މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޕްރިޔާދަރްޝަން.

24 ނޮވެމްބަރ 2019 - 07:39

ކިއާރާ އަދުވާނީ އާއި އަދިތިޔާ ސީލް ލީޑް ރޯޅޭ ކޮމެޑީ ފިލްމު "އިންދޫ ކީ ޖަވާނީ" ގެ ޝޫޓިން ނިންމާލައިފި އެވެ.

މި ފިލްމަކީ ނިކިލް އަދުވާނީގެ އެންމޭ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް، އަބީރު ސެންގުޕްތާ ޑައިރެކްޓްކުރާ ފިލްމެކެވެ.

ޒުވާން ދެ ތަރިން ކަމަށްވާ ކިއާރާ އާއި އަދިތިޔާގެ ޖޯޑު އެކީގައި އަލަށް ސްކްރީނުން ފެންނަ ފިލްމު އަންނަ އަހަރު ސިނަމާތަކަށް ގެނެސްދޭން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއްނުކުރެ އެވެ.

ކިއާރާ، 27، އަކީ މިހާރު ބޮލީވުޑްގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ބަތަލާ އެވެ. އަންނަ މަހުގެ 27 ގައި ރިލީޒްކުރާ "ގުޑް ނިއުޒް" ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލަކްޝްމީ ބޮމްބް" އާއި "ބޫލް ބުލައްޔާ 2" އާއި "ޝޭރް ޝާހް" ގެ އިތުރުން "ގިލްޓީ" ހިމެނެ އެވެ.

އަދިތިޔާ، 31، އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ ކަރަން ޖޯހަރު މެއި މަހު ގެނެސްދިން "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ.

"ބާލާ" އަށް 100 ކްރޯޑް

މި މަހުގެ 8 ގައި ރިލީޒްކުރި އެކްޓަރު އަޔޫޝްމަން ކުރާނާގެ އެންމެ ފަހުގެ ފިލްމު "ބާލާ" ވެސް 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދައިފި އެވެ.

ވަރަށް ހިނގާނެ ކަމަށް ކުރިން ވެސް ބެލެވުނު މި ފިލްމު އިންޑިއާ އިން ހޯދި އާމްދަނީ 100 ކްރޯޑަށް އެރީ ހުކުރު ދުވަހު އެވެ. އެގޮތުން ހުކުރު ދުވަހާ ހަމައަށް ފިލްމު ޖުމްލަ 100.15 ކްރޯޑް ރުޕީސް ލިބިފައިވާ އިރު، ބޭރުގެ މާކެޓްތަކުން ދައްކައިގެން ލިބުނު އާމްދަނީއާ އެކު "ބާލާ" ގެ ޖުމްލަ އާމްދަނީ މިހާރު ވަނީ 144.97 ކްރޯޑް ރުޕީސް (20 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.

އަމަރު ކޯޝިކް ޑައިރެކްޓްކުރި ފިލްމު 25 ކްރޯޑް ރުޕީސް (3 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ. "ބާލާ" އަކީ 100 ކްރޯޑް ކުލަބަށް ވަން އަޔޫޝްމަންގެ ތިން ވަނަ ފިލްމެވެ. މި ލިސްޓްގައި ދެން ހިމެނެނީ "ބަދާއީ ހޯ" އާއި "ޑްރީމް ގާލް" އެވެ.

މެޑޮކް ފިލްމްސް އިން ގެނެސްދިން "ބާލާ" އަކީ ތަލަ ޒުވާނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގެ ބަތަލާއިންނަކީ ބޫމީ ޕެޑްނޭކަރާއި ޔާމީ ގޯތަމެވެ.

"ވިކީ ޑޯނާ" ނުކުޅެވުނީތީ ބޮމަން ދެރަވޭ

އަޔޫޝްމަން ކުރާނާ ބޮލީވުޑަށް ތައާރަފުވި 2012 ގެ ފިލްމު "ވިކީ ޑޯނާ" ނުކުޅެވުނީތީ މިހާރު ދެރަވާ ކަމަށް އެކްޓަރު ބޮމަން އިރާނީ ބުނެފި އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމުން ބޮމަން އަށް ލިބުނީ އައްނޫ ކަޕޫރް ކުޅުނު ޑރ. ޗައްޑާގެ ރޯލެވެ. އޭނާ ބުނިގޮތުގައި ޖޯން އަބްރަހަމް ޕްރޮޑިއުސްކޮށް، ސުޖިތު ސިރްކާ ޑައިރެކްޓްކުރި ފިލްމު ނުކުޅެވުނީ އޭރު ސޮއިކޮށްފައި ހުރި އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވެގެން ފިލްމަށް ވަގުތު ދެވެން ނެތުމުންނެވެ.

އަޔޫޝްމަން އާއި ޔާމީ ގޯތަމް ލީޑް ރޯލް ކުޅުނު "ވިކީ ޑޯނާ" އަކީ ދަރިފަނި ހަދިޔާކުރާ މީހެއްގެ ވާހަކަ ކިޔައިދިން ރޮމޭންޓިކް ކޮމެޑީއެކެވެ.

އަންނަ އަހަރު ރިލީޒްކުރާ ރަންވީރު ސިންގްގެ ކްރިކެޓް ފިލްމު "83" ގެ ކާސްޓްގައި ހިމެނޭ ބޮމަން އެންމެ ފަހުން ފެނިގެން ދިޔައީ ނެޓްފްލިކްސް އިން ސްޓްރީމްކުރި ދަރުމާ ޕްރޮޑަކްޝަންގެ "ޑްރައިވް" އިންނެވެ.

"ހަންގާމާ" ގެ ސީކްއެލްއެއް

ކޮމެޑީ ފިލްމުތައް ހަދަން މޮޅު ޑައިރެކްޓަރު ޕްރިޔާ ދަރުޝަން 2003 ގައި ގެނެސްދިން ފިލްމު "ހަންގާމާ" ގެ ދެވަނަ ބަޔަކާ އެކު، ބޮލީވުޑަށް އެނބުރި އަންނަން ނިންމައިފި އެވެ.

"ބޫލް ބުލައްޔާ" އާއި "ހަލްޗަލް" އަދި "ގަރަމް މަސާލާ" ފަދަ ފިލްމުތައް ގެނެސްދިން ދިން ޑައިރެކްޓަރު އެންމެ ފަހުން ގެނެސްދިން ހިންދީ ފިލްމަކީ 2013 ގެ "ރަނގްރޭޒް" އެވެ.

ޕްރިޔާދަރުޝަން ބުނީ "ހަންގާމާ 2" ވެގެން ދާނީ ވަރަށް ވަރަށް ކްލީން ކޮމެޑީއަކަށް ކަމަށެވެ. އަދި ފިލްމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ބުންޏެެވެ. "ހަންގާމާ" އަކީ މިހާރު ފިލްމުތަކުން ވަރަށް މަދުން ފެންނަ އަކްޝަޔޭ ކަންނާ ރިމީ ސެންގެ އިތުރުން އަފްތާބް ޝިވްދަސާނޫ ލީޑް ރޯލް ކުޅުނު ފިލްމެކެވެ.

ނަމަވެސް "ހަންގާމާ 2" އިން އަކްޝަޔޭ އާއި ރިމީ ނުފެނުނު ނަމަވެސް، ފިލްމުގެ މައިގަނޑު އެހެން ތަރިން ކާސްޓްގައި ހިމެނޭނެ އެވެ. އޭގެ ތެރޭގައި ޝަކްތީ ކަޕޫރާއި ޕަރޭޝް ރާވަލް އަދި ރާޖްޕަލް ޔާދަވް ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454