މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ބަތަލާ ޖާންވީ ކަޕޫރް، ބައްޕަ ބޯނީ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމެއްގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެކަން ކަށަވަރުކޮށްދެމުން، މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ބޯނީ ޕްރޮޑިއުސްކޮށް، ޖާންވީ ލީޑް ރޯލް ކުޅޭ ފިލްމުގެ ނަމަކީ "ބޮމްބޭ ގާލް" އެވެ. ފުރާވަރުގެ އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ ސަންޖޭ ތުރިޕާތީ އެވެ.
ބޯނީއާ އެކު ޕްރޮޑިއުސަރެއްގެ ގޮތުގައި "ބޮމްބޭ ގާލް" ގައި މަހާވީރު ޖެއިން ވެސް ހިއްސާވާނެ އެވެ. ނަމަވެސް މި ފިލްމާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
މިދިޔަ އަހަރު ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ނުކުތް ޖާންވީ މިހާރު އަންނަނީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ "ދޯސްތާނާ 2" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ.
ޖާންވީ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ އަހަރުގެ މާޗް 13 ގައި ރިލީޒްކުރާ ބައޮގްރަފިކަލް ޑްރާމާ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އިންނެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ރޫހީ އަފްޒާ"، "ގޯސްޓް ސްޓޯރީޒް" އަދި "ތަޚުތު" ހިމެނެ އެވެ.
ކުރީގެ ބަތަލާ ސްރީދޭވީއާ ކައިވެނިކޮށްގެން ބޯނީ އަށް ލިބުނު ދެ އަންހެން ކުދިންގެ ތެރެއިން ދޮށީ އަންހެން ދަރިފުޅު ބައްޕަ ޕްރޮޑިއުސްކުރާ ފިލްމަކަށް ސޮއިކުރި އިރު، ޖާންވީގެ ބޭބެ އަރުޖުން ކަޕޫރް ވެސް ވަނީ ބައްޕަ ޕްރޮޑިއުސްކުރި ފިލްމެއް ކުޅެފަ އެވެ. އެއީ 2015 ގެ "ތޭވަރު" އެވެ.