09 ސެޕްޓެމްބަރ 2019 - 08:04
ވިލް ސުމިތާއި ލޯރެންސް މާޓިންގެ ކާމިޔާބު އެކްޝަން ކޮމެޑީ ސީރީޒް "ބޭޑް ބޯއިސް" ގެ ތިން ވަނަ ބައި "ބޭޑް ބޯއިސް ފޮ ލައިފް" ގެ ޓްރެއިލާ ދައްކާލައި ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.
ބިލާލް ފަލާ އާއި އާދިލް އަލް އާބީ ޑައިރެކްޓްކޮށްފައިވާ ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ގަ އެވެ. "ބޭޑް ބޯއިސް ފޮ ލައިފް" ގެ ޓްރެއިލާ އިން ފެންނަ ގޮތުގައި މި ފިލްމަކީ ވެސް މި ސީރީޒްގެ ކުރީގެ ދެ ފިލްމާ އެއްގޮތަށް ބެލުންތެރިންނަށް ކަމުދާނެ ހުރިހާ ރަހައެއް ހެޔޮވަރުކޮށްގެން ގެނެސްދޭ ފިލްމެކެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި ވިލް އާއި މާޓިންއާ އެކު ފެނިގެންދާނެ ތަރިންގެ ތެރޭގައި ވެނެޒާ ހަޖެންސް، އެލެކްޒެންޑާ ލުވިގް، ޗާލްސް މެލްޓަން، ޕައޯލާ ނުނޭޒް، ނިކީ ޖެމް، ތެރީޒާ ރެންޑްލް، ތޯމަސް ބްރޭގް، މަޒީ ފާލާން އަދި ޑީޖޭ ޚާލިދު ހިމެނެ އެވެ.
Ride together. Die together. #BadBoysForLife – watch the trailer now. 1.17.20 pic.twitter.com/SJ8ahMfS3o
— Bad Boys (@BadBoys) September 4, 2019
"ބޭޑް ބޯއިސް" ގެ ފުރަތަމަ ބައި ގެނެސްދިނީ 1995 ގަ އެވެ. އަދި އެ ފިލްމަކީ ވިލް ސުމިތުގެ ކެރިއަރަށް ބޮޑު ކުރިއެރުމެއް ގެނުވައި ދިން ފިލްމެކެވެ. ފިލްމުގެ ދެވަނަ ބައި ބެލުންތެރިންނަށް ދޫކޮށްލީ 2003 ގަ އެވެ. އެ ދެ ފިލްމު ވެސް ޑައިރެކްޓް ކުރީ މައިކަލް ބޭ އެވެ. ނަވާރަ މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ބޭޑް ބޯއިސް" އަށް ބޮކްސް އޮފީހުގައި 141.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ އިރު، ދެވަނަ ބަޔަށް 273.3 މިލިއަމް ޑޮލަރު ލިބިފައިވެ އެވެ. "ބޭޑް ބޯއިސް 2" އަށް ހަރަދުކޮށްފައި ވަނީ 130 މިލިއަން ޑޮލަރެވެ.
"ބޭޑް ބޯއިސް ފޮ ލައިފް" އަކީ މިދިޔަ ހަފުތާގައި ރާއްޖޭގައި އާއިލާއާ އެކު ޗުއްޓީ ހޭދަކުރި ވިލް ސުމިތާއި ޖެރީ ބުރްކެއިމާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy