އަރްވިންދު ސްވާމީ.
11 އޯގަސްޓް 2019 - 08:40
ކަންގަނާ ރަނާވަތު އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްސްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ރޯލް ކުޅޭ ފިލްމު "ތަލައިވީ" ގެ ރޯލެއް ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ކުރިން ފެނިފައިވާ ސައުތުގެ މަޝްހޫރު އެކްޓަރު އަރްވިންދު ސްވާމީ އަށް ހުށަހަޅައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ރޯޖާ" އާއި "ބޮމްބޭ" ފަދަ ފިލްމުތައް ކުޅެފައިވާ 49 އަހަރުގެ އެކްޓަރަށް ހުށަހަޅާފައި ވަނީ "ތަލައިވީ" ގައި ޖަޔަލަލީތާގެ ކުރިން ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު 10 އަހަރަށް ކުރި ނާޑޫ އެމްޖީއާރްގެ ރޯލެވެ. އޭނާ ޗީފް މިނިސްޓަރުކަން ކުރެއްވީ 1977-1987 އަށެވެ.
ނަމަވެސް ފިލްމަށް އަރުވިންދު ސޮއިކުރިކަން އަދި ކަށަވަރެއް ނޫނެވެ. "ތަލައިވީ" އަކީ ސައުތާއި ބޮލީވުޑްގެ މަސްހުނި ކާސްޓެއް ފެންނާނެ ފިލްމެކެވެ.
މީގެ ތިން އަހަރު ކުރިން ހާޓްއެޓޭކެއް ޖެހިވަޑައިގެން ފަރުވާ ދެނިކޮށް ޖަޔަލަލީތާ އަވަހާރަވީ ޑިސެމްބަރު 5، 2016 ގަ އެވެ. އެ ކަމަނާ ވަނީ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުގެ މަގާމު 14 އަހަރު ވަންދެން އަދާ ކުރައްވައިފަ އެވެ.
ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމު "ތަލައިވީ" ޑައިރެކްޓް ކުރަނީ ސައުތުގެ ޑައިރެކްޓަރު އޭއެލް ވިޖޭ އެވެ. މި ފިލްމުގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
"ތަލައިވީ" ގައި ޖަޔަލަލީތާ ކިޔަވަން އުޅުއްވި ދުވަސްވަރުބް ފެށިގެން، ފަހުން ބަތަލާއަކަށްވި ގޮތާއި އޭގެ ފަހުން ވަރުގަދަ ސިޔާސީ ލީޑަރަކަށް ބަދަލުވެގެން ދިޔަ ގޮތް ދައްކުވައި ދޭނެ އެވެ. ފިލްމު ނެރެން ނިންމާފައު ވަނީ ތަމަޅަ އާއި ހިންދީ ބަހުންނެވެ. ހިންދީ ވާޝަނުގެ ނަމަކީ "ޖަޔާ" އެވެ.
ނަމަވެސް ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy