މުނިފޫހިފިލުވުން / ބިންމާ އިބްރާހީމް ވަހީދު

ދެކޭހިތްވޭ ނިކަން

އާދިއްތަ ދުވަހާ ގުޅޭ

"މަރުވުމުގެ ކުރިން ވަރަށް.. ވަރަށް މުހިންމު ވާހަކައެއް ބުނަން އަހަރެން ބޭނުން. އަހްސަން ރުޅިނާންނާތި!" ވަރަށް އުނދަގުލުން އަހަރެން ބުނީމެވެ. "އަހަންނަށް އެނގޭ އަހްސަން ސިހުރުހަދާކަން. މަންމަޔަށާ، ބައްޕަޔަށާ، އަހަންނަށާ، މިގެއަށް ވެސް އަހްސަން ސިހުރުހަދާކަން އަހަންނަށް އެނގޭ. އަހަންނަށް ބުނެދީބަލަ އަހްސަން ބޭނުންވެގެން ތިއުޅޭ ކަމެއް."

އަހަރެން ބޭނުންވީ އަހަންނަށް އެކަން އެނގޭކަން އަހްސަނަށް އަންގައިލާށެވެ. އެ ކަމުން އަހަންނަށް ވާނީ ކޮން ގެއްލުމެއް ހެއްޔެވެ؟ އަހްސަނަށް އަހަންނަށް ދެވޭނީ އިތުރު ކޮން ގެއްލުމެއް ހެއްޔެވެ؟ އަހަންނަކީ މަރުގެ ސަކަރާތުގައި ހައްޔަރުވެ، ހިރިނުލެވޭވަރު ވެފައިވާ މީހެކެވެ. ދެން އަހަރެން ގަދަވުމެއް ނެތެވެ.

"ތީ ކާކު ދެއްކި ވާހަކައެއް؟" އަހްސަން ދެނަހުރިކަމަށް ވެސް ނުހެދިއެވެ. "މި ގެއަށް، މި ގޭގެ މީހުންނަށް ސިހުރުހަދައިގެން އަހަންނަށް ލިބޭނީ ކޯޗެއް؟ މިހާރު މި ގެއިން އަހަންނަށް ނުލިބެނީ ކޯޗެއް؟ މޫނި ބުނެބަލަ! އަހަންނަކީ މޫނި އެންމެ ޝައްކުނުކުރަންވީ މީހާ. ކައިވެނިކޮށް، ދަރިންލިބި، އަހަރެން ނޫން މީހެއް މޫނިގެ ނެތް ހިސާބަށް ގޮއްސަ މިހާރު މިއޮތީ. އެކަމަކު މީގެ ކުރިން މި ގެއަށް އައި އެކި ފާޑުފާޑުގެ މީހުން މި ގެއަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފަ ހުރެދާނެ. އަދިވެސް ނޭނގެ އެ މީހުން ދުރުގަ ތިބެގެން ކަމެއް ނުކުރާނެކަމެއް. އެކަމަކު އަހަރެން ކީއްކުރަންހޭ ކުރަނީ؟ މިހާރު އަހަންނަކީ މި ގޭގެ މީހެކޭ. ނޫންތަ؟"

އަހްސަން ބުނީ ތެދެކެވެ. އެ ތަންކޮޅެއް އަހަންނަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟

"އަހަންނަކަށް ނޭނގެ އަހަންނޭ ކިޔައިގެން މޫނި ގާތު ކުޓުވަނީ ކާކުކަމެއް،" އަހްސަން ވާހަކަދެއްކީ ވިސްނައިދޭ ރާގުގައެވެ. "އާނ ރަނގަޅު. އިރެއްގަ އަހަރެން މޫނިއަށް ކަންތައްކުރިން ވަރަށް ގޯސްކޮށް. ވަރަށް ވަރަށް ގޯސްކޮށް. މޫނި ކުރިކަންތައް ވަކި ރަނގަޅު؟ ގައިމުވެސް އަހަރެން އެހެން މީހަކާ ހިތައެއްނުވަން. ރުޅިއަންނަ ކަހަލަ ކަންތައްކުރީމަ ކޮންމެ މީހެެއް ގާތަށް ވެސް ރުޅިއަންނާނެ. އަހަންނަކީ ވެސް އިންސާނެއް. އެކަމަކު މޫނިއަށް ފާހަގަކުރެވޭނެ އަހަރެން މިހާރު ބަދަލުވެފަހުރި ވަރު. މާޒީ އަނބުރައެއް ނުގެނެވޭނެ. ވީކަމެއް ވީ. މުސްތަގުބަލު ޔަގީނުން ވެސް ތަފާތުވާނެ. އަހަރެން ގަދަވެސަލާމަތުންހުއްޓާ މޫނިއަށް ދެރަގޮތެއްވިޔަކަ ނުދޭނަން."

އަހަރެން ގަބޫލުކުރަންވީ ކާކު ދައްކާ ވާހަކައެއް ހެއްޔެވެ؟ ގާތްކަމަށް ބަލައިފި ނަމަ ނާސިހާއަކީ އަހަންނާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫނެވެ. އަހްސަނަކީ އަހަރެންގެ ފިރިމީހާއެވެ. ކުދިންގެ ބައްޕައެވެ. އެހެނަސް މަކަރުގަދަ މީހެކެވެ.

"ކީއްވެ އަހްސަނަށް ތި ބަދަލުއައީ؟" އަހަރެން އެހީމެވެ. "ހަމަ ހުރެފަ ކުއްލިއަކަށް މީހަކު ބަދަލެއް ނުވާނެއްނު!"

"އާނ!" އަހްސަން އެއްބަސްވިއެވެ. "ކަމެއްވެއްޖެ! ވަރަށް ބޮޑުކަމެއް ވެއްޖެ! މިކަން ކޮންމެވެސް ކޮޅެއްގަޖެހެންދެން މަޑުކޮށްލައިގެން މިހިރީ. އެކަމަކު މޫނި ބޭނުމިއްޔާ މިހާރު ގޮއްސައޮތް ހިސާބު ވެސް ކިޔައިދެވިދާނެ. ކިހިނެއްހަދަންވީ؟"

އަހްސަނަށް ރަނގަޅު ބަދަލެއް އަތުވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ނަޔަސް އަހަރެން އެ ކަމާ ވިސްނާކަށް ނެތީމެވެ.

"ވަރަށް ރަނގަޅަށް ދަރީން ބަލައިދޭތި!" އަހަރެން ދެއްކީ މުޅީން އެހެން ވާހަކައެކެވެ. "އަހަރެން ބޭނުން އެހެން އެއްވެސް ކަމެއް ނެތް. އިތުރު ކަމެއް ކޮށްދެންޏާ ގިނަ ވަގުތު ގޭގަ މަޑުކޮށްދީ! ކުދިން އުޅޭނޫޅޭ ގޮތް ބަލައި، ކުދިން ރަނގަޅަށް ތަރުބިއްޔަތުކޮށްދީ!"

"ތި ކަހަލަ ވާހަކަދައްކާކަށް ނުވާނެ،" އަސަރާއެކު އަހްސަން ބުންޏެވެ. "އެއްވެސް މީހަކަށް އެ މީހަކު މަރުވާނެ ދުވަހެއް ނޭނގޭނެ."

ޒުހުދާ ކުޅިބަލަން ހުރީކީ ނޫނެވެ. އޭނައަކީ އެންމެ ދޮށީ ކުއްޖާއެވެ.

"މަންމާ ހިނގާ ހޮސްޕިޓަލަށް ދަމާ!" ޒުހުދާ އެދުނެވެ.

އަހަރެން އެއްބަސްވީމެވެ. އޭރު ދެފައި ހުރިކަމުގެ އިހުސާސެއް ވެސް އަހަންނަކަށް ނުވެއެވެ. ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން ޒުހުދާޔާ އެކުގައި އަހަރެން ހޮސްޕިޓަލަށް ދިޔައީމެވެ. އަހްސަނެއް ނާދެއެވެ. އަހަރެން ހިތަށްއެރިއެވެ. ކުޑަ އިރުކޮޅެއް ކުރިން އަހްސަންގެ ހިތްފުރިގެން އުތުރުއެރި ލޯބި ހިނދުނީބާއެވެ؟ އެއީ ލޯތްބެއް ނޫނެވެ. އަހަންނަށް ސިއްރުން އަހްސަން ކޮންމެވެސް މެޓާގަނޑެއް ހިލަނީއެވެ.

ހޮސްޕިޓަލަށް ދިޔުމުން ޑަކުޓަރު ބަލައިފައި، ޓެސްޓު ހަދަން ލޭނެގިއެވެ. އައިވީ ގުޅައިފައި އަހަރެން ބޭއްވިއެެވެ. އައިވީ ގުޅަައިގެން އޮތް ވަގުތުކޮޅުގައި ވެސް، އަހަރެންގެ އެކަނިވެރިކަމާއި ހަޔާތަށް ވެރިވެފައިވާ ހުސްކަމާ ދޭތެރޭގައި ވަރަށް ވިސްނީމެވެ. އެ ވިސްނުމުގައިއޮއްވައި ޒުހުދާ ވަރަށް މުހިންމު ވާހަކައެއްދެއްކިއެވެ.

"މަންމާ! ކީއްކުރަން އަބަދު ތިހެން ތި އުޅެނީ؟" ޒުހުދާ ސުވާލުކުރިއެވެ. "މަންމަ ވަރަށް ކެތްކޮށްފީމެއްނު! ދެން ހުއްޓާލާ!"

އަހަރެން ހިތަށްއެރިއެވެ. ޒުހުދާ އެ ބުނަނީ އަހްސަނާ އިނދެގެން އަހަރެން ނޫޅޭށޭ ހެއްޔެވެ؟ ހިތާހިތުން ބުނެވުނެވެ. ނޫނެކެވެ. އެހާ ފުންކޮށް ވިސްނާކަށް ޒުހުދާއަކަށް ނޭނގޭނެއެވެ. އެ ވަގުތު ލުއި ގޮތަކަށް އަހަރެން ހިނިތުންވެލީމެވެ.

"މަންމައަކަށް ނޭނގެ ދަރިފުޅު ތި ކިޔާ އެއްޗެއް!" އަހަރެން ބުނީމެވެ.

"އަހަރެން މި ބުނަނީ މަންމަ ކީއްކުރަންހޭ ލޯބިނުވާ މީހަކާ އިނދެގެން ތިއުޅެނީ،" ޒުހުދާ ވަރަށް ސާދާގޮތަކަށް ބުނެލިއެވެ. "އަހަންނަށް ވެސް މިހާރު ވާނުވާ އެނގެޔޭ މަންމާ! އަހަންނަކީ މިހާރު ކުޑަކުއްޖެއް ނޫނޭ!"

"އެހެންވިއްޔާ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަނުދައްކާ!" ކުޑަކޮށް ހިތްހަމަނުޖެހިފައި އަހަރެން ބުނީމެވެ.

އައިވީ ހުސްވުމުން އަހަރެން ގެއަށް ފޮނުވައިލިއެވެ. އޭރު ބޮލަކުނުރިއްސައެވެ. މުޅި ދުވަހު އަހަންނަށް ވިސްނުނީ ޒުހުދާ ދެއްކި ވާހަކަޔާ މެދުގައެވެ. ލޯބިނުވާ މީހަކާ އިނދެގެން ދިރިއުޅުން ބޭކާރުކުރަނީ ކީއްކުރަން ހެއްޔެވެ؟ ފެތުނު އޮޑިޔަކުން ސަލާމަތްވެގެން އުމުރުދުވަހު ފެންމަތީގައި އޮންނަންޖެހުމަށް ވުރެ، ފުރަތަމަ ދުވަހު ގެނބިގެން މަރުވިޔަސް މާ ހިތަށްފަސޭހައެވެ.

ޓެސްޓުގެ ނަތީޖާ ލިބުނީ ދެ ދުވަހެއް ފަހުންނެވެ.

"މާ ބޮޑަށް ލޭ ދަށީ،" ބޭރު ޑަކުޓަރު އިނގެރޭސިބަހުން ބުންޏެވެ. "ފަހެއްގަ މިހިރީ. ތީ މިހާރު އެޑްމިޓުކޮށްފަ އޮންނަންޖެހޭ މީހެއް. އަހަރެން ހަމަ ހައިރާންވެއްޖެ! ކިހިނެއް ކޮޅަށް ތި ހުންނަނީ؟"

ޑަކުޓަރު ވަރަށް ގިނަ ވާހަކަދެއްކިއެވެ. ޒުހުދާ އަކުރުން އަކުރަށް އަހަންނަށް ތަރުޖަމާކޮށްދިނެވެ. އަހަރެން އެނދުގައި ބާއްވައިގެން މެސިނެއް ގުޅައިގެން ޓެސްޓެއް ހަދަމުންދިޔަ ވަގުތު، ވަރަށް ސިއްރުން ޒުހުދާޔާ ޑަކުޓަރު ސުވާލެއްކުރި އަޑު އަހަންނަށް އިވުނެވެ.

"އަހަރެން އެއްޗެއް އަހާލަންތަ! އެއްޗެއް ހީނުކުރައްޗޭ!" ޑަކުޓަރު ބުންޏެވެ. "ކަލޭމެން ކޮން ދީނެއް؟"

"އިސްލާމްދީން." ކުޑަކޮށް ހައިރާންވެފައި ޒުހުދާ ބުންޏެވެ.

"ވަރަށް ބަރާބަރަށް ނަމާދުކޮށްހަދަން ދޯ؟" ހަމަ އެހާ މަޑުން ޑަކުޓަރު އެހިއެވެ.

ޒުހުދާ އާނއެކޭ ބުނިކަން އަހަންނަށް އެނގުނެވެ.

"އަހަންނަށް ހީވަނީ ނަމާދުކުރާތީހެން ތިހެން ތި ވަނީ،" ޑަކުޓަރު ބުންޏެވެ. "އަހަރެންގެ ތިބޭނެ އެކުވެރި މުސްލިމުން. އެ މީހުން ބުނޭ ނަމާދަކީ ވަރަށް ބާރުގަދަ އެއްޗެކޭ."

ޑަކުޓަރު ހިތުން އޭނަ އެ ވާހަކަތައް އެހީ ވަރަށް ސިއްރުންނެވެ. އެކަމަކު އަހަންނަށް އަޑުއިވުނެވެ.

"މަންމާ! އަހަރުމެން ދާންވީނު ލަންކާއަށް،" ޑަކުޓަރު ކޮޓަރީގައި އިނދެފައި ޒުހުދާ ބުންޏެވެ. "ވާ އެއްޗެއް އެނގިދާނެއްނު! އެކޮޅުގަ ދީމާ ވެސް ހުންނާނެ."

ދީމާއަކީ ފަހަރިއެއްގެ ދަރިއެކެވެ. އެ މީހުން ލަންކާގައި ދިރިއުޅޭތާ ލައްކަ ދުވަސް ވެއްޖެއެވެ. ވީމާ ޑަކުޓަރާ މަޝްވަރާކުރީމެވެ. އަހަރެން ފުރާކަށް ޑަކުޓަރު ހުއްދައެއް ނުދިނެވެ. ލޭ މަދުވެފައިހުންނައިރު މަތިންދާބޯޓަށް އެރުން ރައްކާތެރިނުވާނެތީއެވެ.

"މާ ބޮޑަށް ލޭ މަދުވީމަ ހަމަ ކުއްލިއަކަށް ކޮންމެ ފަދަ ކަމެއް ވެސް ވެދާނެ." ޑަކުޓަރު ބުންޏެވެ.

ދެން ހަދާނެ ގޮތެއް ނޭނގުނެވެ. ގެއަށް އައިސް އެ ކަމާ ވިސްނަން ތިއްބައި އައިމިނަ ގެއަށް ވަނެވެ. އައިމިނައަކީ ދިވެހިބޭސްހަދާ މީހެކެވެ. ހިސާބުގަނޑުގައި ނަންހިނގާ މީހެކެވެ. އަހަރުމެން ދެއްކި ވާހަކަ އޭނައަށް ވެސް އަޑުއިވުނެވެ.

"އެއްގޮތަކަށް ވެސް ހާސްވާނެކަމެއް ނެތް،" ވަރަށް ހަމަޖެހިލައިފައި އައިމިނަ ބުންޏެވެ. "މަ ގެނެސްދޭނަން އެއްޗެއް. އެ ބޯލާއިރަށް ހުރިހާ ވަރުބަލިކަމެއް ފިލާ، ގައިގަ ވަރު ވެސް ޖެހޭނެ. ތި ޑަކުޓަރު ބޭހަށް ވުރެ މާ ބަރާބަރުވާނެ."

އައިމިނައަކީ ބޭސްވެރިކަމަށް މާ މަޝްހޫރު މީހެއް ނޫނެވެ. އެކަމަކު އޭނަޔާ ބެހޭ ގޮތުން ގޯސް ވާހަކައެއް އަހަރެން އަޑެއްނާހަމެވެ. ފުޓުބޯޅަކުޅުންތެރިން ފަޔަށް އެކި ކަހަލަ އަނިޔާވެގެން ވެސް އައިމިނަ ގާތަށް ބޭސްހަދަން އާދެއެވެ. އައިމިނަ ބޭސްކުރާ ކޮންމެ މީހަކު ވެސް ރަނގަޅުވެއެވެ. އެކަމަކު އައިމިނައަކީ އަހްސަނާ ގުޅުމެއްއޮންނަ މީހެއް ބާއެވެ؟ މީހަކު ދޭހާ އެއްޗެއް އަހަރެން ބޯންވެދާނެ ހެއްޔެވެ؟ އެ ފިކުރުގައި އަހަރެން އިންދައި އައިމިނަ އެ ބުނާ އެއްޗެއް ހިފައިގެން އައެވެ.

"އައިވީއަކަށް ވުރެ މާ ބާރުގަދަވާނެ،" ތަށި ދެމުން އައިމިނަ ބުންޏެވެ. "ތީގަ ހުންނާނީ ލުނބޮޔާ، ކުކުޅުބިހުގެ ލޮންޖާ އޭތިމީތި. ޖެހޭނެ ދެ ފަހަރުން ބޯލަން. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ."

އިންކާރުކުރަން އަހަންނަށް ނުކެރިގެން ތަށީގައި ހިފީމެވެ. އެކަމަކު އައިމިނައެއް ނުދިޔައެވެ. ގާތުގައި އިން ނާސިހާ ލޮލުގެ އިޝާރާތުން އެ ތަށި ނުބުއިމަށް އެދުނެވެ. އަހަރެން ބިސްމި ކިޔައިފައި އެ ތަށިވަރު އެއްނޭވައިން ބޯލީމެވެ. އޯކަށްދެމުނެވެ. ހޮޑެއްނުލެވެއެވެ. އެހެނަސް ނަތީޖާ ވަރަށް ރަނގަޅެވެ. އިސާހިތަކު އަހަރެން ގައިގައި ވަރުޖެހިއްޖެއެވެ. އައިމިނަ ގެނައި އެ ތަށީގައި ހުރީ އަޖައިބެއް ކަހަލަ އެއްޗެކެވެ.

ޖެހިގެންއައި ދުވަހު ޑަކުޓަރުގެ ހުއްދަހޯދައިގެން ދަރިފުޅާ އެކުގައި ލަންކާއަށް ފުރީމެވެ. ދޮށީ ދަރިފުޅު ޒުހުދާއާއި، ޒުހުދާގެ އެކުވެރިއެއް ކަމުގައިވާ އިޖުލާލު ވެސް ގޮވައިގެންނެވެ. ދެވުނީ ރޭގަނޑުއެވެ. ލަންކާއަށް އަހަރެން ފޭބުމާއެކު އަހަރެންނަށް ތަންކޮޅެއް ލުއިވިހެން ހީވިއެވެ. އަހަރުމެން އެއާޕޯޓުން ނުކުތްއިރު ދީމާ ހުރީ އަހަރުމެން ބަލާ އައިހެވެ. ހުރިހައިކަމެއް ވެސް ދިޔައީ ވަރަށް އޮމާންކޮށެވެ.

"ޑޮކްޓަރު އެޕޮއިންޓްމަންޓު އޮންނާނީ ހަމަޖައްސާފަ،" ހޮޓަލަށް ދިޔަ މަގުމަތީގައި ދީމާ ބުންޏެވެ. "ހެނދުނު ސައިބޯގޮތަށް ޖެހޭނެ ނައްޓާލަން. ކީއްވެ އަހްސަންބޭ ނައީ؟ އަދިވެސް ރަނގަޅުނުވަނީތަ؟"

ދީމާ ކުރިމަތިކުރީ އަހަރުމެން ހައިރާންކުރުވި ސުވާލެކެވެ. އަހްސަނަށް ކަމެއްވިކަމެއް އަހަރެން ނުދެނަހުރީމެވެ. ޒުހުދާއާއި އަހަރެން އެކަކުއަނެކަކުގެ މޫނަށް ބަލައިލީމެވެ. އެ ވަގުތު އަހަރެން ބަލިހަނދާނެއްވިއެވެ. ވަރަށް ބޮޑުކަމެއްވި ވާހަކަޔާއި، އެކަން ކޮންމެވެސް ކޮޅެއްގަޖެހެންދެން މަޑުކޮށްލައިގެން ހުރި ވާހަކަ އަހްސަން ބުންޏެވެ.

"ކޮންކަމެއް ރަނގަޅުނުވަނީ؟" އަހަރެން އެހީމެވެ.

ނުނިމި

35 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 44%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަށަށް ހީވަނީ

27 September 2019

ރާޝިދު މަރުވެފަހެން ވަނީ... ނާސިހާ އަކީވެސް ހަޤީގަތެއްނޫން.... މޫނިއަށް އެހުންނަނީ ނަފްސާނީ ބައްޔެއް ޖިހިފަ...

The name is already taken The name is available. Register?

ސްނޯ

26 September 2019

މިހާރު ވަަރަށް އއިންޓްރެސްޓިންގް. ކެތްތެރިވެ ވާހަކަ ނިމެންދެން އިންތިޒާރު ކުރީމަ ލިބޭ ފައިދާ ދެން ލަލަލަލ

The name is already taken The name is available. Register?

ވާނުވާއެއްނޭނގެޔޭ

25 September 2019

ޒުހުދާއަށް ކިތައް އަހަރު؟

The name is already taken The name is available. Register?

ޖޯލި

25 September 2019

އައިން، ކިހިނެއް މިވީ؟ އަނެއްކާ ސިހުރު ހަދަނީ ރާޝިދުތަ؟ ބިންމާގެ ސަސްޕެންސް މޮޅު މޫސާ ވަސީމަށްވުރެވެސް.

The name is already taken The name is available. Register?

ޢައިނީ

25 September 2019

ވ ރީތި...ކޮންމެ ދުވަހަކު މަތިއަރުވާލަ ދޭނަމަ މިވާހަކަ....ވ ކިޔާހިތުން ހުއްޓަ އެ ނިމުނީ....

The name is already taken The name is available. Register?

ނެކްސްޓް

25 September 2019

މީކޯޗެއްތަ؟ ހާވާފައޮތް ހަޑިއެއް

The name is already taken The name is available. Register?

ާއައިކާ

25 September 2019

ދެން ތިހާ މޮޅިއްޔާ ހަޑިނުހާވާ ވާހަކަ ލިޔެގެން އަމިއްލައަށް ކިޔާބަލަ.

The name is already taken The name is available. Register?

ވާނުވ ާ

25 September 2019

ޥާނުވާ ނޭގި މިހެން ތެޅި ތެޅި މުނިފޫހިފިލީކީ ނޫން. މުނިފޫހިވީ

The name is already taken The name is available. Register?

ނާޝް

25 September 2019

އައިކާ އަށް ކޮންކަމެއް؟

The name is already taken The name is available. Register?

ާއައިކާ

25 September 2019

ފުން ނޭވާއެއްލާފަ ހަމަޖެހިލަބަލަ. އަަހަރެން މިބުނީ ތިމައްސަލައޮތް ހައްލެއް.

The name is already taken The name is available. Register?

‫ޑިޕްރެޝަން

25 September 2019

ބ‫ިންމާ ދެން މިވާހަކަ ނިންމާލާ، މޫނިގެ ގަމާރުައކަމުން މަވެސް ޑިޕްރެޝަނަށް ގޮއްސި

The name is already taken The name is available. Register?

ކްއިކްގަން މުރުގަން

25 September 2019

އަސްލުވެސް. މީ ޓޫ

The name is already taken The name is available. Register?

ކކކކ

25 September 2019

ހިއެއް ނުވޭ ބިންމާ ހެނެއް މިހާރު މި ވާހަކަ ލިޔަމުންދަނީ. ބިންމާ އަސަރެއް ނެތް މިހާރަކު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454