21 އޯގަސްޓް 2019 - 09:00
ކޮންމެ ފިލްމަކަށް ވެސް ވަރަށް މަސައްކަތްކުރާ ކަމަށާއި ފިލްމެއް ނާކާމިޔާބުވެދާނެތީ ބިރުގަންނަ ކަމަށް އެކްޓަރު ސިދާތު މަލްއުތުރާ ބުނެފި އެވެ.
އޭނާ މި ފަހުން ކުޅުނު ގިނަ ފިލްމުތަކަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެއް ނޫނެވެ. އެގޮތުން މި މަހުގެ 9 ގައި ރިލީޒްކުރި "ޖަބަރިޔާ ޖޯޅީ" އަކީ ވެސް ބެލުންތެރިންގެ ސަމާލުކަން އެހާ ބޮޑަށް ލިބުނު ފިލްމެއް ނޫނެވެ. އެކަމަކު ކްރިޓިކުންނަށް އެ ފިލްމު ވަރަށް ކަމުދިޔަ އެވެ.
ދެހާސް ބާރަ ވަނަ އަހަރު ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ވަރުން ދަވަން އާއި އާލިއާ ބަޓާ އެކު ފިލްމު ކުޅެން ފެށި އެކްޓަރުގެ ކެރިއަރަށް ބަލާ އިރު، އެ ދެ ތަރިންނާ ހިލާފަށް ސިދާތުގެ ކެރިއަރުގެ ކުލަ ވަރަށް ފަނޑެވެ. އަދި އެހާ ރަނގަޅު ޑައިރެކްޓަރުންގެ ފިލްމުތަކެއް ވެސް އޭނާއަކަށް ނުލިބެ އެވެ.
ސިދާތު، 34، ބުނި ގޮތުގައި އޭނާ އަބަދުވެސް ފިލްމަކަށް އެއްބަސްވަނީ އޭގެ ސްކްރިޕްޓާއި ޑައިރެކްޓަރަށް ވެސް އިތުބާރުކޮށްފަ އެވެ. އަދި ކޮންމެ ފިލްމަކީ ވެސް އަމިއްލަ އަށް ވަރަށް މަސައްކަތްކުރާ ފިލްމެއް ކަމަށް ބުންޏެވެ.
"ނާކާމިޔާބީ އަކީ ކޮންމެ އެކްޓަރަކު ވެސް ޖެހިލުންވާނެ ކަމެއް. އެކަމަކު ނާކާމިޔާބީއާ ކުރިމަތިލައި، އެއިން ހިތްވަރު ލިބިގެން ކުރިއަށް ދިއުމަކީ އަބަދުވެސް އަހަރެން ބަލާ ކަމެއް،" އައްޔާރި އާއި ބްރަދާޒް އަދި އޭކް ވިލަން ފަދަ ފިލްމުތައް ކުޅުނު ސިދާތު ބުންޏެވެ. "ފެއިލިއާ ދެކެ ޖެހިލުން ވިޔަސް، އެކަން އަހަރެން ނަގަނީ ވަރަށް ޕޮޒިޓިވްކޮށް."
އޭނާ ބުނި ގޮތުގައި ފިލްމެއް ފްލޮޕްވުމުން ހަމައެކަނި އޭގެ އެކްޓަރުގެ ބޮލުގައި އޭގެ ހުރިހާ ޒިންމާއެއް ނޭޅުވޭނެ އެވެ. އަދި ކޮންމެ ފިލްމަކީ ބޮޑު ޓީމަކުން ކުރާ މަސައްކަތަކަށްވާތީ ފިލްމަށް ލިބޭ ކާމިޔާބީ އާއި ނާކާމިޔާބީ ޓީމުން އެއްކޮށް އެއްވަރަކަށް ހިއްސާވާނެ ކަމަށް ބުންޏެވެ.
"އަހަންނަކީ ފާޑުކިޔުންތަކަށް ވެސް ވަރަށް އިހުތިރާމުކުރާ މީހެއް. އަދި ނާކާމިޔާބީއާ ވެސް ކުރިމަތިލާން އެނގޭ މީހެއް،" ސިދާތު ބުންޏެވެ. "އޭގެ ސަބަބުން ހަގީގަތުގައި އަހަރެން މޯޓިވޭޓްވޭ. އަދި އިމްޕްރޫވް ކުރަން އިތުރު ހިތްވަރު ވެސް ލިބޭ."
ފިލްމީ އެއްވެސް ކަމަކާ ގުޅުން ނެތް އާއިލާއަކުން ބޮލީވުޑަށް ނުކުތް އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އޮކްޓޯބަރު 2 ގައި ރިލީޒް ކުރާ "މަރުޖާވާ" އެވެ. ސިދާތު މިހާރު އަންނަނީ އަންނަ އަހަރު ރިލީޒްކުރާ ބައޮގްރަފިކަލް ޑްރާމާ "ޝޭރްޝާހް" ގެ މަސައްކަތް ވެސް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީކޭ
21 August 2019
މަވެސް ބިރުގަނޭ...
އަލީ ރާޖާ
21 August 2019
މަ ހީކުރީ ސިދާތާ ލިޔެފަ އިން ކަމަށް