09 ސެޕްޓެމްބަރ 2019 - 08:03
ކާތިކް އާރިޔަން ބަތަލުގެ ރޯލް ކުޅޭ ހޮރޯ-ކޮމެޑީގެ ބަތަލާގެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ ޝްރަދާ ކަޕޫރް ނުވަތަ ސާރާ އަލީ ޚާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނިގޮތުގައި ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، އަނީސް ބަޒްމީ ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާގެ ރޯލް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނި ޝްރަދާއަށެވެ. އެކަމަކު އޭނާ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީކޮށް އުޅެން ޖެހޭތީ "ބޫލް ބުލައްޔާ 2" ގެ ޝޫޓިން އަށް ވަގުތު ދެވިދާނެކަމާ ދޭތެރޭ ވަނީ ސުވާލު އުފެދިފަ އެވެެ.
ޝްރަދާ މި ވަގުތު އަންނަނީ ޓައިގާ ޝްރޮފާ އެކު ކުޅޭ، ޑައިރެކްޓަރު އަހުމަދު ޚާންގެ "ބާގީ 3" ގެ ޝޫޓިން އަށް ތައްޔާރީތައް ވަމުންނެވެ. ޝްރަދާ އަށް "ބޫލް ބުލައްޔާ 2" އަށް ވަގުތު ދެވިއްޖެ ނަމަ މި ފިލްމު ވާނީ އޭނާ އާއި ކާތިކް އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށެވެ.
ދާދި ފަހުން ޝްރަދާ އަށް ވަނީ އޭނާގެ ޝެޑިއުލް ޓައިޓްކަމުން ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ބޮޑު އެހެން ފިލްމެއް ވެސް ދޫކޮށްލަން ޖެހިފަ އެވެ. އެ ފިލްމަކީ އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ބައޮގްރަފިކަލް ޑްރާމާ އެވެ.
ޝްރަދާގެ ބަދަލުގައި އެ ފިލްމު މިހާރު ދީފައި ވަނީ ޕަރިނީތީ ޗޯޕްޅާއަށެވެ.
ޕިންކްވިލާ އިން ބުނީ "ބޫލް ބުލައްޔާ 2" އާ ދޭތެރޭ ޝްރަދާ އަށް އަދި މުޅިން ގޮތެއް ނުނިންމޭތީ ފިލްމުގެ ޓީމުން ޕްލޭން ބީއަކަށް ވެސް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ސާރާ އަށް ފިލްމު ދިނުމާ ދޭތެރޭ ވިސްނަމުންދާ ކަމަށް ބުންޏެވެ.
ސާރާ އާއި ކާތިކް މިހާރު ވެސް ވަނީ އެކީގައި ފިލްމެއް ކުޅެފަ އެވެ. އެއީ އަންނަ ފެބްރުއަރީ މަހުގެ 14 ގައި ރިލީޒްކުރާ އިމްތިއާޒް އަލީގެ "އާޖް ކަލް" އެވެ. ކާތިކާ ލޯބީގެ ގޮތުން ވެސް ގުޅިގެން އުޅޭ ކަމަށް އަޑުއަރާފައިވާ ސާރާ މި ވަގުތު އަންނަނީ ވަރުން ދަވަންއާ އެކު ޑޭވިޑް ދަވަންގެ "ކޫލީ ނަމްބަރު 1" ގެ މަސައްކަތް ކުރަމުންނެވެ.
"ބޫލް ބުލައްޔާ 2" އަކީ އަންނަ އަހަރުގެ ޖުލައި 31 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. މިއީ 2007 ގައި އަކްޝޭ ކުމާރު ކުޅުނު "ބޫލް ބުލައްޔާ" ގެ ދެވަނަ ބައެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy