27 ޖުލައި 2019 - 08:47
އިންޑިއާގެ ޓީވީ ތަރިންގެ ތެރެއިން އެންމެ މަޝްހޫރު އެއް ބަތަލާ އަނީތާ ހަސަނަންދާނީ އަނެއްކާ ވެސް ބޮޑު ސްކްރީނަށް އައުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ވެސް ފިލްމުތަކުން ފެނުނު 38 އަހަރުގެ ބަތަލާ އަށް ބޮލީވުޑުން މާ ރަނގަޅު ފުރުސަތުތަކެއް ނުލިބޭތީ އޭނާ ފަހުން ފިލްމު ކުޅުން ހުއްޓާލައި އަނެއްކާ ވެސް ޓީވީގެ މަސައްކަތްތަކަށް ހުސްވި އެވެ.
ޓީވީ އެކްޓަރު ރޯހިތު ރެޑީއާ 2013 ގައި ކައިވެނި ކުރި އަނީތާ ކުޅުނު ފިލްމުތަކުގެ ތެރޭގައި ކުޗް ތޯ ހޭ (2003)، ޔޭ ދިލް (2003)، ކްރިޝްނާ ކޮޓެޖް (2004) އަދި ކޮއި އާޕް ސާ (2005) ހިމެނެ އެވެ.
އަނީތާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ ސަޕޯޓިން ރޯލަކުން ފެނުނު 2014 ގެ ސަނީ ލިއޯނީގެ "ރާގިނީ އެމްއެމްއެސް 2" އެވެ.
ފިިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އަނީތާ ސޮއިކޮށްފައި ވަނީ ތުޝާރް ކަޕޫރާ އެކު ކުޅޭ ފިލްމަކަށެވެ. "ޔޭ ދިލް" އާއި "ކުޗް ތޯ ހޭ" އަކީ ވެސް މި ދެ ތަރިންގެ ޖޯޑު ފެނިގެން ދިޔަ ފިލްމުތަކެވެ.
ކޮއިމޮއިން ބުނި ގޮތުގައި ތުޝާރުގެ އާ ފިލްމުން އަނީތާ ފެނިގެން ދާނީ އޭނާ މީގެ ކުރިން ނުކުޅޭ ކަހަލަ ވަރަށް ތަފާތު ރޯލަކުންނެވެ. އެކަމަކު ފިލްމާ ބެހޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
ދާދި ފަހުން ނިންމައިލި ސިލްސިލާ "ނާގިން 3" އަށް ފަހު، އަނީތާ މިހާރު ފެންނަނީ ފިރިމީހާއާ އެކު ސްޓާ ޕްލަސްގެ ޑާންސް ޝޯ "ނަޗް ބަލިޔޭ" ސީޒަން 9 ގެ ބައިވެރިއެއްގެ ގޮތުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ޝޯގައި ބައިވެރިވާ ސެލެބްރިޓީންގެ ތެރެއިން އެންމެ ބޮޑު ފީއެއް ވެސް ލިބެނީ އަނީތާގެ ދެމަފިރިންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy