10 އޯގަސްޓް 2019 - 11:13
ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ބަތަލާ ހީނާ ހާން ސޮއިކޮށްފައިވާ ޑައިރެކްޓަރު ވިކްރަމް ބަޓްގެ ފިލްމު "ހެކްޑް" އަށް ތިން ބަތަލަކު ސޮއިކޮށްފި އެވެ.
ބޮލީވުޑް ލައިފުން ބުނި ގޮތުގައި މިހާރު ޝޫޓިން ވެސް ފަށާފައިވާ ފިލްމުން ހީނާއާ އެކު ފެނިގެން ދާނެ ތިން އެކްޓަރުންގެ ތެރެއިން އެކަކީ 2016 ގެ "މިސްޓަ ސެންސޭޝަނަލް" މުބާރާތުން ދެވަނަ ހޯދި ޖިތޭޝް ތާކޫރެވެ. "ހެކްޑް" ވެގެން ދާނީ އޭނާ ބޮލީވުޑަށް ތައާރަފުވާ ފިލްމަށެވެ.
ފިލްމުގެ ކާސްޓްގެ ތެރޭގައި ދެން ހިމެނެނީ މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އާއި ސިލްސިލާ "ބޭޕަނާ" ޕިޔާރުގެ ރޯލެއް ކުޅުނު ތާހިރު ޝައްބީރާއި "ހަމްސީ ހޭ ލައިފް" އާއި "ކްލާސް އޮފް 2017" ފަދަ ސިލްސިލާތަކުން ފެނިފައިވާ 24 އަހަރުގެ އެކްޓަރު ރޯހަން ޝާހެވެ.
"ރާޒް" ސީރީޒްގެ ފިލްމުތައް ގެނެސް ދިން ވިކްރަމްގެ އާ ފިލްމު "ހެކްޑް" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާއިރު، މި ފިލްމު ރިލީޒްކުރާނެ އިރެއް ވެސް އަދި ނޭނގެ އެވެ.
ޓީވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ކުރިން އަކްޝަރާގެ ރޯލް ކުޅެގެން މަޝްހޫރުކަން ހޯދި ހީނާ ވިކްރަމްގެ ފިލްމަށް ސޮއި ކުރީ ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ސިލްސިލާ "ކަސޯޓީ" ގައި އޭނާ ކުޅެމުން ދިޔަ ނެގަޓިވް ކެރެކްޓާ ކޮމަލިކާގެ ރޯލުން ވެސް ވަކިވުމަށް ފަހު އެވެ.
"ހެކްޑް" އަށް ސޮއި ކުރުމުގެ ކުރިން ހީނާ ވަނީ "ލައިން" ކިޔާ ފިލްމެއް ވެސް ކުޅެފަ އެވެ. އަދި ރިލީޒް ނުކުރާ އެ ފިލްމު މި އަހަރު ބޭއްވި ކާންސް ފިލްމު ފެސްޓިވަލްގައި ވެސް ޕްރިމިއާކޮށްފައިވެ އެވެ.
ވިކްރަމް ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމު "1921" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy