މުނިފޫހިފިލުވުން / ބިންމާ އިބްރާހީމް ވަހީދު

ދެކޭހިތްވޭ ނިކަން

އާދިއްތަ ދުވަހާ ގުޅޭ

"އޭ! ނާދަން ގާތުގަ އަހައިފިއްޔާ އެނގޭނެދޯ ބައްޕައަށް ޖެހިގެންއުޅެނީ ކޮން ބައްޔެއްކަން؟" ޒުހުދާ އުފެއްދީ މޮޅު ސުވާލެކެވެ. "ގުޅަމާ!"

އެ ޚިޔާލަށް އަހަރެން ތާއީދުކުރަންވީ ހެއްޔެވެ؟ އަހަރެންގެ ހިތަށް އިތުރު ދަތިކަމެއް ދޭންވީ ހެއްޔެވެ؟ އަހްސަނަކީ ރަނގަޅު ފިރިއެއް ނޫނެވެ. އެހެން ބުނާކަށް އަހަރެން ފަހަރެއްގައި ވެސް ޖެހިލުމެއް ނުވެއެވެ. އަހަރެންނަށް ދިން އަނިޔާގެ ބަދަލު އަހްސަނަށް ވެސް ލިބެންޖެހޭނެއެވެ. އޭނައަކީ ހާދަހާ ނުބައި މީހެކެވެ. އެކަމަކު، ކުދީން ދެކޭނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ކުއްޖަކު ޒުހުދާ ހެނެއް ނުވާނެއެވެ.

"ގުޅާނެކަމެއް ނެތް!" އަހަރެން ބުނީމެވެ. "އަޅާނުލާ! ދަރިފުޅުގެ ބައްޕަ އެ ކަން ސިއްރުކޮށްގެން އެ އުޅެނީ ކޮންމެވެސް ކަމެއްވެގެނެއްނު! އަހަރުމެން އަޅާލާނެކަމެއް ނެތް."

އަހަރެން ހީކުރީ އެ ހިސާބުން ޒުހުދާގެ ވިސްނުން ބަދަލުވާނެކަމަށެވެ. ފަހުން ޒުހުދާ އެ ވާހަކައެއް ނުވެސް ނުދައްކައެވެ. އެ ރޭ އަަހަންނަށް ހުވަފެނުން ފެނުނީ ކަޅު ހަރުފަތަކެކެވެ. ބައެއް ހަރުފަ ކޮޅަށްޖެހި ވިހަލާން ތައްޔާރުވެގެންތިބިއިރު އަނެއްބައި ހަރުފަ ވަށްބުރަކަށް އޮޅާލައިގެން ތިބީއެވެ. އެކަތި އޮތީ އަހަރެންގެ އެނދުގައެވެ. އަނެކަތި އޮތީ އަލަމާރި ތެރޭގައެވެ. ހަރުފައާއި ނަންނުގަތި ކަހަލަ އެއްޗެހި ދެކެ އަހަރެން ވަރަށް ބިރުގަނެއެވެ. އެކަމަކު ހުވަފެނުގައި އެއިން އެއްޗެކާ ދުރަށްދާކަށް އަހަރެން މަސައްކަތެއްނުކުރެއެވެ. ހީވާ ކަހަލައެވެ. އަހަރެން ދިރިއުޅެންޖެހެނީ އެސޮރުމެންނާ އެކުގައެވެ.

ދެވަނަ ދުވަހަކު ވެސް އަހަރުމެން ނާދަންއާ ބައްދަލުކުރީމެވެ. ހަރުފަތަކުގެ ވާހަކަ އަހަރެން ނުވެސް ދައްކަނީސް ނާދަން އެ ވާހަކަދެއްކިއެވެ. އެ ފަދަ ހުވަފެނެއް އަހަންނަށް ފެނުނުކަން އެހެން މީހުންނަށް އެނގުނީ ވެސް ނާދަންގެ ފަރާތުންނެވެ.

"ކަޅު ކުއްތާޔާ، ކަޅު ހަރުފަޔަކީ ސިހުރާ ގުޅުންހުރި އެއްޗެހި،" ނާދަން ބުންޏެވެ. "ތި ރަށަކު ހަރުފައެއް ނޫޅޭނެ. އޭގެ ވިހަ ނުހުންނަ ވައްތަރެއް އުޅޭނީ. ތި ފެންނަ ހުވަފެންތަކަށް ބީރުކަންފަތެއް ދީފިއްޔާ ދެން ގޭތެރެއިން އެ އެއްޗެހި ފެންނަން ފަށާނީ. އަންނަ ނާންނަ ތަނެއް ނޭނގޭނެ އެނދުމަތީގަ އޮއްވާ ފެންނާނީ. ހަގީގަތުގަ އެއީ މުޅީން އެހެން އެއްޗެއް. އިންސާނާގެ ލޮލަށް ފެންނަންވެގެން އެ ސިފަޖެހިގެން އެ އޮންނަނީ. އެކަމަކު މޫނިސާއަކަށް އެ ބިރާ ކުރިމަތިލާކަށް ނުޖެހޭނެ."

"އަހަރެން ބައްޕަޔަށް ކޮން ބައްޔެއްޖެހިފަ ހުރީ؟" ނުވެސް ދެނަހުއްޓައި ޒުހުދާ އެހިއެވެ. "ބެލޭނެތަ އެކަން؟"

ނާދަން ބަލައިލީ އަހަންނަށެވެ. އެ ސުވާލަށް ޖަވާބުދޭންވީތޯ އަހާ ކަހަލަ ނަޒަރަކުންނެވެ.

"ތެދެއް؟" ނާދަން އެހިއެވެ.

އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލީމެވެ. ދެން ވެސް ނާދަން އެއްޗެކޭ ނުބުނެއެވެ. ލޯމަރައިލައިގެން އިރުކޮޅަކު އިނީއެވެ.

"މިހާރު އޭނަޔަކީ އަރިއަޅާލައިފަހުރި މީހެއް،" ނާދަން ވާހަކަދައްކަން ފެށިއެވެ. "މީހަކު ފުމެލިޔަސް އޭނަ ވެއްޓިދާނެ. މާނައަކީ، ރޯގާއެއް ޖެހުނަސް، ހުމެއް ޖެހުނަސް ނޫނީ ކުޑަމިނުން ތަނެއް ކަނޑައިގެންދިޔަސް އެ ވާނީ އޭނަގެ މަރުބައްޔަށް. އެހާ ވެސް ބަލިކަށިވެފަ އޭނަ އެހެރީ. އެ ބައްޔެއް ރަނގަޅެއް ނުކުރެވޭނެ."

ނާދަން ދެއްކީ އަހަރުމެން ދަންނަ ބައްޔެއްގެ ވާހަކައެއް ނޫނެވެ. ވުމާއެކު، އޭނަ ކިއި އެއްޗެއް އަޑުއިވުނަސް އޭގެ މާނައެއް އަހަރުމެންނަކަށް ނޭނގުނެވެ.

"ކިހިނެއްވެގެން އެ ބަލިޖެހުނީ؟" އިޖުލާލު ސުވާލުކުރިއެވެ.

"ވިޔާނުދާކަމުން،" ނާދަން ވަގުތުން ޖަވާބުދިނެވެ. "އުޅެވޭ ގޮތުން. އޭނައަކީ ހަތަރުދަމު ބޭރުގަ އުޅޭ މީހެއްނު. އެކި ހޮރުހޮރުގަ، އެކި ހޮހަޅަތަކުގަ ދަންވަރު އޭނަ އުޅެނީ. އޭނަޔަކަށް އިންސިއެއް ޖިންނިއެއް ވަތްކެއް ނުވޭ! ވަރަށް ވޭންހުރި ބައްޔެއް. ބޭހެއް ނެތް ބައްޔެއް."

ނާދަން ކިޔައިދިން ވަރަކަށް އަހަރުމެންގެ އޮޅުންބޮޅުން ދިޔައީ ބޮޑުވަމުންނެވެ. އިތުރަށް އެ ވާހަކަނުދައްކައި އޭނަ ދިން ފެންތައްޓެއް ބޮއިގެން އަހަރުމެން ނުކުތީއެވެ. އެ ދުވަހު ދިނީ ލަންކާގެ އެއް ހާސް ރުފިޔާއެވެ. ޖުމުލަ ތިން ދުވަހު އަހަރުމެން ދިޔައީމެވެ.

"ދެން ރަނގަޅުވާނެ ކޮންމެ ދުވަހަކު ނަޔަސް،" ތިންވަނަ ދުވަހު ނާދަން ބުންޏެވެ. "ފުރަންވީމަ ދެން އާދޭ! އަހަންނަށް ރަނގަޅީ ރަށަށް ނުގޮސް އަދި ދުވަސްކޮޅަކު ލަންކާގަ މަޑުކޮށްލިއްޔާ. އަހަރުމެން ކަމެއް ކުރިކަން ގެއަށް އެންގުން ރަނގަޅެއް ނުވާނެ. އަހަރެން އުންމީދުކުރަން މި ބުނާ އެއްޗެއް ވިސްނޭނެކަމަށް. މާލެދިޔައީމަ އެކި މީހުން ވަރަށް ސުވާލުކުރާނެ. ސިހުރުހެދި މީހާ އެންމެ ގިނަ ސުވާލުކުރާނީ. ތައްޔާރުވެގެން ހުންނާތި!"

އަހަރުމެން މަހެއް ވަންދެން ލަންކާގައި ތިބީމެވެ. ނާދަން ބުނީ ކީކޭކަން އަހަރުމެންނަށް ވިސްނުނެވެ. އިސްކޮށް އެ ކަމުގައި އުޅުނު މީހާގެ ނަން ނާދަން ނުބުނި ނަމަވެސް، އެހީތެރިޔާގެ ނަން ބުނުމުން ބޮލެއް ހުރި ކޮންމެ މީހަކަށް ވިސްނޭނެއެވެ. ތަންތަނުގައި އެއްޗެހި ވަޅުލުމުގެ ވަޒީފާއަދާކުރި މީހާއަކީ ކާކު ގެއަށް ގެނައި މީހެއްކަން އަހަރުމެން އެންމެންނަށް އެނގެއެވެ. ކުރިން އަހަރެން ހީކުރީ އެ މީހާއަކީ ހަމައެކަނި އަހަރެންނަށް ފާރަލާން ގެނައި މީހެއް ކަމަށެވެ.

އަހަރުމެން މާލެއައިސް ވަރަށް ސިއްރުވެރިކޮށް ގޭތެރެ ކޮނެގެން ނާދަން ބުނި ސާމާނުތައް ނެގީމެވެ. ނާދަން ބުރި ހުރިހާ ތަނެއްގައި ސިހުރު ވަޅުލައިފައި ހުއްޓެވެ. ފޮތިކޮޅުކޮޅާއި، މޮހޮރާއި، ލަކުޑިކޮޅުކޮޅާއި، ގަލާއި، ތަވީދާއި، ކުކުޅުބިސް ވެސް ހުއްޓެވެ. އޭގެތެރެއިން ކުކުޅުބިސް ހީވަނީ ވަރަށް ފަހުން ވަޅުލައިފައިހުރި އެއްޗެއްހެންނެވެ. ޒުހުދާއަށް އެނގުނު އެއްވެސް ވާހަކައެއް އަހްސަން ގާތަކު ނުދައްކައެވެ. އެއްޗެއް އެނގުނުކަމަށް ވެސް އޭނަ ނަހަދައެވެ. އަހަރެން އެ ވާހަކަތައް ރާޝިދަށް ކިޔައިދިނީމެވެ. ފޯނަކުން ނޫނެވެ. ގެއަށް ގެނެސްފައެވެ.

"ތިހެންވިއްޔާ އަހްސަނަށް މިހާރު އެނގޭނެއްނު އަހަރެން މި ގޭގަ ހުރިކަން ވެސް،" ރާޝިދު ބުންޏެވެ. "ސިހުރަކީ ހާދަހާ ނުބައި އެއްޗެކޭދޯ! އެކަމަކު މޫނި ވެސް އެ ކަމެއްނު ތި ކުރީ. މޫނިއަށް ވެސް ތި ބުނާ ނާދަން ސިހުރެއްނު އެ ހެދީ."

"އެނގެޔޭ!" އަހަރެން ބުނީމެވެ. "މީގެ ތަފާތަކީ އަހަރެން މީހަކަށް ދެރައެއް ނުދެން. އަހަރެން ކުރިހާ ވެސް ކަމަކީ އަހަރެންގެ ސަލާމަތްހޯދުން. އަހަރެން މާތްރަސްކަލާނގެއަށް ސަޖިދަކުރަން. އެ ފަރާތުން ރައްކާތެރިކަމަށް އެދެން. ފާފައެއް ކުރެވުނު ނަމަ އަފޫކުރެއްވުމަށް ވެސް އެދެން. އަހަންނަށް ހާދަހާ ވަރެއްވެޔޭ ރާޝިދު. ހީވަނީ ހަށިން ފުރާނަ ލުހިދާނެހެން."

ރާޝިދަކީ ވަރަށް ފުރިހަމަ މީހެކެވެ. އަހަރެންގެ ކެކުޅުންތައް ރާޝިދަށް ވިސްނެއެވެ. އަހަރެން ބިރުގަންނަނީ އެކަމާއެވެ. ނާދަންއަކީ ލަންކާގެ ފަޅުހިސާބެއްގައި ދިރިއުޅޭ ބިދޭސީއެކެވެ. އަހަރެން ދެނެއް އޭނަޔަކާ ބައްދަލެއް ނުކުރާނަމެވެ. އޭނަގެ އެހީއެއް ނުވެސް ހޯދާނަމެވެ. އެހެންނަމަވެސް ރާޝިދާ ބައްދަލުނުކޮށެއް އަހަންނަކަށް ނުހުރެވޭނެއެވެ. ގެއަށް ނުގެނެހެއް ވެސް ނުހުރެވޭނެއެވެ. އަހްސަނަށް އެ ކަން އެނގިދާނެތީ މާ ބޮޑު ބިރެއް ވެސް ނުގަނެއެވެ. އެއީ ވަރަށް ބޮޑު މައްސަލައެކެވެ.

"ހައްޖަށްދާން ފުރަންވީ!" އެއްދުވަހަކު އަހްސަން ގެއަށް ވަދެފައި ބުންޏެވެ. "އަވަހަށް ދަތުރުހަދާ!"

ހައްޖަށް ގޮސް ކުރަނީ ކީއްހެއްޔެވެ؟ ކިޔަނީ ކީކޭ ހެއްޔެވެ؟ އެއިން އެކައްޗެއް ވެސް އަހަންނަކަށް ނޭނގެއެވެ. ދަސްކުރެވުނީހީ ވެސް ދުރާލާ އެ ކަން ރޭވި ނަމައެވެ. އަނެއްކޮޅުން އަހްސަނަކީ ނަމާދެއްކުރާ މީހެއް ނޫނެވެ. ހައްޖުވުމާ ބެހޭގޮތުން އަހްސަނަށް އެނގޭނީ ކޯޗެއް ހެއްޔެވެ؟ ނާސިހާ ގާތުގައި އަހަރެން އެ ވާހަކަ ބުނުމުން ނާސިހާ ދެއްކީ ގަބޫލުކުރެވޭ ކަހަލަ ވާހަކަތަކެކެވެ.

"އޭނަ ހައްޖަށް ދާތީ ވެސް އަހަރެން މިހިރީ ބުނާނެ އެއްޗެއް ނޭނގިފަ،" އަހަރެން ބުނީމެވެ. "ހުވަފެނެއް ފެނުނީބާ؟"

"ވެދާނެއްނު އޭނައަށް ވަރަށް ބޮޑުކަމެއް ކުރިމަތިވީކަމަށް،" ނާސިހާ ވިސްނައިލައިފައި ބުންޏެވެ. "އޭނަޔަށް ވެސް ނަސޭހަތްދޭ މީހުން ތިބޭނެތާ. އޭގެ މީހަކު ބުނެފާނެއްނު އެޔޭ ދެން ވެސް އޮތް ހައްލަކީ. އެހެންނޫނީ މިހެން ވެސް ވެދާނެ. ރާޝިދު ގެއަށް ގެންނަކަން އޭނައަށް އެނގުނީ. އެހެންވެ މޫނި ހައްޖަށް ގެންދިޔައިމަ ފަހަރެއްގަ މޫނި ބިރުން ވެސް ދެން ރާޝިދާ ދުރުވެދާނެއްނު! އެ ވެސް ހަމަ ވެދާނެ ގޮތެއް."

ނާސިހާ ބުނި ދެ ސަބަބު ވެސް ގަބޫލުކުރެވެއެވެ. އެހެނަސް، އަހަރެން ހައްޖަށް ފުރީ ވެސް ރާޝިދާ ބައްދަލުކޮށް ސަލާންކޮށްފައެވެ. އެއީ ހައްޖަކީ ކޯޗެއްކަން އެނގިގެން ކުރި ދަތުރެއް ނޫނެވެ. ނަމަކަށް ކުރި ހައްޖެކެވެ. ދަތުރު ފެށީއްސުރެ އަހްސަން ހުރީ އަހަރެން ދެކެ ރުޅިއައިސްފައެވެ. ކިރިޔާ ވެސް ހިތްހެޔޮކޮށް ބަހެއް ބުނަނީ ފެންނަ ހިސާބުގައި މީހުން ތިބިއްޔާއެވެ. ދެއްކުންތެރިކަމުގެ ގޮތުންނެވެ. އެ ދަތުރުގައި ސާޅީހަކަށް މީހުން ބައިވެރިވިއެވެ. އަހަރެން ދަންނަ އެކަކު ވެސް ނެތެވެ.

އަހަރުމެން ތިބީ ފަރުބަދައެއް ކަހަލަ ތަނެއްގެ މަތީގައި ހުރި ވަރަށް ކުޑަ ކޮޓަރިއެއްގައެވެ. ވަރަށް ކުޑަ ފާހާނައެއް ވެސް ހުއްޓެވެ. ކޮޓަރީގައި ހުންނަނީ އާދައިގެ އެނދެއް ބެހެއްޓޭނެ ޖާގައެވެ. އެ އެނދުގެ ދަށުން ވަތްގަނޑެއް ދަމައިލެވެން ހުރެއެވެ. އެއީ ދެވަނަ ގޮދަޑިއެވެ. އަހަރެން އޮންނަނީ އެ ތަނުގައެވެ. އެ ކޮޓަރިއަކީ މީހުންނާ ވަރަށް އެކަހެރިކޮށް ހުންނަ ތަނެކެވެ. އަހްސަން އިރުއިރުކޮޅާ ތަންތަނަށް ގޮސްހަދައެވެ. އަހަރެން އިންނަންޖެހެނީ އެ ކޮޓަރިތެރޭގައެވެ. ރެޔާއި ދުވާލުއެވެ. ކާގަޑީގައި ކާން ކޮޓަރިން ނުކުމެވެއެވެ. ހަރަމްފުޅަށް ގެންދަނީ ނަމާދުކުރަން އެކަންޏެވެ. ނަމާދު ނިމޭ ގޮތަށް އަހަރެން ގެންނަނީ ކޮޓަރިއަށެވެ. ހައްޖުގެ އަޅުކަން އަދާކުރަނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އޭރު ހިތަށްއެރީ ހައްޖުވަނީ އެހެންކަމަށެވެ.

ކޮޓަރީގައި ހުންނަ އެނދުމައްޗަށް ކޮޅަށްއެރީމައި ކިޑިކީދޮރު ނުވަތަ ފެންލައިޓުން ބޭރު ފެނެއެވެ. ދަތުރުގައި އައި ބައެއް މީހުންނާ އެކުގައި އަހްސަން ވަރަށް މަޖާކޮށް ހީނހީނފައި އުޅޭ ތަން ފެނެއެވެ. އެ މީހުން ދައްކާ ވާހަކަ ކޮންމެވެސް ވަރަކަށް އަހަންނަށް އަޑުއިވެއެވެ.

"ކޮންމެ ރެޔަކު އަންހެނުން ބަހައްޓާފަ ކޮންތާކަށްތަ ކަލޭ ތި ދަނީ؟" އެކަކު ބުނި އަޑު އިވުނެވެ. "ހެޔޮނުވާނެ ތިހެން އުޅެން. ކަލޭ ބިރެއް ވެސް ނުގަނޭތަ؟"

އަހްސަން ޖަވާބެއް ނުދެއެވެ. ހީނގަތް އަޑު އިވުނެވެ. ދެން ވާހަކަދެއްކީ އެހެން މީހެކެވެ.

"އަހްސަން ކޮންމެހެން އިންނަ ހިތަކުން އިން މީހެއް ނޫނޭ އެއީ،" އެ މީހަކު ބުންޏެވެ. "ދޯ އަހްސަން. ކިޔައިދީބަލަ އޭނަޔާ އިން ސަބަބު."

އަހަރެން ވަރަށް ސަމާލުކަންދީގެން އަޑުއަހަން އިންދާ އަހްސަން ޖަވާބުދޭން ފެށިއެެވެ.

ނުނިމޭ

10 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 50%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒޫޒޫ

09 October 2019

ވަރަށް ސަޅި! ގިނަ ދުވަސް ކޮއްފަ ގެނެސްދޭއިރު ތަންކޮޅެއް ދިގުކޮށް ގެެނެސްދޭނަމަ....

The name is already taken The name is available. Register?

ނާޝް

09 October 2019

މާ ކުރުކޮށް ތިގެނެސްދިނީ. ކިޔާ ހިތުން އިންދާ އެ ނިމުނީ.

The name is already taken The name is available. Register?

ދެންދޯ

09 October 2019

އަހަރެން ވަރަށް ސަމާލުކަންދީގެން މިވާހަކަ ކިޔަން އިންދާ މިއަދަށް އެ ނިންމައިލީއެެވެ.

The name is already taken The name is available. Register?

ކުރަފަތްބޭބެ

09 October 2019

އޭނަޔަށް އެއިޑްސް ޖެހިފަ އެހުރީ!

The name is already taken The name is available. Register?

ފަހުމީހާ

09 October 2019

މަ ލާސްޓް

The name is already taken The name is available. Register?

އަނާ.އެސް

09 October 2019

ވަރަށް ވޭންހުރި ބައްޔެއް. ބޭހެއް ނެތް ބައްޔެއް." މަޗާ، އެެއިޑްސް!!

The name is already taken The name is available. Register?

ކުރަފަތްބޭބެ

09 October 2019

ކޮން އިރަކުންތަ މިވާހަކަ ނިމެނީ! ވަރަށް ރީތި މިވާހަކަ!

The name is already taken The name is available. Register?

އައްޑޫ ކޮއްޔާ

09 October 2019

1 ވަނަ

The name is already taken The name is available. Register?

ކުރަފަތްބޭބެ

09 October 2019

ޔޭ މަ ފަސްޓު!

The name is already taken The name is available. Register?

ބިންމާ އިބްރާހިމް ވަހީދު

09 October 2019

ކޮންގުރެޗުލައިސަންސް!!!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454