03 ސެޕްޓެމްބަރ 2019 - 07:22
މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޒީރޯ" އަށް ފަހު. ބަތަލާ އަނުޝްކާ ޝަރުމާ އާ ފިލްމަކަށް ސޮއިނުކޮށްގެން އޭނާގެ ފޭނުން ތިބީ އިންތިޒާރުގަ އެވެ. ދާދި ފަހުން މީޑިއާތަކުން ބުނިގޮތުގައި ޑައިރެކްޓަރު ފަރާ ޚާން ހަދަން އުޅޭ ފިލްމު "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކްގެ ރޯލަކަށް އަނުޝްކާ ފެހި ސިގްނަލް ދީފައިވެ އެވެ.
އެކަމަކު މިއީ ކަށަވަރު ވާހަކައެއް ނޫނެވެ. ހުނަރުވެރި ބަތަލާ ފިލްމަކަށް ސޮއިކުރި ވާހަކަ ބުނާނެ އިރެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިއްބައި މިހާރު ތިލަވެގެން އުޅެނީ އަނުޝްކާ ފުލުހެއްގެ ކޮސްޓިއުމެއްގައި ފެންނަ ފޮޓޯއެކެވެ. މިއާ އެކު ގިނަ ބަޔަކު ހީކުރީ އަނުޝްކާ ފިލްމެއްގައި ފުލުހެއްގެ ރޯލް ކުޅެނީ ކަމަށެވެ.
ނަމަވެސް މި ދޭތެރެ އިން އެރި އަޑަކީ އަނުޝްކާ ދެން ފެންނާނީ ވެސް ފުލުހެއްގެ ރޯލް ކުޅޭ ފިލްމަކުން ކަމަށެވެ.
އެކަމަކު ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ އިތުރުބާރު ހިފޭ ނޫސްތަކުން ބުނާގޮތުގައި ފުލުހެއްގެ ގޮތުގައި އަނުޝްކާ ފެންނަ ފޮޓޯ އަކީ ފިލްމެއްގެ މަންޒަރެއް ނޫނެވެ. އެއީ އޭނާ ފުލުހެއްގެ ގޮތުގައި ފެންނަ ޓީވީ އިޝްތިހާރެއްގެ ސެޓުން ތިލަވެގެން އުޅޭ ފޮޓޯއެކެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި މިހާރު ޝޫޓްކޮށް ނިންމާލާފައިވާ އިޝްތިހާރުން އަނުޝްކާ ފެންނާނީ މައްސަލައެއްގެ ތުހުމަތުގައި ގެއެއް ރެއިޑްކުރުމަށް ފަހު ހިންގާ ކަންތައްގަނޑެކެވެ. އަދި ފުލުހެއްގެ ގޮތުގައި އޭނާ ފެންނާނީ މަޖާ ގޮތަކަށް ކަމަށް ވެސް އެ ނޫހުން ބުންޏެވެ. އެކަމަކު މި އިޝްތިހާރަކީ ސީދާ ކޮންކަމަކާ ގުޅުން ހުރި، ކޮން ތަނެއްގެ އިޝްތިހާރެއް ކަމެއް ހަންގާމާ އިން ހާމައެއް ނުކުރެ އެވެ.
ބެލެވޭ ގޮތުން މާ ލަސްތަކެއް ނުވެ، އިޝްތިހާރު އިންޑިއާގެ ޗެނެލްތަކުން ދައްކަން ފަށާނެ އެވެ. ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުންނަކީ މިހާރު ވެސް ގިނަ ބްރޭންޑްތަކެއް އެންޑޯޒްކުރާ ބަތަލާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy