ތާޕްސީ.
01 ޑިސެމްބަރ 2019 - 07:49
މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ ފިލްމަކަށް ބަތަލާ ތާޕްސީ ޕައްނޫ ސޮއިކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމަކީ ބަންސާލީ އާއި ޝަބީނާ ޚާން ގުޅިގެން ޕްރޮޑިއުސްކުރާ "ސިއާ،ޖިއާ" ކިޔާ ފިލްމެކެވެ. އެގޮތުން ފިލްމުގައި ތާޕްސީ ކުޅޭނީ ޑަބަލް ރޯލެއް ކަމަށްވެ އެވެ. މީގެ ކުރިން އަދި އެއްވެސް ފިލްމެއްގައި އޭނާ ފިލްމެއްގެ ޑަބަލް ރޯލެއް ނުކުޅެ އެވެ
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ފިލްމު ޑައިރެކްޓްކުރާނެ މީހަކު އަދި ނުނިންމި ނަމަވެސް، "ސިއާ،ޖިއާ" ގެ ސްކްރިޕްޓް މިހާރު ވަނީ ނިންމައިފަ އެވެ. އަދި ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށްވެ އެވެ.
ބަންސާލީ ކަހަލަ ޕްރޮޑިއުސަރެއްގެ ފިލްމެއް ތާޕްސީ އަށް ލިބުމަކީ ވަރަށް ވެސް ބޮޑު ކުރިއެރުމަކަށްވާނެ އެވެ. ބޮލީވުޑްގެ އޭ ލިސްޓް-ތަރިއެއްގެ ގޮތުގައި ތާޕްސީ ސިފަނުކުރި ނަމަވެސް އޭނާ އަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އަބަދު ވެސް ތަފާތު އެކި ކަހަލަ ރޯލްތައް ކުޅެން ކުޅަދާނަ ބަތަލާއެކެވެ.
އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ ބަތަލާގެ ހަތަރު ފިލްމެއް މި އަހަރުގެ މިހާތަނަށް ރިލީޒްކޮށްފައިވާ އިރު އޭގެ ތެރޭގައި ހިންދީ ތިން ފިލްމެއް ހިމެނެ އެވެ. އަދި އަތުގައި މިހާރު ވެސް ޝައުގުވެރި ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "ތައްޕަޅު" އާއި "ރާޝްމީ ރޮކެޓް" ހިމެނެ އެވެ.
މި އަހަރު ތާޕްސީ، 32، ފެނިގެން ދިޔަ ހިންދީ ފިލްމުތަކަކީ "ބަދުލާ" އާއި "މިޝަން މަންގަލް" ގެ އިތުރުން "ސާންޑް ކީ އާނކް" އެވެ. "ގޭމްއޯވާ" އަކީ ތާޕްސީ ފެނިގެން ދިޔަ ތަމަޅަ/ތެލެގޫ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy