މި އަހަރު ރިލީޒްކުރި ފިލްމު "ނިވައިރޯޅި" އިން އެކްޓިން އިން ރިޓަޔާކުރި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ފިލްމީ ކެރިއަރަށް 25 އަހަރު ފާހަގަކުރަން ރޭ ބޭއްވި ހަފުލާގައި އޭނާގެ އާ ތިން ޕްރޮޖެކްޓެއް އިއުލާންކޮށްފި އެވެ.
ހޮޓެލް ޖެންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޝަރަފްވެރިކޮށްދެއްވި "ސެލެބްރޭޓިން 25" ހަފުލާގައި ނިއުމާ ޕްރޮޑިއުސްކުރާ ގޮތަށް އަލުން އިއުލާންކުރި ދެ ފިލްމަކީ "ނިވައިރޯޅި" ގެ ޕްރިމިއާގައި ވެސް އިއުލާންކުރި "ގޯނާ" އާއި މީގެ ދެ އަހަރު ކުރިން ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރަން އިއުލާންކުރި "ކަޅަކި" އެވެ.
މި ފިލްމުތައް ނިއުމާގެ އަމިއްލަ ފިލްމު ނިއުޒޯ ސްޓޫޑިއޯ ޕްރޮޑަކްޝަނުން ގެނެސްދޭން ނިންމާފަ އިރު، "ގޯނާ' އަކީ ރަވީ ފާރޫގް ޑައިރެކްޓްކުރާ ފިލްމެކެވެ. ރޭގެ ހަފުލާގައި ޓީޒާ ވެސް ދައްކައިލި މި ފިލްމަކީ ނިއުމާގެ ދަރިފުޅު ޒޯޔާ ހަސަން މުހިންމު ރޯލެއް ކުޅޭ ފިލްމެކެވެ.
"ކަޅަކި" ކާސްޓް ވެސް ރޭ ވަނީ އިއުލާންކޮށްފަ އެވެ. ޔޫއްޕެ، ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅޭ މި ފިލްމަކީ ބިރުވެރި ފިލްމެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، އައިމިނަތު ރިޝްފާ އަދި މުހައްމަދު ފައިސަލް ވެސް ހިމެނެ އެވެ.
"ގޯނާ" އާއި "ކަޅަކި" ގެނެސްދޭނެ އިރެއް އިއުލާނެއްނުކުރެ އެވެ.
ރޭގެ ހަފުލާފައި ދެން އިއުލާންކޮށްފައި ވަނީ ނިއުމާ ހޯސްޓްކުރާ ޑިޖިޓަލް ޝޯއެކެވެ. ބައިސްކޯފް އެޕުން ސްޓްރީމްކުރަން ހަމަޖެހިފައިވާ މި ޝޯގެ ނަމަކީ "ރީލް ޓް ރިއަލް ވިތު ނިއުމާ" އެވެ. ޝޯގެ ޓީޒާއެއް ވެސް ރޭ ދައްކައިފި އެވެ.
ރޭގެ ހަފުލާގައި ފިލްމީ ދާއިރާގެ ވަރަށް ގިނަ ފަންނާނުންނާއި ނިއުމާގެ އާއިލާ އާއި ގާތް ރައްޓެހިން ވެސް ބައިވެރިވި އެވެ.