މުނިފޫހިފިލުވުން / ދެކޭހިތްވޭ ނިކަން

ދެކޭހިތްވޭ ނިކަން

ބުދަ ދުވަހާ ގުޅޭ

ތަންކޮޅަކަށް ދިޔަތަނާ އަހްސަނަށް އަހަރެން ފެނުނެވެ. އަހްސަން ސިއްސައިގެންދިޔައެވެ. އެއީ އަހަންނަށް ހީވިގޮތެއް ނޫނެވެ. ނުފެންނަންވާ މަންޒަރެއް އަހަންނަށް ފެނިއްޖެކަން ކަށަވަރެވެ. އެ ކަން ހާމަވީ އަހްސަންގެ މޫނުމަތިންނެވެ. އިރުކޮޅަކު ވިސްނަންހުރެފައި އަހަރެން ގާތަށް އަހްސަން އައެވެ.

"ދަތްއުނގުޅައިލަން ދޮންވެލި މުށެއް ބަލައި މި ދިޔައީ،" އަހްސަން ރަނގަޅު އުޒުރެއް ދެއްކިއެވެ. "ކޮލްގެޓުފުޅިގަނޑު ހުސްވެފަ އޮތީމަ."

އަހްސަންގެ ޖަވާބު އަހަންނަކަށް މުހިންމެއް ނޫނެވެ. އޭނަ ކޮންމެ ތާކަށް ގޮސް ކޮންމެ ކަމެއް ކުރިޔަސް އަހަންނަކަށް ފަރުވާލެއް ނެތެވެ. ވީއިރު ކޮންމެހެން އަހަރެންނަށް ސަބަބު ކިޔައިދިނީ ކީއްކުރަން ހެއްޔެވެ؟ އަހްސަނާއި ރަމްޒިއްޔާއާ ދެމެދު ކޮންމެ ކަހަލަ ގުޅުމެއް އޮތަސް އެ ކަމާ ވެސް އަހަރެން ވިސްނާކަށް ބޭނުމެއް ނޫނެވެ. އަހްސަން ބުނީ ތެދެކެވެ. ކޮލްގެޓުފުޅިއަކު އެއްޗެއް ނެތެވެ. އެކަމަކު ދަތްއުނގުޅާނެ އެހެން އެއްޗެހި ގިފިލީގައި ހުންނާނެއެވެ. ކޮންމެހެން ދޮންވެލި ގެންދާކަށް ނުޖެހޭނެއެވެ. ދެން ހިތަށްއެރިއެވެ. އެ ވަރު އަހަންނަށް އެނގޭކަން އަންގާލަންވާނެއެވެ.

"ގިފިލީގަ ހުންނާނެ ގޯޕާލު." އަހަރެން ބުނީމެވެ.

އަހްސަންގެ އަނގަ ބަންދުވިއެވެ. އަހަރެން އެ ތަނުން ދިޔައީމެވެ. ގޭތެރެއަށް ވަދެފައި ގިފިލިތެރެ ބަލައިލީމެވެ. ދެ އުރަ ގޯޕާލު އޮތެވެ. އެއް އުރައިގައި ދެބައިކުޅަ އެއްބަޔަށް ބޭސް ހުރިއިރު އަނެއް އުރަ އޮތީ ނުކަނޑައެވެ. ގިފިލީގައި އެކަނިމާއެކަނި ހުރެގެން އަހަރެން ވިސްނީމެވެ. ލޯތްބަކީ ކޯޗެއްކަން ނޭނގެނީ އަހަންނަށެވެ. އެކަމަކު ނިމުނުއިރު އަހްސަނަކަށް ވެސް ނޭނގޭތާއެވެ. އެނގޭ ނަމަ އަހްސަން އެ ގޮތަކަށް ނޫޅުނީހެވެ. ސުވާލަކީ، އަހަރެން ދެކެ ލޯބިނުވާއިރު އަހްސަން އެވަރަކުން އަހަންނާ އިނީ ކީއްކުރަން ހެއްޔެވެ؟ ކައިވެނީގެ ފަހަތުގައި އަހްސަންގެ އަމިއްލައެދުމެއް އޮތީ ހެއްޔެވެ؟ އެއީ ކޮން އެދުމެއް ހެއްޔެވެ؟

"ދަރިފުޅާ!" މަންމަ ގިފިއްޔަށް ބޯދިއްކޮށްލައިފައި އެހިއެވެ. "ކިހިނެއްވެފަ ތި ހުންނަނީ؟"

"ކަމެއްނުވޭ!" ގިފިލިން ނުކުންނަމުން އަހަރެން ބުނީމެވެ. "ޒުހުދާގެ އެއްޗެހި ހިއްކަންއަޅައިލަން ވަނީ."

އަހަންނަށް ލިބުނު ހިތާމައިގައި މަންމައާއި ބައްޕަ ބައިވެރިކުރުމުގެ ބޭނުމެއް އަހަންނަކަށް ނުފެނުނެވެ. ލޮލަށް ފެންނަ ކަންކަން މަންމައަށާއި ބައްޕައަށް ސިއްރުކުރި ސަބަބަކީ އެއީއެވެ. އެ މީހުންގެ އެއްވެސް ކުށެއް ނެތެވެ. އުމުރުގެ ފަހުކޮޅުގައި މައިންބަފައިން ހިތުގައިޖެއްސުމުގެ ބޭނުމެއް ނެތެވެ.

އަހްސަން ހިލަމުންދިޔަ މެޓާގަނޑުގެ ވަހެއް، އަހަރެންގެ ފަރާތަކުން އެކަކަށް ވެސް ދުވިޔަކަނުދެމެވެ. އެހެންކަމުން އެ ކަން އޮތީ ސިއްރުވެފައެވެ. އެކަމަކު ލަހުން އަހްސަން ގެއަށް އަންނަކަމާއި، ކިތަންމެ ރެޔަކު ގެއަށް ނާންނަކަން ވެސް މަންމަމެންނަށް ދިޔައީ އެނގެމުން، ފެންނަމުންނެވެ. މަންމަ އެ ވާހަކަދައްކަން އުޅުނެވެ. އަހަރެން އަޑުނޭހީއެވެ. އެހެންނަމަވެސް ބައްޕަ އަތްދަށަކުން އަހަންނަކަށް ސަލާމަތެއް ނުވެވުނެވެ.

"ކޮންތާކަށް އޭނަ ދަންވަރު އެ ދަނީ؟" އަހަރެން ކާންދިޔަތަނާ ބައްޕަ ސުވާލުކުރިއެވެ. "ބައްޕަ ފަތިސްނަމާދަށް ނުކުންނަނިކޮށް ވެސް ތިން ރޭ އަހްސަނާ ދިމާވެއްޖެ! ތަނެއްގަ މަސައްކަތެއްކުރަނީތަ؟"

"އަހަންނަކަށް ނޭނގެ ބައްޕާ!" އެއްވެސް ޝައުގުވެރިކަމެއް ނެތް ރާގެއްގައި އަހަރެން ބުނީމެވެ. "ބައްޕަ ވެސް އެ ކަމާ އަޅާނުލާ!"

ބައްޕައަކަށް އެ ގޮތެއް ކަމަކުނުދިޔައެވެ. އަހްސަން ދެކެ ލޯބިވާތީއެއް ނޫނެވެ. އަހަންނަށް ވުރެ ބޮޑަށް ބައްޕަ ހުރީ އަހްސަން ދެކެ ފޫހިވެފައިހެން ހީވެއެވެ. އެހެންނަމަވެސް، އަހަރުމެންގެ އާއިލާއަކީ މީހުން އިހުތިރާމުކުރާ އާއިލާއެކެވެ. ފެށުނީއްސުރެ އެ ކަން އޮންނަނީ އެހެންނެވެ.

"ބައްޕަ އަޅައެއްނުލާނަމޭ!" ވަރަށް ޔަގީންކަމާ އެކުގައި ބައްޕަ ބުންޏެވެ. "އެކަމަކު ދަރިފުޅު އޭނަ ކުރެން އަހާބަލަ ކީއްތޯ ކުރަނީ. އިންސާނުން އުޅޭ ވައްތަރެއް ނޫނެއްނު އެއީ. އެއް ރޭ ވެސް ގެޔަކު މަޑެއްނުވޭ. އަޅެ ކުޑަމަންޖެގެ ހާލުއަހުވާލު ވެސް ބަލައިލަންޖެހޭނެއްނު! ބުނޭ އެންމެ ލަސްވެގެން ވެސް ރޭގަނޑު ދިހަޔެއްޖަހާއިރު ގެއަށް ވަންނަންޖެހޭނޭ. ނަމާދެއް ކުރަނީކީ ނޫން. ގުރުއާނެއް ކިޔަވަނީކީ ނޫން. ބުނޭ މަ ބުންޏޭ މި ގޭގަ އުޅެންޏާ ޖެހޭނީ ނަމާދަށް އަރާށޭ."

އަހަރެން ބައްޕަޔާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނީމެވެ.

"ކީއްކުރަން ބައްޕާ؟" އަހަރެން އެހީމެވެ. "ހީވޭތަ އޭނަ ދާހާ ތަނެއް އަހަރެން ގާތުގަ ބުނާނެހެން؟ އަހަރެން އަހައިފިއްޔާ އޭނައަށް ހީވާނީ.."

"ބައްޕަ ބުނީތީ!" ބައްޕަ އެދުނެވެ. "ގިނަ ފަހަރަކު އަހާނެކަމެއް ނެތޭ. ހަމަ އެންމެ ފަހަރަކު."

ބައްޕައަށް އެ ކަހަލަ ކަންތައްތައް ފާހަގަވަނީ ބައްޕައަކީ އަޅުވެރިޔަކަށް ވީތީއެވެ. ކޮންމެ ނަމާދަކަށް ބަންގިގޮވުމުގެ ވިއްސަކަށް މިނެޓު ކުރިން ބައްޕަ އިންނާނީ މިސްކިތުގައެވެ. ބައްޕަ ދާއިރު ދާނީ ގޭގައި ތިބޭ ހުރިހާ ފިރިހެންކުދިން ވެސް ގޮވައިގެންނެވެ. އެ ކަހަލަ މީހަކަށް އަހްސަން އުޅޭ ގޮތް ކަމުދާނީ ކިހިނެއް ހެއްޔެވެ؟ ބައްޕަ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. ބައްޕައަށް ޓަކައި ކޮންމެ ކަމެއް ވެސް އަހަރެން ކޮށްދޭހިތްވެއެވެ. އެކަމަކު، އަހްސަން ދެކެ އަހަރެން ފޫހިވެފައިހުންނަ ވަރުން އިސްވެ އަހްސަނާ ވާހަކަދައްކާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އަހަންނަށް ޔަގީންވާ ކަމަކީ، އުމުރުދުވަހު އަހްސަނާ އިނދެގެން އަހަރެން އުޅެންޖެހުނަސް، އަހްސަނަށް ބައްޕަ ކިޔާ ކިތަންމެ ދަރިންނެއް އަހަންނަށް ލިބުނަސް، އަހްސަނަށް އަހަރެން މާފުނުކުރާނެކަމެވެ. ހިތްހެޔޮނުކުރާނެކަމެވެ. ހިތާމައަކީ ބައްޕަ އެދުނު ކަންތައް ބައްޕައަށް ކޮށްދޭން އަހަރެންގެ ނަފުސު އަހަންނަށް މަޖުބޫރުކުރިކަމެވެ.

އަހްސަނާ ސުވާލުކުރަން އަހަރެން ތައްޔާރުވީމެވެ. އެކަމަކު ބައްޕަ އެ ކަމަށް އެދުނީއްސުރެ އަހްސަނެއް ނުފެނެއެވެ. ދުވަހުގެ މެންދުރުފަހެވެ. ދަރިފުޅު ގޮވައިގެން އަހަރެން އުނދޯލީގައި އިނީމެވެ. ނާނަކިޔައިގެން ދަރިފުޅު ހުއްޓައެއްނުލިއެވެ. އެންމެ ފަހުން މަންމަ އަައެވެ.

"މަގޭ ދަރިފުޅަށް މަންމަ ކިހިނެއްހަދަނީ؟" އަހަރެންގެ އުނގުން ދަރިފުޅު ނަގަމުން މަންމަ ބުންޏެވެ. "އާނއާނ ހުއްޓާލަހުއްޓާލާ! މަންމައަކަށް ނޭނގުނުދޯ ބަންޖެއް ކިޔާލާކަށް ވެސް."

ދަރިފުޅު ގޮވައިގެން މަންމަ އުނދޯއްޔަށްއެރިއެވެ.

"ބާއޮކަލޯ ނާދޭ! ނާދެ ހިނގައިދާނދޭ! މިގޭ ނެތޭ ރޯކުއްޖެއް،" މަންމަ ރީތި ރާގަކަށް ކިޔެވެ. "އެގޭ ތިބީ ރޯ ދެ ކުދިން. އެގޭދޮށަށް ދާނދޭ!"

އެ ވަގުތު އަހްސަން ގެއަށް ވަނެވެ. އެއީ ކުރީ ދުވަހު ހަވީރު ދިޔަ މީހާއެވެ. ބައެއް ފަހަރު ހިތަށްއަރައެވެ. އަހްސަންގެ ބޭނުމަކީ އަހްސަން ނެތުމުގެ ފަޅުކަން އަހަންނަށް އިހުސާސްކުރުވަން ހެއްޔެވެ؟ ބޭރަށް ނުގޮސް ގޭގައި އަހްސަން މަޑުކުރާށޭ އަހަރެން ބުނުން ހެއްޔެވެ؟ ދުވަހަކު ވެސް އެހެނެއް ނުވާނެއެވެ. އަހްސަން ފަހަތުން އަހަރެން ކޮޓަރިއަށް ވަނީމެވެ. އަހްސަން ގަމީސް ބަދަލުކުރިއިރު ވެސް އަހަރެން އިނީ ދެ ފިކުރެއްގައެވެ.

"އަވަހަށް ކާންހަދަންއުޅޭ!" އަހްސަންގެ އޯގާތެރިކަމެއް ނެތް އަޑުން ބުންޏެވެ. "ވަރަށް ވަރުބަލިވެއްޖެ!"

ބައްޕަ ހަވާލުކުރި މަސައްކަތް ފަށަން ރީތި ގޮތެއް ނޯންނާނެކަން އަހަންނަށް އެނގެއެވެ. ރަނގަޅު ދަނޑިވަޅެއް ވެސް ނޯންނާނެއެވެ.

"އަސްލު އަހަރެން ކޮންމެހެން ބޭނުމެއް ނޫން އަހްސަން އުޅޭ ތަނަކާ، ކުރާ ކަންތައް އޮޅުންފިލުވާކަށް،" ވަރަށް ސާދާ ރާގެއްގައި އަހަރެން ބުނީމެވެ. "އެކަމަކު ބައްޕަ އިރުއިރުކޮޅާ އަހާތީ މިއަދު ޖެހިއްޖެ އެ ސުވާލު އަހަން."

އަހަރެން އިސްވެ ފުރަތަމަ ފަހަރަށް އެއްޗެއް ބުނުމުން އަހްސަން ކުޑަކޮށް ހައިރާންވިއެވެ. ހުއްޓުންއެރިއެވެ. އަހްސަން ބަލައިލި ގޮތުން ހީވަނީ އިސްވެ އަހަރެން ވާހަކަދެއްކިކަން އަހްސަނަށް ގަބޫލުނުކުރެވުނުހެންނެވެ.

"ބައްޕަ ގާތުގަ ބުނޭ އަހަރެން ވެސް އާމްދަނީހޯދަން މަސައްކަތްކުރަން ޖެހޭނެނޫންހޭ،" ފޫހި ގޮތަކަށް އަހްސަން ބުނެލިއެވެ. "އެހެން މީހުންގެ މަސައްކަތްކުރާއިރު އެ މީހުން ބުނާ ގަޑިއެއްގަތާ ކުރެވޭނީ."

"އަހްސަން ކޮން މަސައްކަތެއްތަ ތި ކުރަނީ؟" އަހަރެން އެހީމެވެ.

އަނެއްކާ ވެސް ހަމަހިމޭން ވަގުތުކޮޅެކެވެ. އަހަރެންގެ އެ ސުވާލަށް އަހްސަން ތައްޔާރުވެފައެެއް ނެތެވެ.

"ތީ ވެސް ބައްޕަ އެހި ސުވާލެއް؟" އަހްސަން ބުންޏެވެ. "ނޫނީ އަހަރެންގެ އަންހެނުން އެހި ސުވާލެއްތަ؟ އަހަންނަށް ޝައްކުކުރަން މޫނި ލަދެއްނުގަނޭ؟ އަަހަރެން ރަށުތެރޭގަ ބައިސްކަލު ބުރުޖަހާކަށް ނޫނޭ ދަނީ. ބައިސްކޯފުބަލަން ނޫނީ ކުއީން އޮފް ދަ ނައިޓުގަ ސައިބޯކަށް ނޫނޭ އިންނަނީ. ފިރިމީހާއަށް ތި ވަރަށް ޝައްކުނުކޮށްބަލަ!"

"ބައްޕަ ބުނީ އަހްސަން ގާތުގަ.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

"އަހަންނަށް އަޑުއިވިއްޖޭ!" އަޑުގަދަ މީހާގެ ރުއް ގިނަވާނޭ އަހްސަނަށް ހީވި ކަހަލައެވެ. "ވަރަށް ސާފުކޮށް އިވިއްޖެ!"

އަހަރެން ދެއްކި ވާހަކަ އަހްސަން އަޑުއެހިއެވެ. އެކަމަކު ބައްޕަ ބުނި ގޮތަށް ޢަމަލެއް ނުކުރިއެވެ. އަހަރެން އަޅައެއްނުލަމެވެ. ބައްޕަ އެ ވާހަކަ ބުނާށޭ ބުނީމައި އަހަރެން ބުނީއެވެ. އެ ހިސާބުން އަހަރެންގެ ޒިންމާ ނިމުނީއެވެ. އަހްސަން ކަހަލަ މަކަރުވެރިޔަކު ބަދަލުވެދާނެކަމަކަށް އަހަރެން އުންމީދެއް ނުވެސް ކުރަމެވެ. އިސްވެ ވަރިޔަށް އެދުމަކީ ވަރަށް ހުތުރުކަމެކެވެ. އެހެންނޫން ނަމަ އަހަރެން އެ ކަން ކުރީމުހެވެ.

ގޭގައި މައުލޫދުކިޔުމެއް އޮތް ރެޔެކެވެ. ކުކުޅުރިހަޔާއި، ބޮޑުފިޔާ ސަޓަންޏާއި، ހަނޑުލު ބޮނޑިބަތުގެ ވަހުން މާހައުލުގައި ހުވަނދުލެވެމުންދަނިކޮށް މައުލޫދުގެ ހަރުއަޑުން ގޭތެރެ ގުގުމައިލިއެވެ. ދަރިފުޅު ނިދުމުން މަދިރިގެ ވައްޓައިލައި ރަނގަޅަށް އެނދު ނިވާކޮށްލުމަށްފަހު އެނދު ކައިރީގައި އިރުކޮޅަކު އަހަރެން މަޑުކޮށްލީމެވެ. މައުލޫދުގެ އަޑަށް، ފަހަރެއްގައި ދަރިފުޅު ހޭލައިފާނެކަމަށެވެ. ކޮޓަރީގެ ލޫވަދޮރާ ދިމާ މަތީގައި ވަރަށް ދިގު ޖާލިދޮރެއް ހުރެއެވެ. އެއީ ގޯތީގެ އެންމެ އަނދިރި ދިމާއަށް ހުންނަ ފާރެވެ. ކޮންމެވެސް މީހަކު ލޫވައިގައި ޖެހިގަތެވެ. އަހަރެން ހުރި ފިޔަވަޅުމަތީގައި ހުރީމެވެ. ލޫވަ ހުޅުވައިލި އަޑު އިވުނެވެ. ސިއްރުން ވާހަކަދައްކާ އަޑު ވެސް އިވުނެވެ. ކިޔާނުކިޔާއެއްޗެއް ސާފެއް ނުވެއެވެ. އަހަރެންނަށް ހުރެވުނު ދިމާގެ ގޮތުން ލޫވައިން ބެލިޔަސް އަހަންނެއް ނުފެންނާނެއެވެ. ލޫވަ ލައްޕައިލި އަޑުއިވުނެވެ. ސަކަ ރާގެއްގައި އަންހެނަކު ހީނގަތް އަޑުއިވުނެވެ.

"ކީއްވެތަ މިރޭ ތިހާ ލާނެތްވެގެން ތި އުޅެނީ؟" ސަމާސާ ރާގެއްގައި އަންހެނަކު ބުނި އެ ޖުމުލަ ވަރަށް ސާފުކޮށް އިވުނެވެ. "ތިހެން ނޫޅެ ރަންކިޔަން މީހުން ފޮނުވަބަލަ!"

ޖަވާބުދިން މީހާ ކިޔާއެއްޗެއް ސާފެއްނުވެއެވެ. އެކަމަކު ފުލުފުލުގައި ތިން ކިނބިހިއެޅި އަޑުއިވުނެވެ. ގޭގައި ރޯގާޖެހިގެން އުޅުނީ އެންމެ މީހެކެވެ. އެއީ އަހްސަނެވެ. އެކަމަކު އެ ރޭ ކާންތިބެފައި ފުލުފުލުގައި ތިން ކިނބިހިއެޅި އެހެން މީހަކު ފެނުމުން އަހަރެންގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ.

"ހާދަހާ ކިނބިހިއެޅޭ ރެޔެކޭ!" ބައްޕަ ބުންޏެވެ.

-- ނުނިމޭ --

16 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 21%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަނާޖ

24 July 2019

ބިންމާ. ވެއަރ އިޒް ދި ސްޓޯރީ؟؟

The name is already taken The name is available. Register?

މިމީ

22 July 2019

ބައްޕަ ތަ ގޯހީ...

The name is already taken The name is available. Register?

ޕަރސަން

22 July 2019

ނޭނގެދޯ. އެކަހަލަ ކަމެއްހެންވެސް އެބަ ހީވޭ ދޯ

The name is already taken The name is available. Register?

ނެކްސްޓް

21 July 2019

ދާނެ މަންޒިލެއްނެތް ބޮއްކުރާ ގަނޑެއްހެން ދާވާހަކައެއްމީ، ކޮބާތަ ކުރިންހެދި ހަނޑިތަތަކުގެ ހަޤީޤަތް؟

The name is already taken The name is available. Register?

އިނގިލި

21 July 2019

އިސްވެ ވަރިޔަށް އެދުމަކީ ހުތުރުކަމަކަށް ވިއްޔާ ފިރިހެންމީހާ ގަންނަ ގަނޑު އެއަށްވުރެ މާ ހުތުރުވާނެތާ

The name is already taken The name is available. Register?

ސަހަރޯ

22 July 2019

މިގޮތަށް އަންހެނުންނަށް ވިސްނަދީފަ އޮށްނާތީ ކިތައް އަންހެނުން ހިތްދަތިކަމުގަ ދިިރިއުޅުން ވޭތުކުރަނީ

The name is already taken The name is available. Register?

ކިނިކްސް

22 July 2019

އިސްވެ ވަރިއަށް އެދުމަކީ ހުތުރު ކަމެއް ނޫން.

The name is already taken The name is available. Register?

ބައްބު

21 July 2019

ބައްޕަވެސް ގަނޑެއް ގަންނަނީތަ؟

The name is already taken The name is available. Register?

ހުމްމްމްމްމް

21 July 2019

70 ސް ގެ ސްޓޯރީޒް ވަރަށް އިންޓްރެސްޓިންގް ވާނެ!!

The name is already taken The name is available. Register?

ތުނިޔަ

21 July 2019

ސަސްޕެންސްދޯ....ބިންމާ، މިހިރީ ހަމަ ނޭވާ ހިފަހައްޓާލައިގެން..ވަރަށް ރީތި ވަރަށް ޝައުގުވެރި ވާހަކައެއް!

The name is already taken The name is available. Register?

ލިނާ

21 July 2019

ވަރށްރީތި ވާހަަކައެއް. ކުރިއަށްހުރިބައިތަކަށް އިންތިޒާރުކުރަން. ޢަހަރެންހަމަހިތައް އަރާ ނެގެޓިވްކޮމެންޓްކުރާކުދިން މިވާހަކަ ހަޑިއްޔާއެހާވަރުން ކިޔަނީކީއްކުރަން ބާއޭ... އެހެންވާހަކަތައްވެސްއެބަހުރި ކިޔަން..އަހަރެން މީ ބިންމާގެ ފޭންއެއް...މަށައްވަރަށްރީތި ބިންމާގެ ވާހަކަތައް...

The name is already taken The name is available. Register?

ސަކީނާ

21 July 2019

ވަރަށް ޝައުގުވެރި

The name is already taken The name is available. Register?

އާނީ

21 July 2019

ވަރަށް ފޫހި ވާހަަކައެެއް

The name is already taken The name is available. Register?

ފޫޫހި

21 July 2019

ފޫހި ވިޔަސް އެންމެ ކުރިން ކިޔޭތޯ ބަލާތި.ލޮލް

The name is already taken The name is available. Register?

ޢަލް ޒާ

22 July 2019

ނުކިޔަންވީނު. އަމިއްލައަށް ވާހަކަ ލިޔެގެން ކިޔާބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454