14 އޯގަސްޓް 2019 - 09:46
އާދިއްތަ ދުވަހާ ގުޅޭ
މި މަންޒަރު ބަލަން އަހްސަން ދުރުގައި ހުރިކަމެއް އަހަރެން ނުދެނަހުރީމެވެ.
"ބައްޕާ!" އަހަންނަށް އިވުނީ އަހަރެންގެ ހަގު ދަރިފުޅު ގޮވައިލި އަޑެވެ.
އަހަރެންގެ ހަތަރެސްފައި ފިނިވެގެންދިޔައެވެ. އަހްސަނަށް ބަލައިލެވުނެވެ. އަހްސަން ހުރީ އަހަންނަށް ކަޅިއަޅައިގެންނެވެ. ދެން އަހަންނަށް ބަަލައިލެވުނީ ރާޝިދަށެވެ. ރާޝިދު ބުނިހެން އަހަންނަށް ހީވިއެވެ. އެއީ ފިރިމީހާ ހެއްޔެވެ؟ އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯޖަހައިލީމެވެ. އިސްޖަހައިލީމެވެ.
"ހާދަހާ ވަރުގަދަ ސަޔެއްހަދައިގެން ތިއުޅެނީ؟" އަހްސަން އައިސް އަހަރެން ކައިރީގައިހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ. "ކޮބާ ކުރަންދިޔަ ކަންތައް ކޮޅެއްގަ ޖެއްސުނުތަ؟"
އަހްސަން ސުވާލުކުރީ ބައްޕަޔާއެވެ. ބައްޕަ އިނީ އަހްސަންގެ ސުވާލަށް ޖަވާބުދޭންޖެހުނީތީ ވެސް ހިތްހަމަނުޖެހިފައެވެ.
"ހުރިހާކަމެއް ވެސް ރަނގަޅަށް ދިޔައީ،" ދެވޭނެ އެންމެ ކުރު ޖަވާބު ބައްޕަ ދިނެވެ. "ވަރަށް ކާމިޔާބު ދަތުރެއް."
"މަށަށް ވެސް އެބަ ހީވޭ ތިހެން،" ފާރުތަކުގައި ރެނދުއަޅާހާ ބާރަށް ތެއްލިބަނބުކެޔޮފޮތި ހަފައިލައިފައި އަހްސަން ބުންޏެވެ. "ދަތުރު ކާމިޔާބުކޮށްފި!"
އަހަންނަށް ހީވީ އެއީ އަހަންނާ ދިމާއަށް އެއްލި ގާގަނޑެއްހެންނެވެ. އެކަމަކު އަހަރެން ކުށެއް ނުކުރަމެވެ. އަހަންނަކީ މީހެއްގެ އަންބެއްކަން ހަނދާންނައްތައެއްނުލަމެވެ. ކިތަންމެ ފުރިހަމައެއްކޮށް ވެސް އަހަންނަށް ދަނޑިވަޅު ލިބުނެވެ. ފުރުސަތު ތަނަވަސްވިއެވެ. އަަހަރެން ބޭނުން ނަމަ، ލޯބީގެ ފޮނިކަން އަހަންނަށް އިހުސާސްކުރެވުނީހެވެ. މަގުބެދިފައިވާ ޖަންގައްޔެއްގައި އެނބުރެނިކޮށް ސަރާސަރު ރީތި މަގަކަށް މިއަދު އަހަންނަށް ނުކުމެވިއްޖެއެވެ. ހަގީގަތުގައި އަހަރެން ވާންވީ އުފަލެވެ. އެހެންނަމަވެސް ގަތީ ބިރެވެ. އަހަރެންގެ ހަޔާތަށް ފެތުރިފައިވާ ލޯބީގެ ރީތި ކުލަތައް ފޮރުވަން އަހަރެން ނުކުޅެދިފައިވަމެވެ. އަހަރެން ބޭޒާރުވާނެކަން ޔަގީނެވެ.
ހަގު މަންޖެ ނިންދަވަން އެނދުގައި ބާއްވައިގެން، ލޯމަރައިލައިގެން އަހަރެން އޮތީމެވެ. އޭރު ނާނާއެއް ގޮތަށް މަޑުމަޑުން އަހަންނަށް ކިޔެމުންދިޔައީ ރާޝިދު ކިއި ލަވައެވެ. ލޯމައްޗަށް ސިފަވަމުންދިޔައީ ރާޝިދު ލަވަކިއި ވަގުތެވެ. ބެރުގެ ހަމަތަކަށް ޖެހެމުންދިޔަ ތާރައިގެ ހަޅައެވެ. ކަނޑަކަނޑައިގެންދިޔަ ލޯބީގެ ވިދުވަރެވެ. މަސްތުގެ ވާރެއިން ފޯވެފައިވާ ޅެންބަހުރުވައެވެ. ހިތަށް ހެރުނު ކޮޅު ތޫނު ލަފުޒުތަކެވެ. އެއީ ތަކުރާރުކޮށް ހަނދާންކޮށްކޮށްފައި ވެސް އުފާވުން ހައްގު ރީތި މަންޒަރެކެވެ.
"މީ ކޮންފަދަ ކަމެއް؟" އަހްސަންގެ އަޑުއިވުނެވެ.
ކުޑަކޮށް ސިހިފައި އަހަރެން ލޯހުޅުވައިލީމެވެ. އަހްސަން ހުރީ އެނދު ކައިރީގައި ކޮޅަށެވެ. އޭނަ ދޮރު ހުޅުވި އަޑެއް އަހަންނަކަށް ނީވެއެވެ. އަހަންނަށް އުޅެވުނީ އެހެން ދުނިޔެއެއްގައެވެ.
"ކިހިނެއްވީ؟" އަހަރެން މަޑުމަޑުން ބުނެލީމެވެ.
"މަށެއްނު ތި ސުވާލު އަހަންވީ،" މަލާމާތުގެ ރާގެއްގައި އަހްސަން ބުންޏެވެ. "މި ފަހަރު މާލެއައިއިރު މޫނި މުޅިން ބަދަލުވެއްޖެ! އަބަދުވެސް އުފާވެފަ، ހިނިއައިސްފަ ހުންނަނީ. ކޮންމެވެސް ސަބަބެއް އޮންނާނެ."
އަހްސަން ބުނީ ތެދެކެވެ. އަހަރެން ބަދަލުވެއްޖެއެވެ. މިހާރު އަހަރެންގެ ވެސް އުންމީދެއް އެބައޮތެވެ. ހަޔާތުގެ މަގްސަދެއް އެބައޮތެވެ. އިންތިޒާރުކުރާނެ ކަމަކާއި، ދެކޭހިތްވާ މީހަކާއި، ކިޔާހިތްވާ ނަމެއް ލިބިއްޖެއެވެ. އަހްސަންގެ ސުވާލަކަށް އަހަރެން ޖަވާބެއް ނުދެމެވެ. އެކަމަކު ހިތަށްއެރިއެވެ. ހަނަފަސް ބިންގަނޑަށް ވާރޭވެހުމުން ގަހެއް ނުފަޅާ ހެއްޔެވެ؟ ހިމޭންވެފައިވާ ފެންގަޑަކަށް ގާކޮޅެއް އެއްލުމުން ބާންޏެއް ނުއުފެދޭ ހެއްޔެވެ؟ އަހަންނަށް ވެސް ވެގެން މިއުޅެނީ އެ ކަހަލަ ގޮތެކެވެ. އަހަރެންނާ ރުޅިވި ހިނިތުންވުން އޮޅުކުރަން އަހަރެން ދަސްކޮށްފީމެވެ.
"އަހްސަނަށް އުނދަގޫވީތަ؟" އަހަރެން ވަރަށް ހަމަޖެހިލައިފައި ބުނީމެވެ. "އެހެންވިއްޔާ މަނާކުރަންވީނު!"
ބުނާނެ އެއްޗެއް ނޭނގިފައި އަހްސަން ހުއްޓައި އަހަރެން ތެދުވެގެންދިޔައީއެވެ. އަހްސަންގެ ހިތުގައި ޝައްކެއްއުފެދިއްޖެކަން އަހަންނަށް އެނގެއެވެ. އެ ކަމަކާ އެއްވެސް ބިރެއްނުގަނެއެވެ. ހާހެއް ވެސް ނުވެއެވެ. އެކަމަކު އަހަރެންގެ ސަބަބުން ރާޝިދަށް ދެރަގޮތެއްވާކަށް އަހަރެން ނޭދެމެވެ. ރާޝިދު މާލެއައީ ބައްޕައަށް އެހީތެރިވާށެވެ. އެއީ ސައުވީސް ގަޑިއިރުގެ މަސައްކަތެއް ނޫނެވެ. ކޮންމެވެސް ކަހަލަ ސަނަދެއްހޯދައިގެން ވަޒީފާއެއް އަދާކުރުމަކީ ރާޝިދުގެ އުންމީދެކެވެ. އެ އުންމީދު ފުރިހަމަވާން އަހަރެން ބޭނުމެވެ. އެއްވެސް މައްސަލައެއްނުޖެހި، އަހަރެންގެ ގޭގައި ހުރެގެން ރާޝިދަށް ކިޔެވެންޖެހޭނެއެވެ. އަހަންނަށް ކުރެވޭ ކަމަކުން ރާޝިދުގެ މުސްތަގުބަލު އަނދިރިވެގެން ނުވާނެއެވެ.
ގޭގައި އުޅޭ އެހެން ކުދިން ފަދައިން ރާޝިދު ވެސް އުޅުނީ އަހަންނާ ވަރަށް އެކުވެރިކޮށެވެ. އަހަރުމެންގެ ދެމެދުގައި ތަފާތު ގުޅުމެއްއޮންނަކަމެއް އެކަކަށް ވެސް ޝައްކުވިޔަކަ ނުދެމެވެ. ކުދިންގެ އެކުވެރިކަން ހުންނަ ވަރަކީ މެންދުރު ކާގަޑީގައި އެންމެން މޮޑެނީ ބޮޑު އެއް ބަތްތައްޓެވެ. ބަތްތަށި މޮޑޭ ތާވަލެއް އޮވެއެވެ. އެކި ދުވަހު އެކި ކުދިންނެވެ. ބައެއް ދުވަސްދުވަހު އަހަރެން ވެސް އެ ތަށިން ކަމެވެ. މަޖަލުގައި ބައިވެރިވަމެވެ. ފަޅޯއޮނުން ބޮކިއެރުވުމާއި، ގޯތިތެރޭގައި ކުދި އުނދުންޖަހައިގެން ނާށީގައި ބިސްގަނޑުއެޅުމާއި، ގަނޑުފިއްލާ ވެސް ކުޅެމެވެ. އެ ކަމުގައި އަހަރެންގެ ކުދިން ވެސް ބައިވެރިކުރަމެވެ. ކުދިންނާ ނުލައެއް އެ ކަހަލަ ކަމެއް ނުކުރަމެވެ. ވަގުތު ހުންނަ ގޮތުން ކޮންމެ ފަހަރަކު ރާޝިދަކަށް ބައިވެރިއެއް ނުވެވެއެވެ. އެކަމަކު ހުކުރުދުވަހަކީ މުޖައްރިބު ދުވަހެކެވެ. އެ ދުވަހުގެ މެންދުރުފަހުން ފެށިގެން އިރުއޮއްސެންދެން ރާޝިދު އުޅޭނީ އަހަރުމެންނާ އެކުގައެވެ. އަހަރުމެން ވާހަކަދައްކަނީ އެންމެންގެ ތެރޭގައި ތިބެގެންނެވެ. އެކަކުގެ ވެސް ހިތެއް ނުފުރެއެވެ. އެކަމަކު އެހެން ގޮތެއް ނޯވެއެވެ.
ގޯތިތެރޭގައި އަހަރެން ފިނިފެންމާ ހައްދަމެވެ. އެކަމަކު ދުވަހަކު ވެސް ރާޝިދަކަށް މަލެއް ނުދެމެވެ. ދޭހިތްވެއެވެ. އެހެނަސް އޭރުން އެ ގުޅުމުގެ އިތުރު ހަރުފަތެއް ގިރާކުރެވުނީއެވެ. ބަދަލުގައި ރާޝިދު ވެސް ކޮންމެވެސް އެއްޗެއް ދީފާނެއެވެ. އަހަރެން އޭގައި ހިފަންޖެހޭނެއެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އާދަޔާހިލާފު ބޮޑު މަލެއް ފޮޅުމަށް ތައްޔާރުވަމުން އައިއިރު، ރާޝިދަށް އެ މާ ދިނުމުގެ ތައްޔާރުތައް އަހަރެން ވާން ފެށީމެވެ. ހުކުރުދުވަހެއްގައި އެ މާ ފޮޅުމަކީ ހެޔޮ ފާލެއްކަމުގައި އަހަރެން ދުށީމެވެ.
ހުކުރުދުވަހު ހެނދުނު ކުދިންނަށް ސައިދޭން އަހަރެން އިންދައި އަހްސަން ކޮޓަރީގެ ދޮރުން ބޯދިއްކޮށްލައިފައި އަހަންނަށް ގޮވައިލިއެވެ. އެ ވަގުތު ބަދިގޭގައި މަންމައާއި މަންމަގެ ރައްޓެއްސަކު ވެސް އިނެވެ. އަހްސަން ގޮވައިލި ރާގުން އަހަރެންގެ ބޮލުގައިރިއްސައިލިއެވެ. ކުދިންނަށް ސައިދޭން ދޮށީ ދަރިފުޅާ ހަވާލުކޮށްފައި އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. ފުރަތަމައިނުން ވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި ބާއްވައިފައިއޮތް އެއްޗެވެ.
"މީ ކޯޗެއް؟" އެނދަށް އިޝާރާތްކޮށްފައި އަހްސަން އެހިއެވެ.
އެނދުމަތީގައި އޮތީ، ފިނިފެންމަލާ އެކުގައި ރާޝިދަށް ދިނުމަށް ޓަކައި އަހަރެން ހެދި ކުޑަރުމާލެވެ. ރުމާލުގެ ކަނުގައި އެމް އަކުރެއް ވެސް ޖެހީމެވެ. އަކުރުގައި ރޮދިފުރަމުންދިޔައިރު އަހަރެން ހިތްއަވަސްވެފައި ހުރިވަރުން ކިތަންމެ ފަހަރަކު އިނގިއްޔަށް ތިނޯސް ހެރުނެވެ. ކަމުގެ ނުރައްކާތެރިކަން އޭރު ވެސް އަހަންނަށް އެނގެއެވެ. އަހްސަނަށް ރުމާ ފެނިއްޖެއްޔާ މުޅި ގެޔަށް ބިންހެލުމެއް ނައިހެއްނުދާނެކަން ވެސް އެނގެއެވެ.
"ރުމާލެއްނު!" ހާސްކަން ފޮރުވަމުން އަހަރެން ބުނީމެވެ.
"ތިކަން އެނގެޔޭ!" އަހްސަން ބުންޏެވެ. "ބިންމަތީގަ އޮއްވާ އަހަންނަށް ފެނުނީ. މޫނި ދުވަހަކު ވެސް މި ގޮތަށް ރުމާ ހަދައިގެނެއް ނުގެންގުޅެމެއްނު! މީ ކާކަށް ދޭން ތައްޔާރުކުރި އެއްޗެއް؟"
ރުމާ ނިމުމުން ދޮވެފައި، ހިއްކަންއަޅައި، އޭގެ މަތިން ތުވާއްޔެއް އަޅައި، ދައްޗެއްޖަހަން ވިސްނީމެވެ. އެކަމަކު އެ ވަގުތު ކޮންމެވެސް އެހެން ކަމެއް ދިމާވެގެން ފަހުން ހަނދާންނެތުނީއެވެ. ބޯންއުޅުނު ބޮނޑި އަހަންނަށް ބޮވިއްޖެއެވެ.
"އަހްސަނަކަށްނު!" އަހަރެން ދޮގެއްހަދައިލީމެވެ. އެހެން ގޮތެއް ނެތީއެވެ. "އެހެން ކާކަށް އަހަރެން ދޭނީ؟"
އަހްސަން އަޑުގެކޮޅަށް ހޭންފެށިއެވެ. އެއީ، އަހަރެން ދަށްކޮށްލާ ކަހަލަ މަލާމާތުގެ ހިނިގަނޑެކެވެ.
"އަހަރެން ކޯޗެއް ތީގެން ފުހޭނީ؟" އަހްސަން ބުންޏެވެ. "ނޫނޭ! ދަނޑިވަޅު ރަނގަޅޭ! ކުޑަކޮށް ރޯގާވައްތަރުވެގެން މިއުޅެނީ."
އަހަރެން ކުރިމަތީގައި އަހްސަން ރުމާލުން ނޭފަތްފޮޅައިލިއެވެ. ދޮރު ހުޅުވައިފައި ބޭރަށް ރުމާ ހޫރައިލިއެވެ. ފޭރާމަށް ބަލާއިރު އެއީ ބާކީވެފައިއޮތް އާދައިގެ ކުޑަކުޑަ ފޮތިކޮޅެކެވެ. މަސައްކަތަށް ބަލާއިރު އެއީ އަހަރެން ދާއޮހޮރައިގެން ހެދި އެއްޗެއް ނޫނެވެ. އެކަމަކު، ޔަގީނުން ވެސް އެއީ އަހަރެންގެ ލޯބިން ފޯވެފައިވާ ރުމާލެކެވެ. ވަރަށް ލޯބިވާ މީހަކަށް ދޭންވެގެން ވަރަށް ލޯބިން ހެދި އެއްޗެކެވެ. ކުރާނީ ކީއްހެއްޔެވެ؟ އެކަމަކު އަހްސަން އެ ގޮތަށް ކަންތައްކުރުމުން ރާޝިދަށް ކޮންމެހެން ވެސް ފިނިފެންމަލެއް ދޭން އަހަރެން ބޭނުންވިއެވެ.
ހުކުރުދުވަހުގެ މެންދުރުފަހެވެ. ފިނިފެންމާ ގަހުގައި އެ ދުވަހު ފޮޅުނީ އެ ގަސްތަކުގައި ފޮޅުނު އެންމެ ބޮޑު މަލެވެ. އެންމެ ރީތި މަލެވެ. ހައްގުވާނީ ވެސް އެ ފަދަ ރީތި މީހަކަށެވެ. މާ ބިނދެފައި ރައްކާކުރަންހަދައިގެން ކުޑަރުމާލަށް ވީގޮތް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންވެ މީހުންގެ ބޯކޮޅުބަލަމުން ގަސްކައިރީގައި ކޮކާލެއްހެން އެނބުރިއެނބުރި އަހަރެން ހުރީމެވެ. އެހެންޏާ ހަވީރު ހަަތަރެއްޖަހާއިރު އަންނަ ރާޝިދު ހަވީރު ފަހެއްޖެހިއިރު ވެސް ޚަބަރެއް ނުވިއެވެ. ވަރަށް ނޫންކަމަށް ހެދިގެން މެހުމާންސަރާގެ ދޮރަށް ފާރަލައިގެން ހުއްޓައި ނަސީރު ނުކުތްތަން ފެނުނެއެވެ. ނަސީރަކީ ވެސް ކިޔަވަން މާލެފައިބާހުރި ކުއްޖެކެވެ. ފިނިފެންމާ ގަސްތަކަށް ފެންޖަހާކަމަށް ހެދިގެން ހުރެފައި، ނަސީރު އަރާހަމަވި ވަގުތު ބުނެލީމެވެ.
"ރާޝިދު މިއަދަކު ނުފެނޭ!" އަހަރެން ވާހަކަދެއްކީ ނަސީރަށް ނުވެސް ބަލައެވެ.
"ބަލިވެއުޅެނީ،" ނަސީރު ބުނި އަޑު އިވުނެވެ. "އޭނަ ބުނެގެން ޑިސްޕިރީން ގަންނަން މިދަނީ."
ނަސީރު ނުކުމެގެންދިޔައީއެވެ. އަހަރެން ވިސްނައިލީމެވެ. ހިތަށްއެރިއެވެ. ރާޝިދުގެ ގާތްތިމާގެ މީހަކު ނެތެވެ. ހުރިހާ ވެސް މީހަކީ އަހަންނެވެ. ރަނގަޅަށް ވިއްޔާ ރާޝިދު އޮންނާނީ އެއްޗެއް ނުކައެވެ. އަމިއްލައަށް ބޭސްކެއުމަށް ވުރެ ރަނގަޅުވާނީ ޑަކުޓަރަކަށް ދައްކައިގެން ބޭސްނެގުމެވެ. ހަދާނެ ގޮތަކާ މެދު ވިސްނަން އިރުކޮޅަކު ހުރީމެވެ. މީހެއްގެ ހިލަމެއް ނުވިއެވެ. ނަސީރެއް ނައެވެ. ކުރިޔަށް ތިން ފިޔަވަޅު ފަހަތަށް ދެ ފިޔަވަޅުއަޅަމުން ގޮސް މެހުމާންސަރާގެ ދޮރުމަތީގައި ހުއްޓުނީމެވެ. ހިތުގެ ވިންދު ހުރީ ދެ ގުނައަށް އަވަސްވެފައެވެ. ދެކޮޅު ބަލައިލައިފައި ދޮރުން އެތެރެއަށް ވަނީމެވެ. ކަނޑުވާން އުޅޭއިރު ކިތަންމެ ބިރުގަތަސް ކަނޑުވުމުން ބިރުފިލައޭ ބުނާ އުސޫލުން، މެހުމާންސަރާގެ ދޮރުން އެތެރެއަށް ފައިއެޅުމާއެކު އަހަރެންގެ ހާސްކަން ފިލިއެވެ.
"ކޮބާ ލިބުނުތަ؟" ރާޝިދުގެ އަޑު އަހަންނަށް އިވުނެވެ. "ޑޮންޑޮން ފުޅިޔަށް ބޭސްގުޅަ ވައްޓައިލައިގެން އަވަހަށް ގެނެސްބަލަ!"
ރާޝިދުގެ އަޑުއިވުނު ދިމާއަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލީމެވެ. ރާޝިދު އޮށޯވެގެން އޮތް އެނދުގައި އިށީނދެލައިގެން އިނީ އަހްސަނެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔޯ
17 August 2019
މި އަހްސަން އަބަދުވެސް ކޮންމެވެސް ސިހުރެއް ހަދައިގެން މީހުން ހަލާކު ކުރަން އުޅޭ މީހެއް.. އެއްފަހަރުވެސް ފިރިއެއް ދޭންޖެހޭ ލޯބި މޫނިއަށް ދީގެން އޭނާ ކާމިޔާބުކޮށްބަލަ.. ނުވިއެއްނު.. ދެން މައިތިރިވެގެން ހުރެބަލަ..
ފޫހި
14 August 2019
ޢަހުސަން ރާޝިދުއެގެއިން ފޮނުވާލަނީ. ނޫނީ ފަންޑިތަހަދަނީ.
މަ
14 August 2019
އެއުޅެނީ އަހުސަނު ގަންނަ ގަނޑު ބަސްޓް ވާން..
ަޖަންގިޔާ
14 August 2019
އައި ހޭޓް އަހްސަން
ައަޚް
14 August 2019
އައްދެއްޔޯތް. މިޖެހުނީ ބޮޑުތާނގަ.
ބޮޑު ފޫހި
14 August 2019
ދެން އަހުސަނު ކިޔާ އެންމެން އުޅެނީ މިހެންތަ. ވަރަށް ފޫހިވޭ އަހުސަނު ފެނުނަސް. ??
ޕިންކީ
14 August 2019
އަޙުސަނު ކަންތައް މާ މައްޗަށް ދަަނީ ދެން...ހާދަ ފޫޫއްސެއްވާ މީހެކޭ...
ތުނިޔަ
14 August 2019
އަޅޭ.....ބުޅާ ގޯނިން ބޭރުވީ އަހުސަނު ކުރިމައްޗަށްތަ؟
ޒައިކޮ
14 August 2019
"ގޮވައިލިއެވެ" މިހެންތަލިޔަނީ؟ ނުވަތަ "ގޮވާލިއެވެ" މީތަ ރަނގަޅު ގޮތަކީ؟ ޕްލީޒް ބުނެދީބަލަ.
ޒައީ
14 August 2019
"ގޮވައިލިއެވެ. ރަނގަޅުގޮތަކީ"
ކުރަފަތްބޭބެ
14 August 2019
އަހްސަން ރާޝިދަށް ކޮންމެވެސް ކަމެއް ކުރީ ކަން ނޭނގެ!