އަންކިތާ.
26 ސެޕްޓެމްބަރ 2019 - 07:45
މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ރޯލަކުން ބޮލީވުޑަށް ތައާރަފުވި ބަތަލާ އަންކިތާ ލޯޚަންދޭ ދެވަނަ ފިލްމަކަށް ސޮއިކޮށްފި އެވެ.
ޓީވީީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، ބޮލީވުޑަށް ނުކުތް ބަތަލާ ސޮއިކުރި ދެވަނަ ފިލްމަކީ މިހާރު ޝޫޓިން ވެސް ފަށާފައިވާ އަހުމަދު ޚާންގެ "ބާގީ 3" އެވެ. މި ފިލްމުގެ ލީޑް ތަރިންނަކީ ޓައިގާ ޝްރޮފާއި ޝްރަދާ ކަޕޫރެވެ. އަދި ފިލްމުގެ ކާސްޓްގެ ތެރޭގައި ރިތޭޝް ދޭޝްމުކް ވެސް ހިމެނެ އެވެ.
އަންކިތާއަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ޝްރަދާގެ އެންމެ ފަހުގެ ފިލްމު "ޗިޗޯރޭ" ގެ ބަތަލު ސުޝާންތު ސިންގް ރާޖްޕޫތުގެ ކުރީގެ ލޯބިވެރިޔާއާ އެވެ.
ވަރުގަދަ އެކްޝަންތަކެއް ހިމެނޭ "ބާގީ 3" އަށް އަންކިތާ ސޮއިކުރި އިރު، ފިލްމުގައި އޭނާ ފެނިގެންދާނީ ޝްރަދާގެ ދައްތަގެ ރޯލުން ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން "ބާގީ" ސީރީޒްގެ ފުރަތަމަ ފިލްމުގައި ވެސް ޓައިގާއާ އެކު ބަތަލާގެ ރޯލް ކުޅުނު ޝްރަދާ މި ފަހަރު ފިލްމުން ފެނިގެން ދާނީ އެއާ ހޮސްޓެސްއެއްގެ ރޯލުންނެވެ. އަދި އޭނާގެ ވަރުގަދަ އެކްޝަންތަކެއް ވެސް ފިލްމުން ފެނިގެންދާނެތީ ސާބިއާގައި މިކްސްޑް މާޝަލް އާޓްސް އާއި ޖޫޑޯގެ ޓްރޭނިންތަކެއް ހަދާނެ އެވެ.
"ބާގީ 3" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މާޗް 6 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy