ތައްބޫ އަދި އިޝާން.
13 އޯގަސްޓް 2019 - 20:41
އިންޑިއާ އަށް އުފަން އެމެރިކާގެ ޑައިރެކްޓަރު މީރާ ނައިރް "އަ ސޫޓެބަލް" ބޯއި" އަށް ބިނާކޮށް ހަދާ ފިލްމަށް އިޝާން ޚައްތަރާއި ތައްބޫ ސޮއިކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އިންޑިއާގެ ލިޔުންތެރިޔާ ވިކްރަމް ސޭތު 1993 ގައި ނެރުނު ވާހަކަ އަށް ބިނާކޮށް ހަދާ ފިލްމުން އިޝާނާއި ތައްބޫއާ އެކު ޓީވީ ބަތަލާ ތާނިޔާ މަނިކްތާލާ ވެސް ފެންނާނެ އެވެ.
"އަ ސޫޓެބަލް ބޯއި" ގައި ކިޔައި ދެނީ އަންހެން ދަރިއަކަށް ފިރިއަކު ހޯދަން މަޔަކު ކުރާ މަސައްކަތެއްގެ ތެރޭގައި ދިމާވާ ހާދިސާތަކެކެވެ. މި ވާހަކަ އަށް ހަދާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޕްރައިޑް އެންޑް ޕްރެޖްޑައިސް އާއި ލެޒް މިސެރެބަލް (2012) ފަދަ ސިލްސިލާތަކުގެ ސްކްރީން ރައިޓަރު އެންޑްރޫ ޑޭވިސް އެވެ.
ހަންގާމާ އިން ބުނި ގޮތުގައި މިދިޔަ އަހަރު ފިލްމު ކުޅެން ފެށި ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން މީރާގެ ފިލްމުން ފެނިގެން ދާނީ "އަ ސުއިޓެބަލް ބޯއި" ގެ މާން ކަޕޫރްގެ ކެރެކްޓާއިންނެވެ. ތައްބޫގެ ރޯލަކީ ސައިދާ ބާއީ އެވެ. އަދި ތާނިޔާގެ ކެރެކްޓާއަކީ ލަތާ އެވެ.
ރަސްމީކޮށް އަދި ނަން އިއުލާން ނުކުރާ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ އިރު، މައިގަނޑު މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ އިންޑިއާގެ ލަކްނޫ އާއި މަހޭޝްވަރްގަ އެވެ.
މީރާ ނައިރް.
ތައްބޫ ވަނީ ކުރިން ވެސް މީރާއާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ 2006 ގެ "ދަ ނޭމްސޭކް" ގަ އެވެ. މީރާ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސަލާމް ބޮމްބޭ (1988)، މޮންސޫން ވެޑިން (2001) އަދި 2013 ގެ "ދަ ރިލަކްޓަންޓް ފަންޑަމެންޓަލިސްޓް" ހިމެނެ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy