20 ނޮވެމްބަރ 2019 - 07:39
ސްޓާ ޕްލަސް އިން ދައްކާ ސިލްސިލާ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގެ ރޯލަކަށް ވަތުސަލް ސޭތު ސޮއިކޮށްފި އެވެ.
ޓީވީ ސިލްސިލާތަކުން އެކްޓިން އަށް ނުކުތުމަށް ފަހު، ފަހުން "ޓާޒަން: ދަ ވޮންޑަ ކާ" އާއި "ހީރޯޒް" އަދި "ތޯ ބާތު ޕައްކީ" ފަދަ ފިލްމުތައް ވެސް ކުޅުނު އެކްޓަރު "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" އަށް ސޮއިކުރިކަން ކަށަވަރުކޮށް ދިން ނަމަވެސް އޭނާ ކުޅޭނެ ރޯލާ ބެހޭ އެއްވެސް ތަފުސީލެއް ނުދެ އެވެ.
އެކަމަކު މި ފަހަކަށް އައިސް ސިލްސިލާތަކުގައި މުޅިންހެން ނެގަޓިވް ރޯލްތައް ކުޅެމުން އަންނަ ވަތުސެލް، 39، ވަނީ މި ފަހަރު ފެންނާނީ އެކަހަލަ ރޯލަކުން ނޫން ކަމަށް ބުންޏެވެ.
އޭނާ މިހާރު "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގެ ޝޫޓިން ވެސް ފަށާފައިވާ އިރު، ވަރަށް އަވަހަށް ބެލުންތެރިންނަށް ވަތުސަލް ސިލްސިލާ އިން ފެންނަން ފަށާނެ އެވެ.
ޕްރޮޑިއުސަރު ރަޖަންއާ އެކު ވަތުސަލް.
ވަތުސަލް މި ފަހުން ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ހާސިލް" އާއި "ކޯން ހޭ؟" އަދި "އޭކް ހަސީނާ ތީ" ފާހަގަކޮށްލެވެ އެވެ.
އޭނާގެ އަންހެނުން އިޝިތާ ދައްތާ އަކީ ވެސް ސިލްސިލާތަކާއި ފިލްމުތައް ކުޅޭ ބަތަލާއެކެވެ. ކުރީގެ ބަތަލާ ތަނުޝްރީ ދައްތާގެ ކޮއްކޮ މިހާރު ކުޅެމުން އަންނަ ސިލްސިލާ އަކީ ކަލާޒްގެ "ބޭޕަނާ ޕިޔާރު" އެވެ. އިޝިތާ، 29، އެންމެ ފަހުން ކުޅުނު ފިލްމަކީ މެއި މަހު ރިލީޒްކުރި "ބްލޭންކް" އެވެ.
މާޗް މަހު ދައްކަން ފެށި "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގެ ކާސްޓާ ވަތުސެލް ގުޅުނު އިރު، އެ ސިލްސިލާގެ ލީޑް ރޯލް ކުޅެނީ ޝަހީރު ޝެއިހާއި ރިއާ ޝަރުމާގެ އިތުރުން ރިތުވިކް އަރޯރާ އެވެ. މި ސިލްސިލާ އަކީ ސްޓާ ޕްލަސް އިން ދައްކާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ސްޕިން-އޮފެކެވެ.
މި ދެ ސިލްސިލާގެ ވެސް ޕްރޮޑިއުސަރަކީ ރަޖަން ޝާހީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy