ސަންޖީވް ކުމާރު.
08 ނޮވެމްބަރ 2019 - 07:58
ހިންދީ ސިނަމާގެ ކުރީގެ އެންމެ ކާމިޔާބު އެއް އެކްޓަރު ކަމަށްވާ ސަންޖީވް ކުމާރުގެ ބައޮގްރަފީއެއް އަންނަ އަހަަރު ނެރެން ނިންމައިފި އެވެ.
މިކަން އިއުލާންކޮށްފައި ވަނީ ސަންޖީވު މަރުވިތާ 34 އަހަރު ފުރުމާ ދިމާކޮށް ބުދަ ދުވަހު އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އަދި ނަން އިއުލާންނުކުރާ މި ބައޮގްރަފީ ލިޔަނީ ރީތާ ގުޕްތާ އެވެ.
ބައޮގްރަފީއާ ބެހޭ ގޮތުން ސަންޖީވަށް ބޮޑުބޭބެ ކިޔާ އުދޭ ޖަރީވާލާ ބުނީ ސަންޖީވް ހިންދީ ސިނަމާ އަށް ކޮށްދިން ހިދުމަތްތަކުގެ ވާހަކަ އާއި އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ފިލްމުތަކަށް ލޯބިކުރާ މީހުންނާ ހިއްސާކުރުމަކީ ހުވަފެނެއް ކަމަށެވެ. އަދި މި މި ބައޮގްރަފީ ލިޔަން ރީތާ ހުށަހެޅުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ބުންޏެވެ.
"ލެޖެންޑް ސަންޖީވް ކުމާރުގެ ވާހަކަ އަކީ ކޮންމެހެން ވެސް ހިއްސާކުރަން ޖެހޭ ވާހަކަތަކެއް. އަހަރެމެންނާ އެހާ އަވަހަށް ވަކިވެގެން ދިޔަ ނަމަވެސް ސަންޖީވަކީ އަދިވެސް މުޅި ދުނިޔެ ނަމޫނާއަކަށް ބަލާ އައިކަންއެއް،" އުދޭ ބުންޏެވެ.
އޭނާ ބުނިގޮތުގައި ބައޮގްރަފީ ނެރޭނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ. އަދި ސަންޖީވްގެ ވާހަކަ ފިލްމެއް ނުވަތަ ވެބް ސީރީރެއްގެ ގޮތުގައި ގެނެސްދިނުމަކީ ވެސް އުދޭ ބޭނުންވާ ކަމެކެވެ.
ވަރަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ސަންޖީވް ނުވަތަ އަސްލު ނަމުން ނަމަ ހަރީހާރް ޖެތާލާލް ޖަރީވާލާ އެކްޓިން އަށް އެންމެ ފުރަތަމަ ނުކުތީ ވަރަށް ޅަ އުމުރުގައި ތަމްސީލުތަކުންނެވެ. އޭނާ ފިލްމު ކުޅެން ފެށީ 1960 ގެ "ހަމް ހިންދުސްތާނީ" އިންނެވެ.
އޭގެ ފަހުން ސަންޖީވް ފާހަގަކުރެވިގެން ގޮސްފައި ވަނީ ލޯބީގެ އަދި ސަސްޕެންސް ތުރިލާތަކަށް ވަރަށް މޮޅު އެކްޓަރެއްގެ ގޮތުގަ އެވެ.
ދެ ފަހަރަށް ނެޝަނަލް އެވޯޑް ވެސް ހޯދި އެކްޓަރު ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "އަރުޖުން ޕަންޑިތު"، "ޝޯލޭ"، "ތުރިޝޫލް"، "ކިލޯނާ"، "ޔެހީ ޒިންދަގީ ހޭ"، "ނަޔާ ދިން، ނަޔާ ރާތު"، "ގަތުލް"، "ޝިކާރު"، "އަންގޫރް" އަދި "ޕަތީ ޕަތުނީ އޯރް ވޯ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
ސަންޖީވް މަރުވީ އުމުރުން އެންމެ 47 އަހަރުގައި 1985 ގަ އެވެ. އޭނާ ކުޅުނު ފިލްމުތަކުގެ އަދަދު 90 އާ ގާތްކުރާ އިރު، މަރުވި ފަހުން ވެސް 1993 އާ ހަމައަށް ސަންޖީވްގެ 10 ފިލްމެއް ނެރެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy