"ހެކްޑް" ގެ ޝޫޓިންގައި ހީނާ އާއި ޑައިރެކްޓަރު ވިކްރަމް.
21 ނޮވެމްބަރ 2019 - 07:14
ސްޓާ ޕްލަސްގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ދޫކޮށްލާފައި މަޝްހޫރު ޓީވީ ބަތަލާ ހީނާ ޚާން ކުޅުނު، ޑައިރެކްޓަރު ވިކްރަމް ބަޓްގެ ފިލްމު "ހެކްޑް" އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މި ރޮމޭންޓިކް ތުރިލާގައި ހީނާއާ އެކު ތިމް ބަތަލުން ފެނިގެންދާނެ އެވެ. އެއީ ރޯޝަން ޝާހް، މީހިތު މަލްއުތުރާ އަދި ސިދު މައްކަރެވެ. ކުރިން މީޑިއާތަކުން ބުނެފައިވާ ގޮތާ ހިލާފަށް "ހެކްޑް" ގެ ކާސްޓްގައި 2016 ގެ "މިސްޓަ ސެންސޭޝަނަލް" މުބާރާތުން ދެވަނަ ހޯދި ޖިތޭޝް ތާކޫރާއި ސިލްސިލާތަކާއި ސިލްސިލާތައް ކުޅޭ ތާހިރު ޝައްބީރެއް ނުހިމެނެ އެވެ.
Release date finalized... Vikram Bhatt’s next film - an edge of the seat thriller titled #Hacked - to release on 31 Jan 2020... Stars Hina Khan, Rohan Shah, Mohit Malhotra and Sid Makkar... Produced by Amar P Thakkar and Krishna Bhatt. pic.twitter.com/HI1bdGAExy
— taran adarsh (@taran_adarsh) November 20, 2019
"ހެކްޑް" އާ ބެހާ މާ ބޮޑު ތަފުސީލެއް މިހާތަނަށް އަދި ހާމައެއް ނުކުރެ އެވެ. މި ފިލްމުގެ ޝޫޓިން ނިންމާލައި މިހާރު އަންނަނީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކުރަމުންނެވެ.
މި ފިލްމަށް ހީނާ ސޮއިކުރީ "ކަސޯޓީ" ގެ ނެގަޓިވް ކެރެކްޓާ ކޮމަލިކޯގެ ރޯލް ދޫކޮށްލައިފަ އެވެ. އެކަމަކު "ހެކްޑް'' އަކީ ހީނާ ކުޅުނު ފުރަތަމަ ފިލްމެއް ނޫނެވެ. ޓީވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން މަޝްހޫރުވި ބަތަލާ ކުޅުނު ފުރަތަމަ ފިލްމަކީ ރިލީޒްކުރާނެ ތާރީހެއް އިއުލާންނުކުރާ "ލައިންސް" އެވެ.
މި އަހަރުގެ މެއި ބޭއްވި ކާންސް ފިލްމު ފެސްޓިވަލްގައި އެ ފިލްމު ޕްރިމިއާކޮށްފައިވެ އެވެ. ވިކްރަމްގެ "ހެކްޑް" ވެގެންދާނީ ހީނާ ބޮލީވުޑަށް ތައާރަފުވާ ފިލްމަށެވެ.
އާންމުކޮށް ލޯބީގެ ބިރުވެރި ފިލްމުތައް ގެނެސްދޭ ވިކްރަމްގެ "ހެކްޑް" ޖެނުއަރީ މަހު ސިނަމާތަކަށް ގެންނަން ނިންމި އިރު، އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ ޓީވީ ބަތަލާ ސަނާޔާ އިރާނީއާ އެކު މިދިޔަ މަހު ގެނެސްދިން ބިރުވެރި ފިލްމު "ގޯސްޓް" އެވެ. އެކަމަކު އެ ފިލްމަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy