06 އޮކްޓޯބަރ 2019 - 09:26
ބުދަ ދުވަހާ ގުޅޭ
ނާދަން ދެން ދެއްކި ވާހަކައަކުން އަހަރެން މާ ބޮޑަށް ހައިރާންވިއެވެ.
"ތި ގެއަކީ ގެސްޓުހައުސްއެއް ކަހަލަ ތަނެއް،" ނާދަން ލޯމަރައިލައިގެން އިނދެ ހިތުންކިޔާހެން ކިޔައިލިއެވެ. "އަބަދުވެސް މީހުން އައިސްގޮސްވާނެ. އެކަމަކު އެ މީހުން ދިރިއުޅޭ ބަޔާ މޫނިސާ އުޅޭ ބައި ހުންނާނީ ވަކިން. އެ ގޮތަށް އަންނަ ވަރަށް ގިނަ މީހުން ވެސް މޫނިސާއަށް ސިހުރުހަދާ. އެއްޗެހި ކާންދީ، އެއްޗެހި ވަޅުލާ، އެއްޗެހި ލިޔެ، އެއްޗެހި އަންދާހަދާ. އެކަމަކު ގިނަ އެއްޗެހި ހެދިފަހުރީ ނުބައިކޮށް. އެ އެއްޗެހި ޖެހުނީ ހެދި މީހުނަށް."
ގޭގައި އުޅުނު މީހުންތަކުގެ ތެރެއިން އަހަންނަށް ބޮނޑިދޭންއުޅުނު މީހުންގެ ނަންތައް ބުނެފައި ނާދަން ހުއްޓައިލީކީ ނޫނެވެ. އެ މީހުން އުޅޭ ރަށްރަށުގެ ނަން ވެސް ނާދަން ބުންޏެވެ. ހަމަ ދިވެހިން އެ ރަށަށް ކިޔާ ނަންތަކެވެ. އެ ނަންތައް ނާދަންއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ނާދަންއަކީ ލަންކާގެ ފަޅު ހިސާބުތަކުގެތެރެއިން ވެސް ފަޅު ހިސާބެއްގައި އެކަހެރިކޮށް އުޅޭ މީހެކެވެ. އެ ގޭގައި ފޯނެއް ހުއްޓެއްކަމަކު، ދުނިޔެއަކާ އޭނަޔަކާ މާ ބޮޑު ގުޅުމެއް ނެތެވެ. އަހަރެންގެ ފަޔަށް ދިމާވި ހާދިސާއާއި، ބޮލުގަރިއްސި ވާހަކައާއި ރިއްސި ގަޑިތަކަށް ދާންދެން ނާދަން ކިޔައިދިނެވެ. ބަރާބަރަށް ދިމާވެއެވެ.
"މޫނިސާ ކިޔާ މީހަކު ވަޅުލައިފަ އޮތް ދިމާއެއްގަ ހުރި މަހާނައެއް ދަށުގަ އެބައޮތް އެއްޗެއް ވަޅުލައިފަ،" ނާދަން އޭރު ވެސް އިނީ ލޯމަރައިގެންނެވެ. "ބޮލުގަރިއްސަނީ އެހެންވެ! ހެނދުނު ވަކި ހިސާބަކަށް އިރުއެރީމަ އެ މަހާނައަށް އިރުގެ އަވި ފޯރާނީ. މަހާނައަށް އަވިއެރީމަ ބޮލުގަ ތި ރިއްސަނީ. ހަނދުވަރުދޭ ރޭރޭ މަހާނައަށް ހަނދުވަރުދިނީމަ ވެސް ރިއްސާނެ. އެއީ ވާގޮތަކީ. އެ ސިހުރު ޖެހޭނީ ނަގަން ނޫނީ ނައްތާލަން. އަހަންނަށް އެ ކަން ކުރެވިދާނެ."
ނާދަންގެ ވާހަކަތައް ގަބޫލުނުކުރާންވީ އެއްވެސް ސަބަބެއް ނެތެވެ. އެނގޭކަންކަން ދިމާވާލެއް ސީދާކަމުން ނޭނގޭކަންކަން ދިމާވާނެކަން އަހަންނަށް ކަށަވަރެވެ.
"މޫނިސާއަށް ސިހުރު ބޯންދީފަ އެބަހުރި. ސިހުރަށް ފައިންއެރިފަ އެބަހުރި. ސިހުރު ކާންދީފަ އެބަހުރި. ބޮލުން އިސްތަށި އުފުރާފަ އެއަށް ވެސް ސިހުރުހަދާފަ އެބަހުރި،" ނާދަން ބުންޏެވެ. "މޫނިސާގެ ބައެއް އަންނައުނު ގެއްލޭކަން ފާހަގަވޭތަ؟"
ނާދަން ބުނީ އަހަންނަށް ވެސް ފާހަގަނުކުރެވިއޮތް ކަމެކެވެ. އެކަމަކު އެހެން ބުނީމަ ބަލިހަނދާނެއް އާވިއެވެ. ހެދުމުގެ އަޑިންލާ ބައެއް އެއްޗެހި ގެއްލިގެން އަހަރެން އުޅުނީމެވެ. އެއްފަހަރަށް ވުރެ ގިނަ ފަހަރުއެެވެ.
"އިންސާނުންނަށް ހަދާ ސިހުރުގެ އަސަރު ފޯރާނީ ލެޔާ ފެނުން،" ލޯ ހުޅުވައިލަމުން ނާދަން ކިޔަދިނެވެ. "އެ ދެ އެއްޗަކީ އެއާ ނުލާ އިންސާނުންނަށް ނޫޅެވޭނެ ދެއެތި. އެއަށް އެއްވެސް ކަހަލަ ނުރަނގަޅު ބަދަލެއްއަތުވެއްޖެއްޔާ މީހާގެ މުޅި ވުޖޫދަށް ގުޑުންއަރާނެ. ފެނާ ލޭގެ ޒަރިއްޔާއިން އިންސާނުންނަށް ގެއްލުންދޭން ޖިންނީންނަށް އެނގޭ. އިންސާނާގެ ހަށިގަނޑުގެ ކޮންމެ ތަންކޮޅަކާ، އަލަށް ބޭނުންކުރާ އަންނައުނާ ފައިވާނަކީ ވެސް، ފުރަތަމަ އެ ބޭނުންކުރި މީހާގެ ޝަހްސިއްޔަތުގެ މިންވަރެއް އުފުލާ އެއްޗެއް. ފަހުން އެ ތަންކޮޅެއް ނޫނީ އެ އެއްޗެއް ހަށިގަނޑާ ވަކިވިޔަސް އޭގެ ފުރަތަމަ ވެރިމީހާގެ ޝަހްސިއްޔަތު އޭގަ ހަރުލާފަ ހުންނާނެ. ކުޑަމިނުން ބޮލުން ވަކިވާ އިސްތައްޓެއް ވެސް ފަނާވަންދެން ދެމިއޮންނާނީ ވެރިމީހާގެ ގައިން ބައެއްގެ ގޮތުގަ. ވެރިމީހާޔާ އެ އެއްޗަކާ ދެމެދު ގުޅުމެއް އޮންނާނެ. ސިހުރުޖައްސަން ބޭނުންވާ މީހާގެ އެ ފަދަ އެއްޗެއް ބޭނުންވަނީ އެހެންވެ. ބައެއް މީހުން މި ކަހަލަ ކަންކަމުގެ މައްޗަށް ވަރަށް ފަރުވާތެރިވާނެ. ބޮލުން ވަކިވާ އިސްތަށިކޮޅާ، ނިޔަފަތި އުކާނުލައި ވަޅުލަނީ ވެސް އެހެންވެ."
އަހަރުމެން އެންމެން ވެސް ތިބީ ހައިރާންވެ ބަސްހުސްވެފައެވެ. ހަމަ އެހާމެ ބިރުގަތް ވެސްމެއެވެ. އޭގެ އުނދަގޫތަކުން އަހަންނަށް ސަލާމަތްނުވެވުނު ސިހުރުހެދި ސިހުރުވެރިޔާގެ ސީދާ ނަމެއް ނާދަން ނުބުނެއެވެ. އެކަމަކު ސިހުރުވެރިޔާގެ އެހީތެރިޔާގެ ނަމާއި ރަށުގެ ނަން ވެސް ބުންޏެވެ. އަހަންނަކީ ދުވަހަކު ވެސް މީހަކަށް ދެރައެއް އެދުނު މީހެއް ނޫނެވެ. އަހަރެންގެ ދިރިއުޅުމުގެ ހާލަތު އެ ހިސާބަށް ދިޔައިރު ވެސް މީހަކަށް ބަދުބަހެއްހާ ހިސާބު ވެސް ނުބުނަމެވެ. ވީއިރު އަހަރެންގެ ގެއަށް އައިސް، އަހަރެންގެ މައިންބަފައިންގެ މެހުމާންދާރީގައި ތިބި ބަޔަކު އަހަންނަށް އެ ފަދަ ކަމެއް ކުރީ ކީއްވެގެން ހެއްޔެވެ؟ އިންސާނިއްޔަތުކަމާއި، ޝުކުރުވެރިކަން ކޮބައި ހެއްޔެވެ؟
"މަންމަޔާ ބައްޕަ ވެސް މަރުވެއްޖެއްނު!" ޔަގީންކަމާ އެކުގައި ނާދަން ބުންޏެވެ. "މަރުވީކީ ނޫން. މަރާލީ. ބިންމަތީގަ ހުއްޓެއްނު އެއްޗެއް ކުރަހާފަ އެއަށް ވަޅިޖަހާފަ. އެއީ ބައްޕައަށް ހެދި ސިހުރު. މަންމައަށް ވެސް ހަމަ އެ ކަހަލަ ސިހުރެއް ހެދީ. މީހަކަށް ނުފެނުނީ. ހުރިހާ ކަމެއް ވެސް ކުރީ އެއްބަޔަކު. މޫނިސާއަށް ހަމަ ކިރިޔާ މި ހިސާބަށް ތި އާދެވުނީ."
އެ ވަރުން ވެސް ނިމުނީކީ ނޫނެވެ. އެ ތަނުގައި އޮތް ކަރުދާސްގަނޑެއް ހިފައިގެން ނާދަން އައިސް އިށީނެވެ. އަހަރުމެންގެ ގެ ހުންނަ ހިސާބާއި ގެ ހުންނަ ގޮތް ކުރަހައިލިއެވެ. ރަނުން ރަނަށެވެ.
"މި މަގުން ގޮސް މި މަގަށް އަޅާއިރު މިހިރީނު ތި ގެ!" ގޭގައި ގަލަމުގެ ތުނޑުޖައްސައިލައިފައި ނާދަން ބުނެލިއެވެ. "މިހިރީ މި ބުނާ ސަހަރާ!"
ނާދަން ދެއްކި ގޮތުން އެ މަހާނަ ހުރީ މާފަންނު ސަހަރާގައެވެ. އެކަމަކު ނާދަންއަށް އެ ހުރިހާ އެއްޗެއް އެނގުނީ ކިހިނެއް ހެއްޔެވެ؟
"ގެ މިހެން ހުންނައިރު، މި ތަނުގަ ހުންނާނީ ގަސްތައް. މިހިރީ ވަންނަ ދޮރު. މިހިރީ ވަޅު ހުންނަ ތަން. މިއޮތީ ހިނގާ މަގު،" ފަހަރަކު ތަނެއްގައި ގަލަން ޖައްސަމުން ނާދަން ކިޔައިދިނެވެ. "މި ތަނާ، މި ތަނާ، މި ތަން ވެސް ޖެހޭނީ ކޮންނަން. މި ހުރިހާ އެއްޗެއް ނަގައިގެން ނޫނީ ސަލާމަތެއް ނެތް. ކިތަންމެ ބޭހެއްކުރިޔަސް ރަނގަޅެއް ނުކުރެވޭނެ. ތި ގޭގަ ސިހުރުގެ ކަންތައް ބޮޑުވެފަހުރި ވަރުން މުޅި ގެ ޖެހޭނީ ހަމަ އަންދާލަން. ތި ވެލި ވެސް ނުވާނެ އިންސާނުން ދިރިއުޅޭ ތާކަށް އަޅާކަށް. ގޭގެ އިސް މީހާ މަރާލަން. ގެ އަތުލަން. މޫނިސާ މަރާލަން. މޫނިސާޔާ ހިތާވާން. ހާދަހާ ސިހުރެކޭ ވަޅުލާފަ ތިހިރީ."
އަހަރެން ހިތަށްއެރިއެވެ. އަހަންނަށް މި އުޅެވުނީ އެ ވަރުގެ ތަނެއްގައި ހެއްޔެވެ؟ ބިރުން ފިތްކަނޑައިގެންދާ ވަރު ވިއެވެ. އަހަރެންގެ ކުދިން ތިބި އަދަދާއި، އުމުރާއި، އެ ކުދިންގެ ދިރިއުޅުން ހުންނާނެ ގޮތާއި، ދިމާވާނެ ބަލިތައް ވެސް ނާދަން ކިޔައިދިނެވެ.
"ބަލިވާ ކުދިންނަކީ ރާހި ދިމާވާ ކުދިން،" ނާދަން ބުންޏެވެ. "މޫނިސާއަށް ކުރާ ކަންތައް ބެހިގެން އެ އަންނަނީ."
އަހަރެންގެ ބައެއް ދަރިންގެ ދާއިމީ ކުދިކުދި ބަލިތަކެއް ހުރެއެވެ. އެކަކުގެ ފަޔެއްގައި ރިއްސަފާނެއެވެ. އަނެކަކުގެ މޭގައި ރިއްސަފާނެއެވެ. އަނެކަކު ހިތްބިރުގަންނާނެއެވެ. ބޮޑު ބައްޔަކަށް ނުވާތީ އެ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނުކަމުގައި ވިޔަސް އެ ކަންކަން ދުވަހަކު ވެސް ރަނގަޅެއް ނުވެއެވެ.
"ގޭގަ ހުރި ޒުބޭރު ކިޔާ ކުއްޖެއްގެ ބޮލުގަ ވަރަށް ގަދަޔަށް ރިއްސި ދޯ؟" ނާދަން އެހިއެވެ. "އޭނަ ވެސް އެއީ މޫނިސާގެ ރާހީގެ ކުއްޖެއް."
ޒުބޭރަކީ އަހަންނާ ތިމާގެކަމެއްހުރި ކުއްޖެއް ވެސް ނޫނެވެ. އޭނަ ތިމާގެއީ އަހްސަނާއެވެ. އެކަމަކު ނުފިލާ ބޮލުގަރިހުމެއް އޭނަގެ ހުރެއެވެ. ކިތަންމެ ދުވަހަކު ބޮލުގަރިއްސާތީ އިސްކޫލަށް ދެވޭވަރު ނުވެގެން ވެސް ޒުބޭރު އުޅުނެވެ. އަހަރެން ފެނުނީމައި އެ ވާހަކަ ބުނަން ވެސް ބުނެއެވެ. އަހަރުމެން ޒުބޭރު ޑަކުޓަރަށް ދެއްކީމައި ވެސް އޭނަޔަކަށް ލުޔެއް ނުލިބުނެވެ.
"ދެން އަހަރެން ކިހިނެއްހަދަންވީ؟" އަހަރެން ސުވާލުކުރީއެވެ.
ނާދަން ވިސްނައިލައިފައި ތެދުވެގެންދިޔައެވެ. ފޮތިގަނޑުގެ ބިއްދޮށަށް ގޮސް އެ ކުރި ކަމެއް ކޮށްފައި ނާދަން އައީ، ބުރިކޮށްފައިވާ ލުނބޮއެއް ހިފައިގެންނެވެ. އަހަރެން ގޮނޑީގައި ބައިންދައިފައި ބޮލުން ފެށިގެން ފައިތިލައަށް ލުނބޯފަޅި ތިރިކޮށް މައްޗަށްނަގަމުން ކޮންމެވެސް ބަނދިވަރުތަކެއް ނާދަން ކިޔެވެ. އަހަންނަށް އަޑުނީވޭ ވަރަށެވެ. ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓު ވަންދެން އެ ކަމެއްކުރިއެވެ.
"ދެން ދޭ!" ނާދަން އެދުނެވެ. "އެކަމަކު މާދަމާ އަންނަންޖެހޭނެ."
ނާދަން މަސައްކަތަކަށް އަގެއް ނުކިޔައެވެ. ފެންނަ އެއްޗެއް ދިނުމަށް އެދުނެވެ. އަގެއް ހަމަޖެއްސީ އަހަރުމެން މަޝްވަރާކޮށްގެންނެވެ. އަހަރުމެން ދިނީ ލަންކާގެ ތިން ހާހެއްހާ ރުފިޔާއެވެ. އެއީ މާލޭގެ ތިން ސަތޭކަ ވަރެވެ. ބަހުގެ ސީދާކަމާއި، ނާދަންގެ މޮޅުކަމާ އަޅައިބަލައިފައި އެ ވަރު ކުޑަވެގެން އަހަރެން އުޅުނީމެވެ.
"ރަނގަޅުވާނެ،" އިޖުލާލު ބުންޏެވެ. "އަދި ފުރުމުގެ ކުރިން ނޭނގެ ކިތައް ފަހަރުކަމެއް އަހަރުމެން އަންނާނީ. އަންނަ ކޮންމެ ފަހަރަކު ކޮންމެވެސް އެއްޗެއް ޖެހޭނެ ދޭން. ތި ވަރު ރަނގަޅުވާނެ."
އެ ގެއިން ނުކުތްއިރު އަހަރުމެން އެންމެން ތިބީ ގަބުވެފައެވެ. ހޮޓަލަށް ގޮސް ކާންތިބިއިރު ވެސް ދައްކާނެ ވާހަކައެއް ވެސް ނެތެވެ. ކޮންމެ މީހަކު ވެސް އިނީ ފިކުރުގެ ފުން ކަނޑަކަށް ގެނބިފައެވެ. އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ހައިރާންކަމާއި، ބިރާއި، ހިތްދަތިކަން އަހަރުމެން ވަށައިލި ކަހަލައެވެ. ދަތުރުގައި ނުލާހިކު ސަމާސާކުރަމުން ގޮސް ވަކި ހިސާބަކުން އަހަރުމެން ހުއްޓުނީއެވެ. "އަޅެ މީހުން އެހާ ނުބައީ ކީއްވެގެންތަ މަންމާ!" ކޮޓަރިއަށް ވަދެފައި ދަރިފުޅު ބުންޏެވެ. "ދުރު މީހެއް ވެސް ނޫން. އަހަރެންގެ ބައްޕަ! މަންމަގެ ފިރިމީހާ. މަންމަ މަރާލާފަ ބައްޕަ ކޮންމެހެން ގެ ހޯދަން އެއުޅެނީ ކީއްކުރަންބާ؟ އެހެން މީހަކާ އިންނަން؟ މަންމަ ވަރިކޮށްފަ އެ ކަން ކުރީމަ ނިމުނީނު! މަރާލަކަށް ނުޖެހޭނެއްނު! ދެން މާލެ ގޮސް މަ ވީ އޭނައަށް ބައްޕަ ކިޔަން؟"
އަހަރެން ބިރުގަތްކަމަކީ އެއީއެވެ. އަހްސަން ކޮންމެ ކަމެއް ކުރިޔަސް ދަރިންގެ ހިތަކު އަހަރެން އަލިފާނެއް ނުރޯކުރަމެވެ.
"އަޅާނުލާ ދަރިފުޅާ!" ދެން ވެސް އަހަރެން ބުނީމެވެ. "އޭގެ ބަދަލުކަންނޭނގެއެއްނު ބައްޕައަށް މިހާރު ކުރިމަތިވެގެންއުޅެނީ."
"އޭ! ނާދަން ގާތުގަ އަހައިފިއްޔާ އެނގޭނެދޯ ބައްޕައަށް ޖެހިގެންއުޅެނީ ކޮން ބައްޔެއްކަން؟" ޒުހުދާ އުފެއްދީ މޮޅު ސުވާލެކެވެ. "ގުޅަމާ!"
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިން...
09 October 2019
މިއަދު ގެ ޕާރޓް ކޮބާ؟ ރޮށި ނުފިހެ މި އިނީ... އަވަސް ކޮށްބަލަ!! ކިޔާފަ ދާންވެގެން.. ވަޓް އަ ވޭސްޓް އޮފް ޓައިމް!!
ކކކކ
07 October 2019
މޫނި ކައިރީ ހުންނަ ޤަރީނު ކައިރިން ސިހުރުވެރިޔާގެ ޖިންނި މައުލޫމާތު ހޯދާނެ. ޣައިބުގަ ވާ ކަންތަކެއް ނޭނގޭނެ ޖިންނީންނަކަށްވެސް
ޖިންނި
06 October 2019
އެހެންވީ މަ ކުރިން ދުވަހަކު މާލޭގަ ސަހަރާއިން ފެނުނު ސިހުރަކީ މިކަލަހަ ސިހުރެއް ކަންނޭނގެ ދޯ. އެއްނަ މެއް ކިޔާ މީހެެއްގެ މަހާނަ އަށް ހަދާފަ.
ސަހަރޯ
06 October 2019
މިބައި ވަރަށް ބިރުވެރި. ޤަބޫލުކުރާ ބަޔަކު ކުރިއަސް ނުކުރާ ބަޔަކު ނުކުރިއަސް މީ ހަމަ ދިމާވާ ކަންތައްތަކެއް. ސިހުރު ހަދާ މީހުން ބަލިމީހާގެ މާޒީގައި ވެފައި ހުންނަ ގިނަ ކަންތައްތައް ކިޔައިދެނީ ސިހުރުވެރިޔާ ގެންގުޅޭ ޖިންނިގެ އެހީ ހޯދައިގެން. އެހެންވެ އޭގެބަދަލު ބަލިމީހާ ދޭންޖެހޭ. ޝިރުކުގެ ޢަމަލަކާއެކީ މެނުވީ މިކަހަލަ ކަމެއް ނުހިނގާ. އެހެންވެ މިކަހަލަ ކަންތަކާ ދުރުވާންޖެހެނީ.
ނާދަން.
06 October 2019
“ޢެކަމަކު ނާދަން އަށް އެ ހުރިހާ ކަމެއް އެނގުނީ ކިހިނެއް ހެއްޔެވެ.” އެތަކެއް ފަހަރު ތއކުރާރުވެފަ. މަގޭ ކައިރިއަށް އައީ އެކަންކަން ބަލާކަށް ނޫންތަ. މި މޫނިސާގެ ހުރި ގަމާރުކަމެއްތާދޯ!! އެއްބައިފަހަރަށް މިވާހަކައިގަ ބުއްދި ގަބޫލު ނުކުރެވޭ ކަންތައް ތަކެއް އެބަވޭ.
މިމީ
06 October 2019
ތިޔޮއް މޮޅު ނާދަން ކީއްވެބާ ސިހުރުވެރިޔާގެ ނަން ނުބުނީ...
ކިޔުންތެރިން
06 October 2019
ވަރަށް ރީތި ވެއިޓިން ފޯރް ނެކްސްޓް ޕާރްޓް
ނާޝް
06 October 2019
މުޅި ވާހަކަ އެއްކޮށް ބަދަލު ވެއްޖެ. ފޫހި މިހާރު. އެޔޮށް ލޯބިކޮށް ލިޔަމުން އައިއްސަ މިހާރު ހުސް ސިހުރަށްވެ ނިމިއްޖެ.
ބބބބބބބ
06 October 2019
އަޅޭ އެންމެ ފޯރި އަރާފަ ހުއްޓާ..... މިހާރު މިވާހަކަ ނިންމާފަ އެބަޖެހޭ އާ ވާހަކަ އެެއް ފަށަން....
ހަދީ
06 October 2019
މިއީ ރާއްޖޭގައި ގިނަ މައްސަލައެއް. މިފަދަކަންކަމުން ސަލާމަތްވާންޖެހޭ. ކިހިނެއްބާހަދާނީ . ސިހުރު ޖެހުމުން ޝިރުކާއި ނުލައި އެކަމުން ސަލާމަތްވާނެ ގޮތެއްބުނެދީބަލަ .
ރާޤީ
06 October 2019
ރުޤުޔާ ކުރޭ