ކޯރް، އިންދުރަނީލް ސެންގުޕްތާ، ޝައިނީ ދޯޝީ އަދި މޯނީ ގަންގޫލީ ހިމެނެ އެވެ.
މި ސިލްސިލާއާ ބެހޭ ގޮތުން ރަވީ ބުނެފައި ވަނީ "ޖަމާއީ ރާޖާ" އަކީ އޭނާގެ ކެރިއަރު ބަދަލުކޮށްލި ސިލްސިލާއެއް ކަމަށެވެ. އަދި އޭގެ ދެވަނަ ސީޒަނެއް ވެބް ސީރީޒެއްގެ ގޮތުގައި ގެނެސް ދިނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.
މިހާތަނަށް ވަރަށް ގިނަ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ އަދި މި މަހުގެ ކުރީކޮޅު އަންހެނުން/ބަތަލާ ސަރުގުން މެހެތާއާ އެކު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަ ކުރި ރަވީ، 35، އެންމެ ފަހުން ފެނިފައިވާ ސިލްސިލާއަކީ އޭނާ ކުޑަ ރޯލަކުން ފެނިގެން ދިޔަ އަދި ކަލާޒުން ދާދި ފަހުން ނިންމައިލި "ނާގިން 3" އިންނެވެ.
ނިއާ، 28، އެންމެ ފަހުން ކުޅުނު ސިލްސިލާއަކީ މިދިޔަ މަހު ކަލާޒުން ނިންމައިލި "އިޝްގް މޭ މަރުޖާވާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy