07 އޯގަސްޓް 2019 - 06:40
ކަލާޒް ޗެނެލުން ގެނެސްދޭ ކާމިޔާބު ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީގެ" ގެ 10 ވަނަ ސީޒަން ބައިވެރިންނާ އެކު، ބަލްގޭރިއާގައި ޝޫޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކޮންމެ އަހަރަކު ވެސް ތަފާތު ގައުމެއްގައި ޝޫޓްކުރާ ސްޓަންޓް ރިއަލިޓީ ޝޯ މި ފަހަރު ވެސް ހޯސްޓް ކުރަނީ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ އެވެ. މިއީ އޭނާ މި ޝޯ ހޯސްޓް ކުރާ ފަސް ވަނަ ފަހަރެވެ.
މަޝްހޫރު ސެލެބްރިޓީން ބައިވެރިވާ "ހަތުރޯން ކޭ ކިލާޅީ" ގެ 10 ވަނަ ސީޒަނުން ފެންނާނެ ތަރިންނަކީ ބަތަލާ ކަރިޝްމާ ތަންނާ، އަދާ ހާން، ތޭޖާސްވީ ޕްރަކާޝް، ބޯޖްޕޫރީ ބަތަލާ ރާނީ ޗެޓަޖީ، އަމްރުތާ ހާންވިލްކަރު، އެކްޓަރު ކަރަން ޕަޓޭލް، ޝިވިން ނަރަންގް، ނެށުންތެރިޔާ ދަރުމޭޝް ޔެލަންޑޭ، އާރްޖޭ މަލިޝްކާ، ކޮމީޑިއަން ބަލްރާޖް ސަޔާލެވެ.
މި ފަހަރުގެ ސީޒަން ގެނެސް ދޭން ފަށާނީ ކަލާޒުން ސަލްމާން ހާނާ އެކު ހޯސްޓްކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13 ނިމުމުން، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ބެލެވޭ ގޮތުން "ބިގް ބޮސް" އާ ސީޒަން އަންނަ މަހުގެ ފަހުކޮޅު ފަށާނެ އެވެ.
"ހަތުރޯން ކޭ ކިލާޅީ" ސީޒަން 10 ގެ ޝޫޓިން އަށް ރޯހިތު ބައިވެރިންނާ އެކު ފުރައިގެން ދިޔައީ، އޭނާ އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފާ އެކު ހަދާ ފިލްމު "ސޫރިޔާވަންޝީ" ގެ ޝޫޓިން މެދުކަނޑައިލުމަށް ފަހު އެވެ. އެ ފިލްމަކީ އަންނަ އަހަރުގެ މާޗް 27 ގައި ރިލީޒް ކުރާ ފިލްމެކެވެ.
އާޖެންޓީނާގައި ޝޫޓްކޮށް، މި އަހަރުގެ ޖެނުއަރީ 5 އިން މާޗް 10 އަށް ގެނެސް ދިން "ހަތުރޯން ކޭ ކިލާޅީ" ސީޒަން 9 ކާމިޔާބު ކުރީ ނެށުންތެރިޔާ ޕުނީތު ޕަތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy