23 ސެޕްޓެމްބަރ 2019 - 08:26
ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" ގައި މަސައްކަތްކުރަން ލިބުނު ފުރުސަތު ސަލްމާން ޚާނާ ހެދި އާލިއާ ބަޓަށް ގެއްލުނަސް، ބަންސާލީގެ ފިލްމެއްގައި މަސައްކަތްކުރަން ޒުވާން ބަތަލާ ދެކޭ ހުވަފެން އެވަރަކުން ވިއްސިވިހާލިވެގެން ނުދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެކި ސަބަބުތަކާ ހެދި "އިންޝާﷲ" މި ވަގުތަށް ނަހަދަން ނިންމި ނަމަވެސް، ބަންސާލީގެ އެހެން ފިލްމަކުން އާލިއާ ފެންނާނެ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ ބުނެފަ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އެ ފިލްމަކީ އަންނަ މަހު ޝޫޓިން ފަށާ "ގަންގްބާއީ" އެވެ. މި ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރައް ކަމަށްވާ ގަންގްބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ހަންގާމާ އިން ބުނިގޮތުގައި ފިލްމުގެ ޓައިޓްލް ރޯލް އާލިއާ އަށް ހުށަަހަޅާފައިވާ އިރު، މި ފިލްމު ރަސްމީކޮށް އަންނަ މަހުގެ ތެރޭގައި އިއުލާން ވެސް ކުރާނެ އެވެ.
ގަންގުބާއީގެ ވާހަކަ ބަންސާލީ ސްކްރީނަށް ގެންނަނީ އިންޑިއާގެ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ" ގައި ގަންގްބާއީއާ ބެހޭ ގޮތުން ގެނެސްދީފައިވާ ބާބަށް ބިނާކޮށެވެ.
މި ވާހަކައަށް ފިލްމަށް ހަދަން ބަންސާލީ މަސައްކަތްކުރާތާ ވެސް ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ އެވެ. ކުރިން އަޑު އަރާފައިވާ ގޮތުގައި ގަންގްބާއީގެ ފިލްމާ ބެހޭ ގޮތުން އޭނާ ޕްރިޔަންކާ ޗޯޕްޅާއާ ވެސް ވާހަކަ ދައްކާފައިވެ އެވެ.
އެކަމަކު ފިލްމުން އާލިއާ ފެންނާކަން ކަށަވަރުވާ ކަމަށް ބަންސާލީގެ ޓީމްގެ ބަޔަކާ ހަވާލާދީ ހަންގާމާ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy