"ކޮސް ގިނަ މިސްޓޭކް" ވެސް އަންނަ އަހަރަށް ފަސްކޮށްފި

އަލީ ސީޒަން މިދިޔަ މަހު ގެނެސްދޭން އުޅުނު ފިލްމު "އަނދިރިކަން" އަންނަ އަހަރަށް ފަސްކޮށްފައި ވަނިކޮށް، މި މަހު ރިލީޒްކުރަން އުޅުނު ވީ މީޑިއާގެ "ކޮސް ގިނަ މިސްޓޭކް" ވެސް އަންނަ އަހަރަށް ފަސްކޮށްފި އެވެ.


ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ފިލްމު ކުރިން އޮތީ މި ހަފުތާގެ ތެރޭގައި ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް އަންނަ އަހަރަށް ފިލްމު ފަސްކޮށްފައިވާކަން "ކޮސް ގިނަ މިސްޓޭކް" ގެ ޓީމުން ކަށަވަރުކޮށްދެ އެވެ.

އަންނަ އަހަރަށް ފިލްމު ލަސްކުރި ނަމަވެސް، އަޅުވާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

މަންޒަރުތައް އދ. ފެންފުށީފައި ނަގާފައިވާ "ކޮސް ގިނަ މިސްޓޭކް" ގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، ނުޒުހަތު ޝުއައިބް (ނުޒޫ)، މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮން އައްޔަ)، އަބްދުﷲ ޝާފިއު (ފުބޫ)، ހާމިދު އަލީ، އަހުމަދު ސައީދު، އަހުމަދު ނިމާލު ފަދަ ތަރިން ހިމެނެ އެވެ.

އަދި ބައެއް އާ މޫނުތަކާއި ފިލްމީ ދާއިރާ އިން ފެނިފައިވާ އެކަމަކު އެހާ މަޝްހޫރު ނޫން ބައެއް މޫނުތައް ވެސް ފިލްމުން ފެނިގެން ދާނެ އެވެ.

މި އަހަރު އަޅުވަން އުޅުނު ދެ ފިލްމެއް އަންނަ އަހަރަށް ފަސްކުރި އިރު، އަހަރުގެ ބާކީ އޮތް ދޮޅުމަހުގެ ތެރޭގައި އިތުރު ފިލްމެއް ސިނަމާ އަށް އަންނާކަށް ވެސް ނެތެވެ.

މި އަހަރުގެ މިހާތަނަށް 9 ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ ނިވައިރޯޅި، ގޮށްރާޅު، +40، މާމުއި، ނަފުރަތުވުމުން، ދައުވަތު، ލީނާ، ބަވަތި އަދި ކާކު؟ އެވެ.