29 ޖުލައި 2019 - 07:35
މިދިޔަ އަހަރު ޝާހްރުކް ހާނާ އެކު "ޒީރޯ" ގެނެސް ދިން ޑައިރެކްޓަރު އާނަންދު އެލް ރާއީ، ބެލުންތެރިން ހީ ނުކުރާ ކަހަލަ ކާސްޓަކާ އެކު ފިލްމެއް ގެނެސް ދޭން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި އާނަންދު ދެން ހަދާ ފިލްމުގެ ލީޑް ރޯލަށް ރިތިކް ރޯޝަނާއި ސާރާ އަލީ ހާނާއި ދަނޫޝް ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އާނަންދުގެ އާ ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ އެވެ.
ސައުތުގެ މަޝްހޫރު އެކްޓަރު އަދި ރަޖްނީކާންތުގެ ދަނބިދަރިފުޅު ދަނޫޝް (ކޮލަވަރީ ޑީ) މީގެ ކުރިން ވެސް ވަނީ އާނަންދުގެ ދެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ 2015 ގެ "ޝަމީތާބް" އާއި 2013 ގެ "ރާންޖަނާ" ގަ އެވެ.
ރިތިކް މިހާތަނަށް އާނަންދުއާ އެކު މަސައްކަތްކޮށްފައި ނުވާ އިރު، ސާރާއަކީ ބޮލީވުޑަށް އަދި ވަރަށް އާ ބަތަލާއެކެވެ. އޭނާ ތައާރަފުވީ މިދިޔަ އަހަރު އެވެ. އެކަމަކު ވަރުގަދަ ޑައިރެކްޓަރުންގެ ފިލްމުތަކުން ސާރާ އަށް އަންނަނީ ފުރުސަތުތައް ލިބެމުންނެވެ.
ޝާހްރުކް ހާނާއި އަނުޝްކާ ޝަރުމާ އަދި ކެޓްރީނާ ކެއިފާ އެކު އާނަންދު މިދިޔަ ޑިސެމްބަރު މަހު ގެނެސް ދިން ބޮޑު ބަޖެޓް ފިލްމު "ޒީރޯ" ބޮޑު ތަނުން ފްލޮޕްވި އިރު، އޭނާގެ ކުރީގެ ފިލްމުތަކަކީ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމުތަކެވެ. އޭގެ ތެރޭގައި "ރާންޖަނާ" އާއި "ތަނޫ ވެޑްސް މަނޫ" ގެ ދެ ފިލްމު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy