ދީޕިކާ ރިތިކް ސިފަކުރީ ޑެޒަޓްއެއްގެ ގޮތުގައި
02 ޑިސެމްބަރ 2019 - 07:24
ރިތިކް ރޯޝަންގެ އެންމެ ފަހުން ރިލީޒްވި ފިލްމް "ވޯ" ބަލާފައި، "ޑެތު ބައި ޗޮކްލެޓް" އޭ ބުނެ ރިތިކަށް ތައުރީފްކޮށްފި އެވެ.
ޗޮކްލެޓުން އުފައްދާ މީރު ކާނާތައް މާކެޓްކުރުމުގައި ބޭނުންކުރާ މި އިބާރާތް ދީޕިކާ ބޭނުންކޮށްފައިވަނީ ފިލްމެއްގައި ރިތިކް އުޅޭ ނަމަ އެ ފިލްމެއް މީހުންނަށް ކަމުދާނެކަން ސިފަކޮށްދިނުމުގެ ގޮތުން ކަމަށް ބެލެވެ އެވެ. ދީޕިކާ "ވޯ" ސިފަކުރީ ދުނިޔެ އަށް މަޝްހޫރު ކޯނަ ހައުސްގެ ޑެތު ބައި ޗޮކްލެޓްގެ ގޮތުގަ އެވެ.
ރިތިކަކީ ބޮލީވުޑްގައި ރަސްކަން ކުރަމުންދާ އެންމެ ރީތި އެއް ބަތަލު ކަމުގައި ގިނަބަޔަކު އެއްބަސްވެ އެވެ.
ދީޕިކާގެ މިޓްވީޓް ވައިރަލް ވެފައި ވާއިރު ގިނަ ބަޔަކު ވަނީ ދީޕިކާގެ މި ވާހަކައާ އެއްބަސްވާ ކަމަށް ބުނެފަ އެވެ. އަދި ހަމަ މިއާއެކު މިދެތަރިންގެ ފޭނުން ވަނީ އެކުގައި ފިލްމެއްގައި މަސައްކަތް ކުރުމަށް ރިކުއެސްޓްތައް ފޮނުވަން ފަށައިފަ އެވެ.
@iHrithik in WAR is like Death by Chocolate from Corner House!🤤...Just Saying...
— Deepika Padukone (@deepikapadukone) December 1, 2019
ބޮލީވުޑް ރިޕޯޓްތައް ބުނާގޮތުން، 1982 ވަނަ އަހަރު އަމީތާބް ބައްޗަން ކުޅުނު ސައްތޭ ޕެ ސައްތާގެ ރިމޭކްގައި މިދެތަރިން ފުރަތަމަ ފަހަރަށް އެކުގައި ފެންނާނެ އެވެ.
ވޯ ގައި ރިތިކް ރޯޝަންއާއެކު ދެން ފެންނަނީ ޓައިގާ ޝްރޮފް އަދި ވާނީ ކަޕޫރެވެ. އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކޮށް ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އެކްޝަން ތުރިލާއެކެވެ.
ދީޕިކާ މިހާރު ތައްޔާރުވަމުން އަންނަނީ އަލަށް ރިލީޒްވާން އުޅޭ ފިލްމު ޗަޕާކް އަށެވެ. މި ފިލްމަކީ އެސިޑް އެޓޭކްގެ ޝިކާރައަކަށްވި ލަކްސްމީ އަގަރްވާލްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މެގްނާ ގުލްޒާރު ޑައިރެކްޓްކުރާ މިފިލްމުގައި ދީޕިކާއާއެކު ދެން ފެނިގެންދާނީ ވިކްރާންތު މާސޭ އެވެ. ޗަޕާކް ރިލީސް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 10 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy