މީޒާން.
28 ނޮވެމްބަރ 2019 - 07:31
ސަންޖޭ ލީލާ ބަންސާލީ އަށް ބޮޑުބޭބެ ކިޔާ ޝަރުމިން ސޭގަލްއާ އެކު ފިލްމު "މަލާލް" އިން މި އަހަރު ބޮލީވުޑަށް ތައާރަފުވި އެކްޓަރު މީޒާން ޖެފްރީ އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މަޝްހޫރު އެކްޓަރު ޖާވިދު ޖެފްރީގެ ދަރިފުޅު ސޮއިކުރި ދެވަނަ ފިލްމަކީ ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ "ހަންގާމާ 2" އެވެ. މިއީ އޭނާ 2003 ގައި އަކްޝަޔޭ ކަންނާއި ރިމީ ސެންގެ އިތުރުން އަފްތާބް ޝިވްދަސާނީއާ އެކު ގެނެސްދިން ކޮމެޑީ ފިލްމު "ހަންގާމާ" ގެ ދެވަނަ ބައެވެ.
ހަ އަހަރު ފަހުން ޕްރިޔާދަރުޝަން "ހަންގާމާ 2" އާ އަލުން ބޮލީވުޑަށް އެނބުރި އަންނަ އިރު، އޭނާ ވަނީ ފިލްމުގެ ބަތަލުގެ ރޯލަށް މީޒާން ހަމަޖެއްސިކަން ކަށަވަރުކޮށް ދީފަ އެވެ. ޕްރިޔާދަރުޝަން އެންމެ ފަހުން ގެނެސްދިން ހިންދީ ފިލްމަކީ 2013 ގެ "ރަނގްރޭޒް" އެވެ.
"ހަންގާމާ ދޭއްގެ ބަތަލަކަށް މިހާރު މީޒާން ނަގައިފިން. އަހަންނަށް ވަރަށް ކަމުދާ އެކްޓަރެއް އެއީ. ސްކްރީން ޕްރެޒެންސް ހިތްގައިމު އަދި ނަށަން ވެސް ވަރަށް ހުނަރުވެރި އެކްޝަންތަކަށް ވެސް މޮޅު އެކްޓަރެއްގެ ގޮތުގައި އަހަންނަށް މީޒާން ފާހަގަކުރެވެނީ،" ބޮލީވުޑް ހަންގާމާ އަށް ޕްރިޔާދަރުޝަން ބުންޏެވެ.
އޭނާ ބުނީ "ހަންގާމާ 2" ގެ ތައްޔާރީތައް ވަރަށް ބާރަށް މިހާރު ކުރިއަށްދާ އިރު، މާ ލަސްތަކެއް ނުކޮށް ފިލްމުގެ ލީޑް ބަތަލާ އަކީ ކާކުކަން ވެސް އިއުލާންކުރާނެ ކަމަށެވެ.
"ގަރަމް ސަމާސާލާ" އާއި "ބޫލް ބުލައްޔާ" އަދި "ހަލްޗަލް" ކާމިޔާބު ފަދަ ފިލްމުތައް ގެނެސްދިން ޕްރިޔާދަރުޝަން ބުނިގޮތުގައި "ހަންގާމާ 2" އަކީ ފުރަތަމަ ބަޔަށް ވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ އަދި މަޖާ ފިލްމަޖަށް ވާނެ އެވެ. އަދި ފިލްމުގެ ލީޑް ކާސްޓް މި ފަހަރު ބަދަލުވިޔަސް، ކުރީ ފިލްމުގައި ހިމެނުނު މުހިއްމު ބައެއް ކާސްޓުން އާ ފިލްމުގައި ވެސް ހިމެނޭނެ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ޝަކްތީ ކަޕޫރާއި ޕަރޭޝް ރާވަލްގެ އިތުރުން ރާޖްޕަލް ޔާދަވް ހިމެނެ އެވެ.
ޕްރިޔާދަރްޝަން.
މީޒާން ދެވަނަ ފިލްމަކަށް ސޮއިކުރި އިރު، އޭނާގެ އަލަތު ފިލްމު އަދި ބަންސާލީ ޕްރޮޑިއުސްކުރި "މަލާލް" އަކީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމެއް ނޫނެވެ. އެކަމަކު ޖުލައި މަހު ރިލީޒްކުރި ފިލްމުގައި މީޒާން ދެއްކި އެކްޓިން އަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy