ތަނުޝްރީ ދައްތާ.
07 ސެޕްޓެމްބަރ 2019 - 08:48
ބޮލީވުޑްގެ ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ އަލުން ފިލްމު ކުޅެން ފަށަން ނިންމައިފި އެވެ.
މާ ރަނގަޅު ފުރުސަތުތަކެއް ނުލިބި މީގެ ނުވަ އަހަރު ކުރިން ބޮލީވުޑުން ގެއްލުނު ބަތަލާ އަދި 2004 ގެ މިސް އިންޑިއާ ބުނިގޮތުގައި އޭނާ ފިލްމީ ދާއިރާ އަށް އަންނަނީ ކުރީގެ ތަޖުރިބާއިން ހޯދި ފިލާވަޅުތަކާ އެކީގަ އެވެ. އެހެންވެ ދެން ފިލްމުތަކަށް އެއްބަސްވާނީ ވަރަށް ބަލައިފައި ކަމަށް ބުންޏެވެ.
ތަނުޝްރީ އެންމެ ފަހުން ކުޅުނު ފިލްމަކީ 2010 ގެ "އެޕާޓްމަންޓް" އެވެ.
"އަހަރެން އަލުން ބޮލީވުޑަށް މި އަންނަނީ އުފާވެރި ތަޖުރިބާތަކެއް ކުރުމުގެ އުންމީދުގައި. އެހެންވެ ދެން ވަަރަށް ބަލާފައި އަހަންނާ ގުޅޭ ކަހަލަ ފިލްމުތަކަށް އިސްކަންދޭނީ،" ތަނުޝްރީ ބުންޏެވެ.
އޭނާ ބުނިގޮތުގައި އަލުން ބޮލީވުޑަށް އަންނަ އިރު، ބޭނުން ވަނީ އޭ-ލިސްޓް ފަންނާނުންނާ އެކު މަސައްކަތްކުރާށެވެ. އަދި ވަރަށް އަވަހަށް އޭނާ ކުޅޭ ފިލްމެއް އިއުލާންކުރާނެ ކަމަށް ބުންޏެވެ.
"އަހަރެންގެ ހުނަރު ވެސް ނެރެވޭ ކަހަލަ ބަޔަކާއެކީގައި ދެން މަސައްކަތް ކުރާނީ،" ތަނުޝްރީ، 35، ބުންޏެވެ.
އޭނާ ބޮލީވުޑަށް ނުކުތީ ފިލްމު "އާޝިގް ބަނާޔާ އާޕްނޭ" އިން އިމްރާން ހާޝިމީއާ އެކު 2005 ގަ އެވެ. އޭގެ ފަހުން ތަނުޝްރީ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޗޮކްލެޓް: ޑީޕް ޑާކް ސީކްރެޓް"، "ދޯލް" އަދި "ގުޑް ބޯއި، ބޭޑް ބޯއި" ހިމެނެ އެވެ.
ތަނުޝްރީ އަލުން ބޮލީވުޑަށް އަންނަ އިރު އޭނާގެ ކޮއްކޮ އިޝިތާ ދައްތާ، 29، އަކީ ވެސް ބަތަލާއެކެވެ.
ކަލާޒް ޗެނެލުން މިހާރު ދައްކާ ސިލްސިލާ "ބޭޕަނާ ޕިޔާރު" ގައި އަޕަރްނާ ޑިކްސިޓް/ބާނީގެ ކެރެކްޓާ އިން ފެންނަ އިޝިތާ އަދި ޓީވީ އެކްޓަރު ވަތުސަލް ސޭތުގެ އަންހެނުން ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ފިރަންގީ"، "ދުރިޝަމް"، "ސެޓާސް" އަދި "ބްލޭންކް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy