10 ނޮވެމްބަރ 2019 - 09:35
"ބާހްބަލީ" ގައި ޑަބަލް ރޯލް ކުޅުނު ޕްރަބާސްގެ އާ ފިލްމަކީ ވެސް އޭނާ ޑަބަލް ރޯލަކުން ފެންނަ ޕީރިއަޑް ޑްރާމާއެއް ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި މި ފިލްމުގެ ނަމަކީ "ޖާން" އެވެ. އަދި މީގެ ބަތަލާއަކީ މިދިޔަ މަހު ރިލީޒްކުރި "ހައުސްފުލް 4" ގެ ކާސްޓްގައި ވެސް ހިމެނޭ ޕޫޖާ ހެގްޅޭ އެވެ.
މީޑިއާތަކުން ބުނިގޮތުގައި ހިންދީ އާއި ތަމަޅަ އަދި އަދި ތެލެގޫ ބަހުން ނެރެން ނިންމާފައިވާ "ޖާން" ގައި ކިޔައިދޭނީ 70 ގެ އަހަރުތަކުގައި ހިނގާ ހާދިސާތަކެކެވެ. އަދި ފިލްމު ބިނާވަނީ ޔޫރަޕަށެވެ. މީގައި ޕްރަބާސް ޑަބަލް ރޯލަކީ ބައްޕަ އާއި ދަރިއެއްގެ ރޯލެވެ.
"ޖާން" ގެ ޑައިރެކްޓަރަކީ ސައުތުގެ މަޝްހޫރު ޑައިރެކްޓަރު ކޭކޭ ރާދަކްރިޝްނާ ކުމާރެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ފަށާނެ އިރަކާއި ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އޮގަސްޓް މަހު ރިލީޒްކުރި އެކްޝަން ތުރިލާ "ސާހޯ" އެވެ. ޝްރަދާ ކަޕޫރް ބަތަލާގެ ރޯލް ކުޅުނު އެ ފިލްމަކީ ގިނަ ބަޔަކު އުންމީދުކުރި ވަރަށް ހިނގި ފިލްމެއް ނޫނެވެ.
ޖުމްލަ 350 ކްރޯޑް ރުޕީސް (49 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 433.06 ކްރޯޑް ރުޕީސް (61 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy