19 ނޮވެމްބަރ 2019 - 07:36
ޝާހްރުކް ޚާން ސޮއިކޮށްފައިވާ ތަމަޅަ ޑައިރެކްޓަރު އެޓްލީގެ ފިލްމުގެ ޝޫޓިން އަންނަ މާޗް މަހުގެ ތެރޭގައި ފަށާނެ ކަމަށް ނޫސްތަކުން ބުނެފި އެވެ.
މިދިޔަ އަހަރު ރިލީޒްކުރި "ޒީރޯ" އަށް ފަހު، ޝާހްރުކް ކުޅޭ އެއްވެސް ފިލްމެއް ރަސްމީކޮށް އިއުލާންކޮށްފައި ނުވާއިރު، ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެޓްލީގެ ފިލްމަށް ޝާހްރުކް ސޮއިކުރިކަން މިހާރު ކަށަވަރެވެ. އަދި އެ ފިލްމުގެ ޓީމާ ގުޅުން ހުރި މީހަކާ ހަވާލާދީ އެ ނޫހުން ބުނިގޮތުގައި ފިލްމުގެ ޝޫޓިން އަންނަ މާޗް މަހުގެ ތެރޭގައި ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، މި ފިލްމަކި އެކްޝަން އެންޓަޓައިނާއެކެވެ.
ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމުގެ ނަމަނީ "ސާންކީ" އެވެ. ނަމަވެސް އެ ނަން ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާކަން އެނގިފައިވާތީ ނަން ލިބޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި "ސާންކީ" ގެ ނަމުގައި ސާޖިދު އަންނަ އަހަރު ފިލްމެއް ގެނެސްދޭން ނިންމާފައި ވާތީ އެ ނަން ޝާހްރުކްގެ ފިލްމަށް ދޫކޮށްލާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް "ސާންކީ" އެ ނަން އެޓްލީގެ ފިލްމާ ވަރަށް ގުޅޭ ކަމަށްވެ އެވެ.
އެޓްލީ، 33، އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ މަހު ސައުތުގެ ސުޕަސްޓާ ވިޖޭއާ އެކު ގެނެސްދިން ސްޕޯޓް އެކްޝަން ފިލްމު "ބިޖިލް" އެވެ. އެއީ ވަރަށް ކާމިޔާބު ފިލްމެކެވެ.
ޝާހްރުކް، 54، ދާދި ފަހުން ބުނިގޮތުގައި އޭނާ ދެން ކުޅޭނެ ފިލްމުތަކެއް ދެތިން މަސް ފަހުން އިއުލާންކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy