ބެކިންޒޭލް އަދި ރަޔަން.
24 އޮކްޓޯބަރ 2019 - 06:14
ރަޔަން ރެނޮލްޑްސްއާ ވައްތަރުކަމުން އޭނާއާ އެކު ފިލްމެއް ވެސް ކުޅުމުގެ ފުރުސަތު ކުޑަ ކަމަށް ބަތަލާ ކޭޓް ބެކިންޒޭލް ބުނެފި އެވެ.
ޖިމީ ފެލަންގެ "ޓްނައިޓް ޝޯ" ގައި "ސެރެންޑިޕިޓީ" އާއި "އޭވިއޭޓާ" އަދި "އަންޑަވޯލްޑް" ފަދަ ފިލްމުތައް ކުޅުނު 46 އަހަރުގެ ބަތަލާ ބުނީ ރެނޮލްޑްސްއާ އޭނާ ވައްތަރުކަން ފާހަގަކުރެވޭތާ މިހާރު އެތައް ދުވަހެއްވެއްޖެ ކަމަށެވެ.
"އަހަންނަށް ވަރަށް ގަބޫލުކުރެވޭ އަހަންނާއި ރަޔަން ވަރަށް ވައްތަރު ކަމަށް. އަދި އެއްގޮތްކަން ފާހަގަކުރެވޭތާ ވެސް އެތައް ދުވަހެއްވެއްޖެ،" ބެކިންޒޭލް ބުންޏެވެ. "އޭނާގެ ފިލްމުގެ ޕޯސްޓަރުތައް ވެސް ފެނުނީމަ އަހަންނަށް އިހުސާސްކުރެވެނީ ވެސް އެއީ ހަމަ އަހަރެން ކަމަށް. އަހަންނަކަށް ހިއެއް ނުވޭ މި އެއްގޮތްކަމާ ހުރެ އަހަރެމެން ދެ މީހުން އެކުގައި ފިލްމަކުން އެކީގައި ފެނިދާނެހެނެއް ވެސް."
އޭނާ ބުނިގޮތުގައި ފިރިހެން އެކްޓަރަކާ ވައްތަރު ކަމަށް ދައުވާކުރަނީ ރަޔަންގެ ކިބައިގައި އެއްވެސް ވަރަކަށް އަންހެންވަންތަ ކަމެއް ހުރެގެންނެއް ނޫނެވެ. އަަދި ރަޔަން އަކީ ވަރަށް ފިރިހެންވަންތަ މީހެއް ކަމަށް ބުންޏެވެ.
"އެކަމަކު އަހަންނަކަށް ނޭނގޭ ކީއްވެ ކަމެއް. އަހަރެން ހަމަ ގަބޫލުލުރަނީ އަހަންނާއި ރަޔަން ވަރަށް ވައްތަރު ކަމަށް،" ބެކިންޒޭލް ބުންޏެވެ. "އަހަރެން ރައްޓެހިވި ބައެއް ފިރިހެނުން ވެސް އެބަހުރި އެކަން ފާހަގަކޮށްފައި."
ބެކިންޒޭލް މިކަހަލަ ވާހަކަތަކެއް ދެއްކުމުން ޖިމީ ވަނީ ޝޯގެ ތެރޭގައި ރަޔަން އާއި ބެކިންސޭލްގެ ފޮޓޯއެއް ވެސް ދައްކާލައިފަ އެވެ. އެއާ އެކު ދެ މީހުން ވަރަށް ވައްތަރު ދޯއޭ ޖިމީ ގާތުން ބެކިންސޭލް އެހި ނަމަވެސް، އޭނާ އެކަމަކަށް އެއްބަަހެއް ނުވެ އެވެ.
"އަހަންނަކަށް ތި ދެ މީހުން ވައްތަރު ކަމަކަށް ފާހަގައެއް ނުކުރެވޭ،" ޖިމީ ބުނެ އެވެ.
ބެކިންސޭލްގެ މި ވާހަކަތަކާ ގުޅިގެން ބަތަލާ ބްލޭކް ލައިވްލީގެ ފިރިމީހާ އަދި "ޑެޑްޕޫލް" ސީރީޒްގެ ތަރި ވަނީ އިންސްޓަގްރާން ސްޓޯރީގައި އެއަށް މަޖާ ގޮތަކަށް ރައްދެއް ވެސް ދީފަ އެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ތިނެއްގައި ގެނެސްދިން ޓީވީ ފިލްމު "ޑަބަލް، ޑަބަލް ޓޮއިލް އެންޑް ޓްރަބަލް" ގެ ލީޑް ރޯލް ކުޅުނު އެއްމާބަނޑު ދެބޭން ކަމަށްވާ މޭރީ-ކޭޓް އޯޒްލެން އާއި އޭޝްލީ އޯޒްލެންގެ ފޮޓޯއަކާ އެކު ރަޔަން ބުނީ "އަހަރެމެންގެ އަތުގައި ވެސް މިހާރު [އެކީގައި ފިލްމެއް ކުޅެލަން] ސްކްރިޕްޓެއް އެބައޮތް" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy